ޓީއެމްއޭއަށް ލަފާދޭ ކުންފުނީގައި ޝައުނާގެ މަސްލަހަތު

ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ)އަށް ލަފާދޭ ކުންފުންޏެއްގައި ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އައިމިނަތު ޝައުނާގެ ހިއްސާ ނެތަސް، އޭނާގެ ފިރިކަލުން އޭގައި އުޅުއްވާތީ އެއީ މަސްލަހަތު ފުށުއަރާ ކަމެއް ކަމަށް ބުނެ ފާޑުކިއުންތައް އަމާޒުވެއްޖެ އެވެ.


ސޯޝަލް މީޑިއާގައި އާއްމުވެފައިވާ މައުލޫމާތުތަކަށް ބަލާއިރު ޝައުނާ އަކީ 2016 އިން ފެށިގެން ޕީއާރުގެ ދާއިރާ އިން ޓީއެމްއޭއަށް ލަފާ ދެމުން އަންނަ އެޓޯލް ކޮމިއުނިކޭޝަންސްގެ މެނޭޖިން ޕާޓްނަރެކެވެ. އަދި ޕާޓްނަރުންގެ ގޮތުގައި ހިިމެނޭ މުހައްމަދު ތޯރިގް ހާމިދަކީ އޭނާގެ ފިރިކަލުންނެވެ.

ތޯރިގުގެ 50 ޕަސެންޓް ހިއްސާ އެޓޯލް ކޮމިޔުނިކޭޝަންސްގައި އޮވެ އެވެ.

އެ ތުހުމަތުތަކަށް ރައްދު ދެއްވަމުން ޝައުނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެޓޯލް ކޮމިއުނިކޭޝަންސްގައި އޭނާގެ އެއްވެސް ރޯލެއް އަދި ހިއްސާއެއް ވެސް ނެތް ކަމަށެވެ.

އެކަމަކު ޝައުނާ ދޮގު ހެއްދެވީ ކަމަށް ބުނެ އެކަމުގެ ހެއްކެއްގެ ގޮތުގައި ބައެއް މީހުން އަންނަނީ ބައެއް މައުލޫމާތުތައް އާންމުކުރަމުންނެވެ. އެގޮތުން ސޯޝަލް މީޑިއާއިން ހާމަކުރި އެއް މައުލޫމާތަކީ އިކޮނޮމިކް މިނިސްޓްރީގެ ވެބްސައިޓުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ ގޮތުގައި ޝައުނާގެ ނަން އޮތް އޮތުމެވެ.

އެކަމަކު އެނގިފައިވާ ގޮތުގައި ޝައުނާ ވަނީ އެ ކުންފުނިން ވަކިވެވަޑައިގެންފަ އެވެ. އަދި އިކޮނޮމިކް މިނިސްޓްރީގެ ވެބްސައިޓްގައި އޭނާގެ ނަން އޮތީ، ވަކިވެވަޑައިގެން ފަހުން، ސައިޓްގައި އެޓޯލް ކޮމިޔުނިކޭޝަންސްގެ ބައި އަޕްޑޭޓް ނުވެ އޮތުމުން ކަމަށްވެ އެވެ.

ޝައުނާ އާއި ތޯރިގުގެ އިތުރުން އެޓޯލް ކޮމިޔުނިކޭޝަންސްގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމުގައި ހުންނެވި އިރު އެމަނިކުފާނުގެ ޕީއާރުގެ ބައި އަދާކުރި އިނގިރޭސި ވިލާތުގެ ޕޯލް ރޮބަޓްސް ހިމެނޭ ކަމަށް ވެސް، ބައެއް މީހުން ގެންދަނީ މައުލޫމާތު ފަތުރަމުންނެވެ.

އެޓޯލް ކޮމިޔުނިކޭޝަންސްގެ ޑޮމެއިން ނަގާފައި ވަނީ ރޮބަޓްސްގެ ނަމުގައިކަން ވެސް، ސޯޝަލް މީޑިއާގެ މައުލޫމާތުތަކުން އެނގެ އެވެ.

ބައެއް މީހުން ބުނާ ގޮތުގައި ޝައުނާގެ ހިއްސާ އެޓޯލް ކޮމިޔުނިކޭޝަންސްގައި މިހާރު ނެތަސް އެ ކުންފުނީގައި ފިރިކަލުން މަސައްކަތްކުރައްވާތީ އެއީ މަސްލަހަތު ފުށުއެރުމެވެ.

އެމްއޭސީއެލް އިން ބޮޑު ޚަރަދެއް ކޮށްގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހަދާފައިވާ އާ ސީޕްލޭން ޓާމިނަލްގެ ވަރަށް ބޮޑު ބައެއް ޓީއެމްއޭ އަށް ދޭން އުޅުނު އުޅުމާއި އަދި މިހާރު އެކަން ގޮސްފައިވާ ހިސާބުން ދިމާވެގެން އުޅޭ މައްސަލާގައި، ގައުމީ ވަރަށް ބޮޑު މަސްލަހަތެއް ވެސް ހިމެނެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ދުވަސްވަރު، އާ ޓާމިނަލްގެ ވަރަށް ބޮޑު ބައެއް ޓީއެމްއޭއަށް ލިބޭނެ ކަމަށ ބުނެ ޑިސެމްބަރު 10، 2017 ގައި އެމްއޭސީއެލުން ޓީއެމްއޭއަށް ސިޓީއެއް ފޮނުވި އެވެ. މި ސަރުކާރުން އެގޮތަށް އެކަން ނުކޮށް، ޓީއެމްއޭ އިން ޑިމާންޑްކުރާ ވަރަށް ވުރެ މާ ކުޑަ ޖާގައެއް ދޭން ނިންމުމުން، ޓީއެމްއޭ އިން ބުނަނީ އެއީ އެމްއޭސީއެލުން "ވެފައިވާ އެއްބަސްވުމާ" ހިލާފު ކަމެއް ކަމަށެވެ.

އެ ސިޓީއަކީ "އެއްބަސްވުމެއް" ކަމަށް ޓީއެމްއޭ އިން ބެލިކަމުގައި ވިޔަސް، އާ ޓާމިނަލް ކުއްޔަށް ދިނުމާ ބެހޭ ގޮތުން އެމްއޭސީއެލުން ޓީއެމްއޭއާ އެކު އެއްވެސް ކަހަލަ އެއްބަސްވުމެއް ހަދާފައެއް ނުވެ އެވެ.

ސަރުކާރުން ނިންމާފައި ވަނީ ޓީއެމްއޭ އަށް 5،000 އަކަމީޓަރު ނުވަތަ، ހަތަރު ބުރީގެ އިމާރާތުގެ އެއް ބުރި އެކުގައި، ޓީއެމްއޭއަށް ދެ އަހަރު ދުވަހަށް ދޭށެވެ. އެކަމަކު އެއީ ޓީއެމްއޭގެ އޮޕަރޭޝަންސް އަށް ފުދޭ ވަރެއް ނޫން ކަމަށް، އެ ކުންފުނިން ބުނެ އެވެ.

މި މައްސަލާގައި ޓީއެމްއޭއިން ރާއްޖޭގައި ޕީއާރުގެ ބައި ކުރިއަށް ގެންދަނީ އެޓޯލް ކޮމިޔުނިކޭޝަންސް އިންނެވެ.

ރައްޔިތުންގެ މަޖިލިހުގެ ރައީސް ނަޝީދު ވެސް މިހާރު ވަނީ މި މައްސަލައިގެ ތެރެއަށް ވަންނަވައިފަ އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ހައްލެއް ނުހޯދައިފި ނަމަ ދައުލަތުން ޓީއެމްއޭ އަށް ބަދަލުދޭން ޖެހިދާނެ އެވެ. އެ ވާހަކަފުޅާ ގުޅިގެން އެމަނިކުފާނަށް ވެސް ވަނީ ފާޑުކިޔުންތައް އަމާޒުވެފަ އެވެ.

ބައެއް މީހުން ތުހުމަތުކުރި ގޮތުގައި މައްސަލައިގެ ތެރެއަށް ނަޝީދު ކުއްލި ގޮތަކަށް ވަދެވަޑައިގަތުމުން އޭގައި އަމިއްލަ މަސްލަހަތު ހިމެނިދާނެ އެވެ. އެކަމަކު ނަޝީދު ވިދާޅުވީ އެމްއޭސީއެލް އާއި ޓީއެމްއާ އެކު އެމަނިކުފާނުގެ އެއްވެސް ގުޅުމެއް ނެތް ކަމަށާއި ގުޅުން އޮތީ ދިވެހި ރައްޔިތުންނާ ކަމަށެވެ.

ޓީއެމްއޭގެ ބޮޑު ހިއްސާ އޮންނަ ކޮންސޯޓިއަމްގެ މައި ކުންފުނި ކަމަށްވާ ބެއިންގެ ވަކީލެއްގެ ގޮތުގައި، ނަޝީދުގެ ބައިނަލްއަގްވާމީ ވަކީލުންގެ ޓީމުގައި މަސައްކަތް ކުރެއްވި ޖެރަޑް ޖެންސާ ހިމެނިވަޑައިގަންނަވަ އެވެ.

ފާޑުކިޔުންތަކާ ހެދި ޖެރާޑް ވަނީ ނަޝީދުގެ ވަކީލެއްގެ ގޮތުގައި މަަސައްކަތް ނުކުރައްވާ ކަމަށް ވިދާޅުވެ ޓްވީޓެއް ކުރައްވާފަ އެވެ. އެއާއެކު މީހުން ބުނަމުން ދިޔައީ އެމަނިކުފާނުގެ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރި މުއްދަތު މުހިންމު ނޫން ކަމަށާއި މައްސަލަ އަކީ ޖެރާޑް އާއި ނަޝީދާ ދެމެދު އޮތް ގުޅުމާ އެކު އެމްއޭސީއެލް އާއި ޓީއެމްއާ ދެމެދު "ޑީލް" ހެދުމުގައި ޖެރެޑްގެ ދައުރު ވެސް އޮތުމެވެ.