އެމްޑީޕީގެ ގައުމީ މަޖިލީހުގެ ދެބައިކުޅަ އެއްބައި މެމްބަރުން ތިބީ ސަރުކާރު ވަޒީފާގައި

އެމްޑީޕީގެ ގައުމީ މަޖިލީހުގެ 53 ޕަސެންޓު މެމްބަރުން ތިއްބެވީ ސަރުކާރާއި ކުންފުނިތަކުގެ މަގާމުތަކުގައި ކަމަށް އެ ޕާޓީން މިރޭ ބުނެފި އެވެ.


ސަރުކާރު ކޯލިޝަންގައި ހިމެނޭ އެންމެ ބޮޑު ޕާޓީން ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި އެ ޕާޓީގެ ޗެއާޕާސަން، ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ވިދާޅުވީ އެމްޑީޕީގެ ގައުމީ މަޖިލީހުގައި މި ވަގުތު 147 މެމްބަރުން ތިބި ކަމަށެވެ. އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ 65 މެމްބަރުންނާއި ކައުންސިލްތަކުގެ ފަސް މެމްބަރުން ހިމެނިވަޑައިގަންނަވަ އެވެ.

އެހެންވެ އެ މެމްބަރުން ކަނޑާލައި، އެމްޑީޕީ ގައުމީ މަޖިލީހުގެ 41 މެމްބަރުން ތިބީ ސަރުކާރުގެ ސިޔާސީ މަގާމުތަކާއި ކުންފުނިތަކުގެ މަގާމުގައި ކަމަށް ވިދާޅުވި އެވެ.

"އެއީ މުޅި ގައުމީ މަޖިލީހުގެ 53 ޕަސެންޓް މި ވަގުތު އެ ތިއްބެވީ ސަރުކާރުގައި އަދި ކުންފުނިތަކުގައި."

އެމްޑީޕީގެ ގައުމީ މަޖިލީހުގައި ހިމެނެނީ، އެ ޕާޓީގެ ޗެއާޕާސަން، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން، ދާއިރާތަކުގެ ރައީސުން، ޗެއާޕާސަންގެ ނައިބުން، ޒުވާނުންގެ އޮއިވަރުގެ ރައީސް އަދި އިސްލާމްދީނުގެ މަޝްވަރާ މަޖިލީހުގެ ރައީސެވެ.

ސަރުކާރުގައި ކޮންމެ ޕާޓީއެއް ވެސް ހިއްސާވާނެ ނިސްބަތް ވަނީ ކަނޑައަޅައިފަ އެވެ. އެގޮތުން އެމްޑީޕީ އަށް 40 ޕަސެންޓް، ޖުމްހޫރީ ޕާޓީ އަށް 25 ޕަސެންޓް، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް 20 ޕަސެންޓް އަދި އަދާލަތު ޕާޓީ އަށް ކަނޑައަޅާފައި ވަނީ 15 ޕަސެންޓެވެ. މަގާމުތަކަށް ބޭފުޅުން އައްޔަންކޮށްފައި ވަނީ އެ އުސޫލުންނެވެ.