އީސީގެ މުވައްޒަފުންނަށް ބިރު ދައްކައި އިންޒާރު ދީފި

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މުވައްޒަފުންނަށް މިއަދު މީހަކު ބިރު ދައްކައި އިންޒާރު ދީފައިވާ ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.


އީސީގެ ނައިބު ރައީސް އަހުމަދު އަކްރަމް ވިދާޅުވީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގެ ފޯމު ހުށަހެޅުމަށް، އިއްޔެ އާއި މިއަދު އެތަނަށް ދިޔަ މީހަކު، އެޕްލިކޭޝަން ބަލައިގަންނަ މުވައްޒަފުންނަށް ބިރު ދައްކައި އިންޒާރު ދީފައިވާ ކަމަށެވެ. އަދި އިންތިޚާބުގައި ހަރަކާތްތެރިވާ މުވައްޒަފުންނަށް އެހެން ބިރު ދެއްކުމަކީ އީސީން ވަރަށް ކަންބޮޑުވާ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ބިރު ދައްކައި އިންޒާރު ދިނުމަކީ މުޖުތަމައުގެ އަމާންކަން ގެއްލިދާނެ ކަމެއް. ގޯސް ކަންކަން ތަކުރާރުކުރުމުން ވާނީ ގޯސް،" ކުރެއްވި ޓްވީޓެއްގައި އަކްރަމް ވިދާޅުވި އެވެ.

"ﷲގެ އިރާދަފުޅާ އެކު އިންސާފުވެރި، އަމާން އިންތިޚާބެއް ރައްޔިތުންނަށް ފޯރުކޮށްދޭނަން."

އީސީން ބުނީ ބިރު ދައްކައި، އިންޒާރު ދޭ އެފަދަ ފަރާތްތަކާ މެދު ގާނޫނީ ގޮތުން އެޅެން ހުރި ފިޔަވަޅެއް އަޅާނެ ކަމަށެވެ.

އެކަމަކު ބިރު ދައްކަން ބުނީ ކީކޭ ކަމެއް އަދި ކުރީ ކޮން ކަމެއް ކަމެއް ވެސް އަކްރަމް ވިދާޅެއް ނުވެ އެވެ.

އަންނަ އޭޕްރީލް މަހު ބާއްވާ އިންތިޚާބަށް ކުރިމަތިލާ ފަރާތްތަކުން މިހާރު ފޯމު ހުށަހަޅަމުން އަންނައިރު، ގިނަ އަދަދެއްގެ ބަޔަކު އިންތިޚާބުގައި ވާދަކުރެ އެވެ.