ހުޅުމާލެއިން ބިން ވިއްކަން ނިންމައިފައެއް ނެތް: އެޗްޑީސީ

ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ބިން ވިއްކުމާ މެދު ވަކި ގޮތެއް ނިންމާފައިނުވާ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިރޭ ބުނެފި އެވެ.


ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހިއްކި ސަރަހައްދުން ބިން ވިއްކަން ނިންމާފައިވާ ކަމަށް ބުނެ ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ހަބަރާ ގުޅިގެން އެޗްޑީސީން ނެރުނު ބަޔާނުގައި ބުނީ ހުޅުމާލޭގެ ދެ ވަނަ ފިޔަވަހިން ބިން ވިއްކުމާ މެދު އެޗްޑީސީގެ ބޯޑުން ވަކި ގޮތެއް ނިންމާފައިނުވާ ކަމަށެވެ. އެކަމާ ގުޅޭގޮތުން އިތުރު ވާހަކައެއް ބަޔާނުގައި ބުނެފައެއް ނުވެ އެވެ. ހުޅުމާލެެއިން ބިން ވިއްކާ ވާހަކައާ ގުޅިގެން އެކަން ނުކުރުމަށް އާންމުންގެ ގިނަ ބަޔަކު ވެސް ވަނީ ގޮވާލައިފަ އެވެ. އެހެންވެއްޖެ ނަމަ އެ ފުރުސަތު ލިބޭނީ ހަމައެކަނި މުއްސަނދިންނަށް ކަމަށް އާންމުން ބުނެ އެވެ.

އެ ކުންފުނިން ބުނީ ހުޅުމާލެއަކީ މާސްޓާ ޕްލޭނެއްގެ ދަށުން ތަރައްގީކުރަމުން އަންނަ ތަނަކަށް ވާއިރު، އެ ޕްލޭން ހަދާފައިވަނީ އެކި ބޭނުންތަކަށް ހާއްސަކޮށްގެން ކަމަށެވެ. ރެސިޑެންޝަލް، ކޮމާޝަލް، އިންޑަސްޓްރިއަލް އަދި ކޮމިއުނިޓީ ބޭނުންތަކަށް މާސްޓާ ޕްލޭނުން ޖާގަ ދީފައިވާ ކަމަށް ބުންްޏެވެ.

އެ ބިންތަކުގެ ބޮޑު ހިއްސާއެއް އަދާކުރަނީ އާއްމު ރައްޔިތުންނަށް އިޖުތިމާއީ އަދި އަތްފޯރާ އަގެއްގައި ބޯހިޔާވަހިކަން ފޯރުކޮށްދޭން ތައާރަފްކުރާ މަޝްރޫއުތަކަށް ކަން ފާހަގަކުރި އެވެ.

އެކަންކަމުގެ އިތުރުން، މާލެއިން ލިބިފައިވާ ބިންކޮޅުގެ ބަދަލުގައި ހުޅުމާލެއިން ގޯތި ލިބޭނެ ކަމުގެ ލިޔުން ލިބި، މިހާތަނަށް ގޯތި ނުލިބޭ މީހުންނަށް މި އަހަރު ހުޅުމާލެއިން ގޯތި ދޫކުރާނެ ކަމަށް އެޗްޑީސީން ބުންޏެވެ.

ރައްޔިތުންގެ މަޖިލިސް މި އަހަރަށް ހުޅުވުމަށް މިދިޔަ ހަފުތާގެ ހޯމަ ދުވަހު ބޭއްވި ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވެށިފަހި މާލެ ޕްރޮގްރާމުގެ ތެރެއިން ގޯތި ލިބޭނެކަމުގެ ލިޔުން ހަވާލުކޮށް، ނަމަވެސް ގޯތި ނުލިބޭ މީހުންނަށް މި އަހަރުގެ ތެރޭގައި ގޯތި ހަވާލުކުރާނެ ކަމަށް ވިދާޅުވެފަ އެވެ.

"މިއަހަރުގެ ތެރޭގައި ހައްގުވެރި ފަރާތްތަކަށް ހަވާލުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް މި ކޯޕަރޭޝަނުން ކުރަމުންދާކަމުގައި ވެސް ފާހަގަކުރަމެވެ،" އެޗްޑީސީގެ ބަޔާނުގައި ބުންޏެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ބިން ވިއްކަން ނިންމާފައިނުވާ ކަމަށް އެޗްޑީސީން ބުނިއިރު، މުއްސަނދިންނަށް އެތަނުން ބިން ވިއްކުމާ ދެކޮޅަށް ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ބައެއް މެމްބަރުން ވަނީ ވާހަކަދައްކަވައިފަ އެވެ. އެ ބޭފުޅުން ވިދާޅުވީ މާލޭގެ ތޮއްޖެހުމަށް ލުޔެއް ހޯދަން ހިއްކި 240 ހެކްޓަރުގެ ބިން "މުއްސަނދިންނަށް" ވިއްކުމަކީ އިންސާފެއް ނޫން ކަމަށެވެ.

މިކަމާ ދެކޮޅަށް ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ރަޝީދު ވިދާޅުވީ ބިން ވިއްކުން "މިހާރުން މިހާރަށް ހުއްޓުވަން ޖެހޭ" ކަމަށެވެ. މާލެއަކީ ތޮއްޖެހުން ބޮޑު، ފަގީރު ތަނެއްގެ ގޮތުގައި ބާއްވާފައި މުއްސަނދިންނަށް ބިން ވިއްކަން އުފެއްދި ކުންފުންޏަކަށް އެޗްޑީސީ ވެގެން ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ބޮޑު އާބާދީއަކަށް އަމާޒުކޮށްފައިވާ އެތަނުގައި ސޯޝަލް ހައުސިން އަށް 7،000 ފްލެޓާ އެކު ގިނަ އިމާރާތްތަކެއްގެ މަސައްކަތް ކުރަމުން އެބަދެ އެވެ.