މިނިސްޓަރު އަލީ ވަހީދުގެ ހުތުރު ބަސްތަކުން އާންމުންނަށް ސިހުމެއް!

ކެބިނެޓުގެ ބައެއް ވަޒީރުންނާ ބެހޭ ގޮތުން ދެެއްކެވި ވާހަކަތަކާއި ބޭނުން ކުރެއްވި ހަޑިހުތުރު ބަސްތަކުން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާ މެދު އާންމުން ރުޅިގަދަވެއްޖެ އެވެ.


އޯގާތެރިކަން އިސްކޮށް، ކޮރަޕްޝަނަށް ޒީރޯ ޓޮލަރެންސް ކަމަށް ވަކާލާތުކުރާ މި ސަރުކާރުގެ ވަޒީރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަލީ ވަހީދުގެ ކުރިން ނުފެންނަ ފަރާތް، އެ އޯޑިއޯ އިން އިން އިވި، އަލީ ވަހީދަކީ ހަމަ އެ ފެންވަރުގެ ބޭފުޅެއްތޯ އާންމުން އަންނަނީ ސުވާލު ކުރަމުންނެވެ.

ރޭ އާންމުވެފައިވާ އޯޑިއޯ ކްލިޕްތަކެއްގައި އަލީ ވަހީދު ދައްކަވާފައިވާ ވާހަކަތަކުގައި ބައެއް މިނިސްޓަރުންނަށް ވަރަށް ހުތުރު ބަސްތައް ވިދާޅުވެފައި ވެ އެވެ. އަދި އާންމުންގެ ތެރޭގައި ބޭނުން ކޮށްގެން ނުވާނެ ބަސްތައް ވެސް އެ އޯޑިއޯގައި އިވެ އެވެ. އަލީ ވަހީދު ވަނީ އެ އޯޑިއޯ އަކީ ސައްހަ އޯޑިއޯއެއް ނޫން ކަމަށް ވިދާޅުވެފަ އެވެ. އެކަމަކު އެ އަޑުއެހުމަށް ފަހު އާންމުން އެކަން ގަބޫލެއް ނުކުރެ އެވެ. އަދި އެ އޯޑިއޯތައް ސައްހަ ނޫން ކަމަށް ވިދާޅުވަނީ ކީއްވެގެންތޯ ދެންނެވުމުން އަލީ ވަހީދު އެކަން މީޑިއާއަކަށް ސާފެއް ވެސް ކޮށް ނުދެއްވި އެވެ.

އޯޑިއޯ ކްލިޕްތަކުގައި އިވޭ ގޮތުން އަލީ ވަހީދު ވާހަކަ ދައްކަވަނީ އޭނާއާ ގާތް ގުޅުމެއް އޮންނަ، ޔޫތު އެންޑް ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްއަދު އަލީ (އަޑުބަރޭ)އާ އެވެ.

އަލީ ވަހީދުގެ ދިފާއުގައި ނުކުންނަވައި އަޑުބަރޭ ކުރެއްވި ޓުވީޓެއްގައި ތުހުމަތު ކުރެއްވީ އެ އޯޑިއޯ ލީކުކޮށްލީ އެފްއޭމްގެ އިންތިޚާބާ ގުޅުވައިގެން ކަަމަށެވެ. އެ ޓުވީޓުން ހާމަވީ، އޯޑިއޯ ސައްހަ ނޫން ކަަމަށް އަލީ ވަހީދު ވިދާޅުވި ނަމަވެސް އެއީ ހިނގި މުއާމަލާތްތަކެއް ކަމެވެ. އެއާއެކު، އަލީ ވަހީދަށް މިހާރު ޖެހިވަޑައިގެންފައި އޮތީ ސައްހަ ނޫން ކަމަށް ވިދާޅުވި ސަބަބު އޮޅުންފިލުވައިދޭށެވެ.

އެކި ކަންކަމާ ގުޅުވައި އަލީ ވަހީދު ވާހަކަ ދެއްކެވި އޯޑިއޯގައި އެންމެ ހުތުރުކޮށް، އެއްޗެހި ގޮވީ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނަށެވެ. އެ ދެ ބޭފުޅުން ވެސް މިނިސްޓަރު ކަމަށް އައްޔަން ކުރެއްވީ ޖުމްހޫރީ ޕާޓީގެ ސްލޮޓުގަ އެވެ. ކޮރޯނާ ވައިރަސް އިން ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅިއިރު ވެސް އަމީން ބެއްލެވީ މީޑިއާ ސްޓަންޓްތަކުން މަޝްހޫރުވެ، ކްރެޑިޓް ނެންގެވޭތޯ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ. ހެލްތު މިނިސްޓަރެއްގެ ހަގީގީ މަސްއޫލިއްޔަތު އުފުއްލެވީ އޭނާ ކަމަށް ދޭހަވާ ގޮތަށް ފަޚުރުވެރިކަމާ އެކު އަލީ ވަހީދާއި ވާހަކަ ދައްކަވާ އަޑު އިވެ އެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި އެމަނިކުފާނުގެ އަނބިކަނބަލުން އައިޝާ: އަލީ ވަހީދުގެ އޯޑިއޯގައި އައިޝާ އަށް ވަނީ ބޭއަދަބީ ބަސްތަކެއް ރައްދުކުރައްވާފައި.

އެންމެ ގިނަ ބައެއްގެ ހިތްހަމަނުޖެހުން އަމާޒުވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އަނބިކަނބަލުން އަދި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އަށް ގުޅުއްވައި ދެއްކެވި ވާހަކަތަކުންނެވެ. ނަހުލާ ގާތު އަލީ ވަހީދު ވިދާޅުވަނީ އޭނާ ގުޅުއްވީ "މިސްވެގެން" ކަމަށެވެ. އިރުއެރީ ކޮން ކޮޅަކުންތޯ ނަހުލާ އައްސަވަ އެވެ.

އެ ޖަވާބާ އެކު ވެސް އަލީ ވަހީދު ވާހަކަ ކުރިއަށް ގެންދެވީ ވަރަށް ބޭއަދަބީކޮށެވެ. އެ ފޯނު ބޭއްވުމަށް ފަހު، ނަހުލާއާ ގުޅޭ ގޮތުން އެއަށް ވުރެން ހުތުރު ވާހަކަތަކެއް އެކުގައި ތިބި ރަހުމަތްތެރިންގެ ގާތު ދައްކަވާ އަޑު އިވެ އެވެ.

އަމިއްލަ ޕާޓީގެ ލީޑަރުގެ އަނބިކަނބަލުން އަދި ވަޒީރުންގެ މަޖިލީހުގައި އެކުގައި މަސައްކަތް ކުރައްވާ ނަހުލާއާ ދޭތެރޭގައި އަލީ ވަހީދުގެ އަމަލު ކުރެއްވި ގޮތް އެއް ބަޔަކު ސިފަކުރީ "ވަރަށް ލަދު ކުޑަ، ދަށު ދަރައިގެ" އަމަލެއްގެ ގޮތުގަ އެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އަށް ވެސް ހުތުރު ބަސްތަކެއް އަލީ ވަހީދު ރައްދު ކުރައްވާ އަޑު އެ އޯޑިއޯ އިން އިވެ އެވެ.

ބައެއް މީހުން ބުނަނީ އެ އޯޑިއޯތަކުގައި އަލީ ވަހީދުގެ ބަސްމަގު ހުރި ގޮތުން ސިހިއްޖެ ކަމަށެވެ. އަދި އެއީ ހަގީގަތުގައި ވެސް މިނިސްޓަރެއްގެ ބަސް މަގު ހުންނަން ޖެހޭ ގޮތްތޯ ސުވާލު އުފައްދާފައި ވެ އެވެ. ބައެއް މީހުން ޓްވިޓާގައި ބުނެފައިވަނީ މިއީ އަލީ ވަހީދު އަމިއްލަ އަށް އިސްތިއުފާ ދެއްވަން ޖެހޭ ވަރުގެ އަމަލެއް ކަމަށެވެ. އަދި އަނެއް ބަޔަކު ގެންދަނީ އޭނާ މަގާމުން ވަކިކުރަން ސަރުކާރުން ގޮވާލަމުންނެވެ.