އާ ސީޕްލޭން ޓާމިނަލް ދޭން އުޅުނީ ދައުލަތަށް ގެއްލުންވާ ގޮތަށް، ޖިނާއީ ތަހުގީގެއް ފަށައިފިން: އޭސީސީ

އާ ސީ ޕްލޭން ޓާމިނަލުން ލައުންޖް ހަދަން ޖާގަ ކުއްޔަށް ދޫކުރަން އޮޕަރޭޓަރުންނާ އެކު އެމްއޭސީއެލް އިން މަޝްވަރާކުރަމުން އަންނަނީ މިހާރު ޖާގަ ދޫކޮށްފައިވާ އަގުތަކަށް ބަލާއިރު ވަރަށް ކުޑަ އަގެއްގައި ކަމަށާއި އަކަ މީޓަރަކަށް މަހަކު 10.35 ޑޮލަރުގެ ރޭޓުން ދީފި ނަމަ އަހަރަކު 55 މިލިއަން ޑޮލަރުގެ ގެއްލުމެއް ދައުލަތަށް ވާނެ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ބުނެފި އެވެ.


ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހަދާ ސީ ޕްލޭން ޓާމިނަލް ހިންގުން ދައުލަތަށް ގެއްލުންވާ ގޮތަށް ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އަށް ދޭން އުޅޭ ކަމަށް ބުނެ އެކަން ހުއްޓުވައިދޭން އޭސީސީ އަށް ހުށަހެޅި މައްސަލަ ބެލުމަށް ފަހު ނެރުނު ބަޔާނުގައި ބުނެފައި ވަނީ މި މައްސަލައިގައި ގިނަ ކަންކަން އިސްލާހުކުރަން އެމްއޭސީއެލް އަށް އަންގާފައިވާ ކަަމަށެވެ. އަދި ވަކި ސީ ޕްލޭން އޮޕަރޭޓަރަކަށް ނުވަތަ އޮޕަރޭޓަރުންތަކަކަށް ނާޖާއިޒު ފައިދާ ހޯދައިދޭން މަސައްކަތް ކޮށްފައިވާ ކަމަށާއި އެ މައްސަލައިގައި ޖިނާއީ ތަހުގީގެއް ކުރަމުން އަންނަ ކަަމަށް ވެސް އޭސީސީން ބުންޏެވެ.

ދައުލަތަށް ފައިދާވާން އޮތް ކަމެއްގައި، ވަކި ބައެއްގެ މަސްލަހަތު އިސްކޮށް ނާޖާއިޒު ފައިދާތަކެއް ހޯދައިދޭން މަސައްކަތް ކުރަމުންދާ މައްސަަލަ އޭސީސީ އަށް އަމިއްލަ ފަރާތަކުން ހުށަހެޅުމުން ތަހުގީގުކޮށް ނެރުނު ބަޔާނުގައި، ޓީއެމްއޭގެ ނަން ނެތަސް އެ ކުންފުންޏާ އެކު މަޝްވަރާކުރަމުން އަންނަ އަގުތަކަށް ޓާމިނަލް ދޫކޮށްފި ނަމަ ދައުލަތަށް ލިބޭނެ ގެއްލުންތައް ތަފްސީލްކޮށްދީފައިވެ އެވެ. އޭސީސީގެ ތަހުގީގުން ވެސް އެނގެން އޮތީ ވަކި އޮޕަރޭޓަރަކަށް ނަޖާއިޒު ފައިދާ ހޯދައިދޭން މަސައްކަތް ކޮށްފައިވާ ކަމެވެ.

"ދައުލަތަށް ފައިދާއެއް ވާން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލުކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭތީ މި މައްސަަލައިގެ ޖިނާއީ ތަހުގީގު ވަކި މައްސަލައެއްގެ ގޮތުގައި ކޮމިޝަނުން މިދަނީ ތަހުގީގު ކުރަމުންނެވެ،" އޭސީސީގެ ބަޔާނުގައިވެ އެވެ.

ސީ ޕްލޭން ޓާމިނަލުން ކުރިން ޖާގަ ދޫކުރި އެއްބަސްވުންތަކަށް ބަލައި އޭސީސީން ބުނީ 2017 އާއި 2018 ގައި އެންމެ ބޮޑުކޮށް ރިސޯޓްތަކަށް ޖާގަ ދޫކުރީ އަކަ މީޓަރެއް 314 ޑޮލަރު (4،841ރ. އަށް) ކަމަށެވެ. އަދި އެންމެ ކުޑަކޮށް އަކަ މީޓަރެއް ދޫކުރީ 174 ޑޮލަރު (2،683ރ. އަށް) ކަމަށެވެ.

އެހެން ކަމުން، އެމްއޭސީއެލް އިން ސީޕްލޭން އޮޕަރޭޓަރުންނަށް ލައުންޖް ހަދަން މިހާރު ކުއްޔަށް ދޭން މަޝްވަރާކުރެވިފައިވާ އަކަ މީޓަރަކަށް 10.35 ޑޮލަރު (159ރ.)ގެ ރޭޓަކީ އެމްއޭސީއެލް އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުރި އެހެން އިމާރާތްތަކުން ޖާގަ ކުއްޔަށް ދޫކޮށްފައިވާ އަގުތަކަށް ބަލާއިރު ވަރަށް ކުޑަ އަގެއް ކަން ފާހަގަކުރެވެ އެވެ.

މި ރޭޓުތަކުން ދައުލަތަށް ލިބޭނެ ގެއްލުންތައް އޭސީސީން ވަނީ ބަލައިފަ އެވެ.

އެ ކޮމިޝަނުން ބުނީ އަކަ މީޓަރެއް ދޫކުރާ އެންމެ ބޮޑު އަގު (އަކަ މީޓަރަކަށް މަހަކަށް 314 ޑޮލަރުގެ ރޭޓު) އަޅާ ކިޔާއިރު އެމްއޭސީއެލް އިން އަކަ މީޓަރަކަށް މަަހަކަށް 10.35 ޑޮލަރުގެ ރޭޓަށް ކުއްޔަށް ދީފި ނަމަ އަހަރަކު 55 މިލިއަން ގެއްލުންވާނެ ކަމަށް ބެލެވެ އެވެ. އަދި އެންމެ ކުޑަ އަގު (އަކަ މީޓަރަކަށް 174 ޑޮލަރުގެ) ރޭޓާ އަޅާ ކިޔައިފި ނަމަ އަހަރަކު 29 މިލިއަން ޑޮލަރުގެ ގެއްލުމެއް އެމްއޭސީއެލްއަށް ލިބޭނެ އެވެ.

އާ ޓާމިނަލުން ޖާގަ ކުއްޔަށް ދޫކުރުމާ ގުޅޭ ސިޓީއެއް އެމްއޭސީއެލުން ފޮނުވާފައިވާ ކަމަށާއި އެއީ އެއްބަސްވުމެއްގެ ގޮތުގައި ޓީއެމްއޭ އިން ބެލި ނަމަވެސް އޭސީސީން ވެސް ބުނީ އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތު ވިދާޅުވި ގޮތަށް އެއީ އެއްބަސްވުމެއް ނޫން ކަމަށެވެ.

ބަޔާނުގައި ބުނެފައި ވަނީ އާ ޓާމިނަލް އޮޕަރޭޓްކުރުމާ ގުޅޭ ގޮތުން، ސީޕްލޭން އޮޕަރޭޓަރުންނާ އެކު މަޝްވަރާކޮށްފައިވީ ނަމަވެސް އެއްވެސް ބަޔަކާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފައެއް ނުވެ އެވެ.

އާ ޓާމިނަލުން ޖާގަ އަކަ މީޓަރެއް މަހަކު 154ރުފިޔާގެ ރޭޓުން ކުއްޔަށް ދޭން ނޮވެމްބަރު 28، 2017، ގައި އެމްއޭސީއެލްގެ ބޯޑު ބައްދަލުވުމެއްގައި މަޝްވަރާކޮށްފައިވާ ކަން ބަޔާނުގައިވެ އެވެ. މި މަޝްވަރާކުރި އިރު އެމްއޭސީއެލްގެ ޑިރެކްޓަރުންގެ ބޯޑުގައި ކުރިން ތިއްބެވި ބޭފުޅުންނާއި މިހާރު ތިއްބެވި ބޭފުޅުންގެ މަސްލަހަތު ޓީއެމްއޭ އާއި މަންޓާ އޭވިއޭޝަންގައި އޮންނަ ކަމަށް އޭސީސީން ބުނެފައިވެ އެވެ.

"..އެމްއޭސީއެލްގެ ޑިރެކްޓަރުންގެ ބޯޑުގައި ކުރިން ތިބި ފަރާތްތަކާއި މިހާރު ތިބި ފަރާތްތަކާ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މިހާރު ސީ ޕްލޭން އޮޕަރޭޓްކުރާ ތިން ފަރާތުގެ ތެރެއިން އަމިއްލަ ދެ ކުންފުނި ކަމަށްވާ ޓީއެމްއޭ އާއި މަންޓާ އޭވިއޭޝަން ޕްރައިވެޓް ލިމިޓެޑާ އާއިލީ އަދި ވިޔަފާރީގެ ގުޅުން އޮންނަ ކަން ފާހަގަކުރެވިފައިވާ އިރު އެމްއޭސީއެލްގެ ބޯޑުގެ ކުރީގެ އަދި މިހާރުގެ ބައެއް ފަރާތްތަކުގެ މަސްލަހަތު އެ ކުންފުނިތަކުގައި އޮންނަ ކަން އެނގެ އެވެ،" އޭސީސީން ބުންޏެވެ.

"އެހެންކަމުން އެ ފަރާތްތަކުގެ މަސްލަހަތު އޮންނަ މިފަދަ ކުންފުނިތަކާއި އެމްއޭސީއެލްއާ ދެމެދު ވެވޭ އެންމެހާ އެއްބަސްވުންތަކާ ގުޅޭ ނިންމުންތައް ނިންމާއިރު އެ ފަރާތްތަކުގެ މަސްލަހަތު ފުށުއަރާކަން މި ކޮމިޝަންގެ ތަހުގީގަށް ފާހަގަކުރެވެ އެވެ."

އާ ސީ ޕްލޭން ޓާމިނަލާ ގުޅިގެން ހަދާ 12،746 އަކަ މީޓަރުގެ އެމްއާރުއޯ ފެސިލިޓީ އަކީ ވެސް ފަސް މިލިއަން ޑޮލަރު ހޭދަކޮށްގެން ހަދާ ތަނެއް ކަން އޭސީސީން ފާހަގަކޮށްފައިވެ އެވެ. އާ ޓާމިނަލަކީ މަލްޓި އޮޕަރޭޓަރުންނަށް ބޭނުންކުރެވޭ ގޮތަށް ޑިޒައިންކޮށްގެން ހަދާ ތަނަކަށް ވާ އިރު އަކަ މީޓަރެއް 10 ޑޮލަރު (154 ރުފިޔާ)ގެ ރޭޓުގައި ވަކި ފަރާތަކަށް ދީފި ނަމަ އެމްއޭސީއެލް އަށް ލިބެން އޮތް ފައިދާ އަށް އުނިކަމެއް އަންނާނެ ކަމަށް ވެސް އޭސީސީން ބުނެފައިވެ އެވެ.

ޓީއެމްއޭ އާއި އެމްއޭސީއެލްއާ އެކު އޮތް އެއްބަސްވުން ޖޫން، 2014 ގައި ވަނީ ހަމަވެފަ އެވެ. އޭގެ ފަހުން، ކޮންމެ އަހަރަކު އެއްބަސްވުން އަންނަނީ އާ ކުރަމުންނެވެ. މިހާރު އޮތް އެއްބަސްވުން ހަމަވާނީ މި އަހަރުގެ ޖޫން މަހަށެވެ.

ޓީއެމްއޭއިން އަމިއްލައަށް އެދިގެން މިދިޔަ އަންގާރަދުވަހު ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީގައި އޮތް ބައްދަލުވުމަށް ފަހު ނެރުނު ބަޔާނެއްގައި ބުނީ، ޑިސެމްބަރު 17، 2017 ގައި، ޓީއެމްއޭގެ މެޖޯރިޓީ ހިއްސާ އެމެރިކާގެ ބްލެކްސްޓޯން އަތުން ގަތުމުގެ އެއް ހަފުތާ ކުރިން، އެމްއޭސީއެލުން ޓީއެމްއޭއަށް، އާ ޓާމިނަލާ ބެހޭ ގޮތުން ސިޓީއެއް ފޮނުވި ކަމަށެވެ. އެ ސިޓީގައި، އެ ޓާމިނަލުން ޓީއެމްއޭއަށް 31،000 އަކަމީޓަރުގެ ޖާގަ، އަކަމީޓަރަކަށް 10:35 ޑޮލަރަށް ދޭން، އެމްއޭސީއެލްގެ ބޯޑުން ނިންމާފައިވާ ކަމަށް ބަޔާންކޮށްފައި އޮތް ކަމަށް، ޓީއެމްއޭ އިން ބުންޏެވެ.

ބިމު ކުލީގެ އިތުރުން، ޓީއެމްއޭއިން ބުނީ ޓާމިނަލް ބޭނުންކުރާ ކޮންމެ ޕަސެންޖަރަކަށް ފަސް ޑޮލަރުގެ ޗާޖެއް ނަގަން ވެސް، ބޯޑުން ނިންމި ކަމަށް، އެ ސިޓީގައި އޮތް ކަމަށެވެ.އެކަމަކު އެމްއޭސީއެލްގެ ބޯޑުން އެފަދަ ނިންމުމެއް ނިންމި ކަމަށް މިހާތަނަށް އެމްއޭސީއެލުން ބުނެފައެއް ނުވެ އެވެ. އަދި ޓީއެމްއޭއާ އެކު، އާ ޓާމިނަލްއާ ބެހޭ އެއްވެސް ކަހަލަ އެއްބަސްވުމެއްގައި އެމްއޭސީއެލުން ސޮއިކޮށްފައެއް ވެސް ނުވެ އެވެ.