ސީޝެލްސްގެ ރަށްތައް ވެސް ކުއްލިއަކަށް މާބޮޑަށް ގިރަން ފަށައިފި

ޖަޒީރާ ގައުމެއް ކަމަށްވާ ސީޝެލްސްގެ ރަށްތައް ވެސް މިދިޔަ ހަފުތާ އިން ފެށިގެން ކުއްލިއަކަށް މާބޮޑަށް ގިރަން ފަށާފައިވާ ކަމަށް އެ ގައުމުން ބުނެފި އެވެ.


ސީޝެލްސްގެ މިނިސްޓްރީ ފޯ އެނާޖީ، އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ޗޭންޖުގެ ސީނިއާ ކްލައިމޭޓް ޗޭންޖެ އޮފިސަރު އެނީ ސިމިއޯންއާ ހަވާލާދީ ސީޝެލްސް ނިއުސް އެޖެންސީން ބުނީ ރަށްތައް މާބޮޑަށް ގިރަން ފަށާފައިވަނީ މޫސުމަށް ބަދަލު އައިސް ކަނޑުގެ ލޮނުގަނޑު އުފުލި ރާޅުތައް މާބޮޑަށް ވަރުގަދަވުމުން ކަމަށެވެ. އެހެންވެ މިހާރު އަންނަނީ ގިރާ ސަރަހައްދުތައް ހިމާޔަތްކުރުމަށް ކުއްލި ގޮތުގައި މަސައްކަތްތަކެއް ކުރަމުން ކަމަށް އޭނާ ވިދާޅުވި އެވެ.

މި ދުވަސްވަރު ރާއްޖޭގެ ވަރަށް ގިނަ ރަށްރަށަށް ވެސް، ރަށް ގިރުމުގެ މައްސަލަ ކުއްލިއަކަށް ވަނީ ބޮޑުވެފަ އެވެ. ބައެއް ރަށްރަށުގެ ބޮޑު ބައެއް ދެތިން ދުވަސް ތެރޭ ގިރައި ހުސްވެފައިވެ އެވެ.

ސީޝެލްސްގައި ގިރާލާފައި އޮތް ސަރަހައްދެއް ހިމާޔަތްކުރަން ލަކުޑި ޕައިލްކޮށްފައި. -- ފޮޓޯ: އެސްއެންއޭ

އިންޑިއާ ކަނޑުގެ ހުޅަނގުގައި އޮންނަ 115 ރަށުގެ މައްޗަށް އެކުލެވޭ ސީޝެލްސްގެ ބޮޑު ދިޔަ އާންމުކޮށް ހުންނަނީ 1.5 މީޓަރާއި 1.6 މީޓަރާ ދެމެދުގަ އެވެ. ނަމަވެސް މިދިޔަ ޖެނުއަރީ މަހުން ފެށިގެން މި މިންގަނޑު ވަނީ 1.9 މީޓަރާއި 2.1 މީޓަރާ ދެމެދުގެ މިންވަރަކަށް ބޮޑުވެފަ އެވެ. ސީޝެލްސްގެ މީޓިއޮރޮލޮޖިކަލް އޮތޯރިޓީން ބުނީ މިއީ ނުރައްކާތެރި މިންވަރެއް ކަމަށެވެ.

"މި ސަބަބާ ހެދި ރަށް ގިރުމުގެ މައްސަލަ ކުރިމަތިވެފައިވާ ތަންތަން ހިމާޔަތްކުރުމަށް އެކި މަސައްކަތްތައް މިހާރު ވަނީ ކުރަންޖެހިފައި،" ސިމިއޯނީ ވިދާޅުވި އެވެ.

ސީޝެލްސްގައި ގިރާލާފައި އޮތް ސަރަހައްދެއް ހިމާޔަތްކުރަން ހިލަ ޖަހާފައި. -- ފޮޓޯ: އެސްއެންއޭ

ސިމިއޯނީ ވިދާޅުވި ގޮތުގައި ސީޝެލްސްގައި މައި މަގުތައް ހަދާފައި ހުންނަނީ އާންމުކޮށް ގޮނޑުދޮށަށްވާ ގޮތަށް ކަމަށާއި އެހެން ވުމުން އަތިރިމަތި ހަލާކުވާ ކަމަށެވެ. އަތިރިމަތި ހަލާކުވެ ރާޅުޖަހާ ހިސާބާއި މީހުން އުޅޭ ހިސާބުގެ ދުރުމިން ކުޑަވެފައި ވާތީ ރާޅު އެރުމުން ލިބޭ ގެއްލުންތައް ވެސް ބޮޑުވާކަން އޭނާ ފާހަގަކުރެއްވި އެވެ.

ރަށް ގިރުމާއި ރާޅު އެރުން ހުއްޓުވަން ތޮށި ލުމާއި ލަކުޑި ޕައިލްކުރުމާއި ހިލަ ޖެހުން ފަދަ ކަންކަން ކުރަމުން އަންނަ ކަމަށާއި އެކަމަކު މިއީ އާންމުން އެހާ ރުހޭ ކަންކަން ނޫން ކަމަށް ވެސް ސިމިއޯނީ ވިދާޅުވި އެވެ.

ސީޝެލްސްގައި ގިރާލާފައި އޮތް ސަރަހައްދެއް ހިމާޔަތްކުރަން ލާފައިވާ ތޮއްޓެއް -- ފޮޓޯ: އެސްއެންއޭ

ސީޝެލްސްގެ ކްލައިމެޓް ޗޭންޖް އެޑެޕްޓޭޝަން އޮފިސަރަކު ވިދާޅުވި ގޮތުގައި ތަރައްގީގެ އެކި މަޝްރޫއުތައް ވެސް ވެފައިވަނީ ރާޅު އެރުމާއި ރަށް ގިރުމުގެ މައްސަލަ ބޮޑުވާން މެދުވެރިވި ސަބަބަކަށެވެ.

ސީޝެލްސް ނިއުސް އެޖެންސީއާ ވާހަކަ ދެއްކި ބައެއް އާންމުން ކިޔައިދީފައިވާ ގޮތުގައި ކުޑަ ދުވަސްކޮޅެއްގެ ތެޜޭގައި ބީޗުން ބޮޑު ބައެއް ވަނީ ގިރާލައިފަ އެވެ. ބީޗުގައި ވިޔަފާރިތައް ހިންގާ މީހުންގެ ކަންބޮޑުވުން ވެސް ވަނީ މިކަމާ ހެދި އިތުރުވެފަ އެވެ.