އުމްރާ އަށް ދާން ކުރިން ވިސާ ނަގަން ނުޖެހޭ ގޮތް ހަމަޖެހިއްޖެ

އުމްރާ އަށް ދާ ދިވެހިންނަށް ސައޫދީ އަރަބިއްޔާގެ ވިސާ ކުރިން ހޯދުމަކާ ނުލައި، އޮން އެރައިވަލް ވިސާ ލިބޭނެ ގޮތް ހަމަޖެހިފައިވާ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ. އެ މިނިސްޓްރީގައި ބޭއްވި ނިއުސް ކޮންފަރެންސްގައި މިނިސްޓަރު އިއުލާނު ކުރެއްވި ގޮތުގައި ސައޫދީ އަށް ޓޫރިސްޓުންގެ ގޮތުގައި ދާ ދިވެހިންނާއި އުމްރާވެރިންނަށް އޮންއެރައިވަލް ވިސާ ހަމަޖެހޭނެ ކަމަށް އެ ގައުމުގެ ސަރުކާރުން ވަނީ އަންގައިފަ އެވެ.


އެކަމަށް އަމަލީ ސިފައެއް ގެނައުމުގެ އިދާރީ ކަންކަން ސައުދީން ކުރަމުން އަންނަ ކަމަށާއި އޮންއެރައިވަލް ވިސާ ނަގަން ފަށާނެ ތާރީޚު ވެސް ލަސްތަކެއް ނުވެ އިއުލާނުކުރާނެ ކަމަށް ސައޫދީ ސަރުކާރުން އަންގާފައިވާ ކަމަށް ޝާހިދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ސައޫދީ އަށް އޮންއެރައިވަލް ވިސާ ހަމަޖެހުމާ އެކު، އެ ގައުމަށް ދިވެހިން ދިއުމުގެ ކުރިން އޮންލައިކޮށް ވިސާ އަށް އެޕްލައި ކުރެވޭނެ ކަމަށެވެ. އަދި ސައޫދީ އަށް ގޮސް އެތަނުގެ އެއާޕޯޓުގައި ވިސާ އަށް އެޕްލައިކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް ޝާހިދު ވިދާޅުވި އެވެ..

ސިންގަލް އެންޓްރީ ނަމަ އެއް މަސް ދުވަހަށް އަދި މަލްޓިޕްލް އެންޓްރީ އަށް އެއް އަހަރު ދުވަހުގެ ވިސާ ނަގައިފި ނަމަ އެ އަހަރުގެ ތެރޭގައި ސައޫދީގައި 90 ދުވަހު ތިބުމުގެ ފުރުސަތު ދިވެހިންނަށް ލިބޭނެ އެވެ.

"އަދި މި ބަދަލުގެ ސަބަބުން، ވިސާ ފީ އަށް ދައްކަންޖެހޭ އަދަދު ވަރަށް ބޮޑަށް ލުއިވެގެން ދާނެ،" ޝާހިދު ވިދާޅުވި އެވެ. ސައުދީ ވިސާގެ އަގަކީ 440 ރިޔާލް (117 ޑޮލަރު) އެވެ. އޭގެ ތެރޭގައި ހިމެނެނީ ބޭސް ފީގެ ގޮތުގައި 300 ރިޔާލު އަދި ހެލްތު އިންޝުއަރެންސްގެ ގޮތުގައި 140 ރިޔާލެވެ. މި އަދަދުގެ އިތުރުން ވީއޭޓީ އަދި ޕްރޮސެސިން ފީ ދައްކަންޖެހޭނެ އެވެ. ސައޫދީ އަށް އޮންއެރައިވަލް ވިސާ ބޭނުން ކުރެވޭނީ ހަމައެކަނި ފަތުރުވެރިކަމާއި އުމްރާގެ އަޅުކަމަށެވެ. އެހެންވެ ހައްޖުގެ އަޅުކަމާއި ސިއްހީ ފަރުވާއަށާއި އެ ގައުމުގައި މަސައްކަތްކުރުން ފަދަ ކަންކަމަށް އެ ވިސާ ބޭނުމެއް ނުކުރެވޭނެ އެވެ.

ސައުދީ އޮން އެރައިވަލް ވިސާއާ ބެހޭ މައުލޫމާތު ހާމަކުރުމަށް މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި ފޮރިން މިނިސްޓަރު ޝާހިދު ވާހަކަ ދައްކަވަނީ-- ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް/މިހާރު

އޮންއެރައިވަލް ވިސާ ލިބޭ ގޮތަށް ހަމަޖައްސާފައިވާ ކެޓަގަރީ އޭގައި މިހާރު ހިމެނެނީ 49 ގައުމެކެވެ. އެކަން ކޮށްފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ. އެ ކެޓަގަރީގައި ހިމެނުމުން ރާއްޖެ ވާނީ، އޭޝިޔާ ބައްރުން، ސައުދީ އޮން އެރައިވަލް ވިސާ ލިބޭ އަށް ވަނަ ގައުމަށެވެ. އޭގެ އިތުރުން ސައުދީ ހިމެނޭ ޖީސީސީގެ ގައުމުތައް ފިޔަވައި ރާއްޖެ އަކީ މުސްލިމް ގައުމުތަކުގެ ތެރޭގައި ސައުދީން އޮންއެރައިވަލް ވިސާ ލިބޭ ހަތަރު ވަނަ ގައުމެވެ. ދެކުނު އޭޝިޔާގެ ގައުމުތަކުގެ ތެރެއިން ސައުދީ އޮންއެރައިވަލް ވިސާ ލިބޭ ހަމައެކަނި ތަނަކީ ރާއްޖެ އެވެ. "ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ހާރިޖީ ސިޔާސަތު ބައްޓަންވެފައިވަނީ ގައުމުތަކާ މެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމުގެ މައްޗަށް. ހާރިޖީ ސިޔާސަތުގައި އަޅުގަނޑުމެންނަކީ ގައުމުތަކާ އެކު ގުޅުން ބަދަހިކުރާ ބައެއް. ހަތުރުވެރިކަމެއް ނެތި، މިތުރުވެރިކަން އިސްކޮށް، ގުޅުންތައް އާލާކުރާ ގައުމެއް،" ޝާހިދު ވިދާޅުވި އެވެ.

"އަދި ބައިނަލްއަގުވާމީ މަސްރަޙުގައި ސާބިތުކަމާއެކު އިސްއުފުލައި، ރާއްޖޭގެ ހައިބަތު އުފުލައިދޭން ކެނޑިނޭޅި މި ކުރާ މަސައްކަތުގައި މި ސަރުކާރުން ގިނަ ކާމިޔާބީތަކެއް ހޯދާފައިވާކަން އަޅުގަނޑު ފާހަގަކޮށްލަން."

ފޮރިން މިނިސްޓަރު ޝާހިދު މިއަދު ބޭއްވެވި ނިއުސް ބްރީފިންގައި ވާހަކަ ދައްކަވަނީ.

ކުރިން ވިސާ ނެގުމަކާ ނުލައި މިހާރު ވެސް 84 ގައުމަކަށް ދިވެހިންނަށް ދަތުރުކުރެ އެވެ. މިދިޔަ އަހަރު އެކަނި ވެސް ދުބާއީ، ރަޝިޔާ، މޮރޮކޯ އަދި ތައިލެންޑަށް ކުރިން ވިސާ ނެގުމަކާ ނުލައި ދިވެހިންނަށް ދަތުރުކުރެވޭ ގޮތަށް އެގްރިމެންޓްތައް ވަނީ ހަދައިފަ އެވެ. ޝާހިދު ވިދާޅުވީ ހައްޖާއި އުމްރާގެ އަޅުކަމަށާއި އެހެނިހެން ކަންކަމަށް ސައުދީއަށް ޒިޔާރަތްކުރާ ދިވެހިންނަށް މިހާރަށްވުރެ ފުރިހަމައަށް ހިދުމަތް ދިނުމުގެ ބޭނުމުގައި، އެ ގައުމުގެ ޖިއްދާގައި އުފައްދާފައިވާ ކޮންސިއުލޭޓް ހުޅުވަން މި ހަފުތާގައި ހުއްދަ ދީފައިވާ ކަމަށެވެ. މިއަހަރުގެ ހައްޖު މޫސުމަށް ކޮންސިއުލޭޓްގެ ހިދުމަތް ދިނުމަށް އެތަން ހުޅުވުމުގެ ތައްޔާރީތައް ވަމުން އަންނަކަން ފާހަގަކުރެއްވި އެވެ.

ވިސާއާ ގުޅޭ މުހިއްމު މައުލޫމާތު

ޓޫރިސްޓެއްގެ ގޮތުގައި ޒިޔާރަތްކުރަން ވިސާ ހޯދާނީ ކިހިނެއް؟

އެ މީހަކު ދަތުރުގެ ކުރިން، ސައުދީ އީ-ވިސާ ޕްލެޓްފޯމް މެދުވެރިކޮށް އީ-ވިސާއަކަށް ނުވަތަ ސައުދީ އަރަބިއްޔާއަށް އެތެރެވާ ވަގުތު އިމިގްރޭޝަނުން ލިބޭގޮތަށް އޮން އެރައިވަލް ވިސާއަކަށް ނުވަތަ ކޮންސިއުލޭޓް ވިސާއަކަށް އެދެވިދާނެ އެވެ.

އޮން އެރައިވަލް ވިސާ ހޯދާނީ ކިހިނެއް؟

ސައުދީ އަށް އެތެރެވާ ވަގުތު، އިލެކްޓްރޯނިކް ކިއޮސްކް ނުވަތަ އިމިގްރޭޝަން ކައުންޓަރުން އޮން އެރައިވަލް ވިސާ ހޯދިދާނެ އެވެ. މިކަމަށް ދައްކަންޖެހޭ ވިސާ ފީ، ކްރެޑިޓް ކާޑް މެދުވެރިކޮށް ދެއްކޭނެ އެވެ. އެހެންކަމުން ބައިނަލްއަގުވާމީ ގޮތުން ބޭނުންކުރެވޭ ކްރެޑިޓް ކާޑެއް ސައުދީ އަރަބިއްޔާ އަށް ޒިޔާރަތްކުރާއިރު ގެންދަން ސަމާލުކަން ދިނުމަށް ފޮރިން މިނިސްޓްރީން އެދެ އެވެ.

ވިސާއަށް އެދުމަށް ފަހު އެޕްލިކޭޝަން ސްޓޭޓަސް ބަލާނީ ކިހިނެއް އަދި ކޮން އިރަކުން؟

އީ-ވިސާއަށް އެދޭ ފަރާތްތަކަށް، ވިސާއަށް އެދި ހުށަހަޅާތާ 30 މިނެޓުގެ ތެރޭގައި ވިސާ ލިބޭނެ އެވެ. އޮން އެރައިވަލް ވިސާއަށް އެދޭ ފަރާތްތަކަށް އިލެކްޓްރޯނިކް ކިއޮސްކް ނުވަތަ އިމިގްރޭޝަން ކައުންޓަރުން ވަގުތުން އޮން އެރައިވަލް ވިސާ ލިބޭނެ އެވެ. އަދި ކޮންސިއުލޭޓް ވިސާއަށް އެދި ހުށަހަޅާފަރާތްތަކަށް ވިސާއަށް އެދި ހުށަޅާތާ ރަސްމީ 1-2 ދުވަހުގެ ތެރޭގައި ވިސާ ލިބޭނެ އެވެ.

ހައްޖު/އުމްރާގެ އަޅުކަމަށް ވިޒިޓް ވިސާއަކަށް އެދެވިދާނެތޯ؟

އުމްރާގެ އަޅުކަން އަދާކުރުމަށް ވިސިޓް ވިސާއަކަށް އެދެވިދާނެ އެވެ. ހައްޖު މޫސުމުގައި އުމްރާގެ އަޅުކަން އަދާކުރެވޭކަށް ނޯވެ އެވެ. ހައްޖުގެ އަޅުކަން އަދާކުރުމަށް ސައުދީ ޢަރަބިއްޔާގެ ހައްޖު މިނިސްޓްރީ މެދުވެރިކޮށް އެކަމަށް ހާއްސަ ވިސާއެއް ނަގަން ޖެހޭނެ އެވެ.

ފަތުރުވެރިކަމަށް ދޫކުރާ ވިޒިޓް ވިސާގައި، މުސްލިމް އަންހެނަކަށް މަހުރަމަކާއި ނުލާ އުމްރާގެ އަޅުކަން އަދާކުރެވިދާނެތޯ؟

ފަތުރުވެރިކަމަށް ދޫކުރާ ވިސިޓް ވިސާގައި، މުސްލިމް އަންހެނަކަށް މަޙްރަމަކާއި ނުލާ ޢުމްރާގެ އަޅުކަން އަދާކުރެވިދާނެ އެވެ.

ޓޫރިސްޓް ވިސާއަށް އެދެވޭނީ 18 އަހަރުވެފައިވާ މީހުންނަށެވެ. އެ އުމުރު ހަމަނުވާނަމަ، ބެލެނިވެރިއެއްގެ ގޮތުގައި 18 އަހަރުވެފައިވާ މީހެއް ހުށަހަޅަންޖެހެ އެވެ.