ފުލުހުން ލަވަކިޔުންތެރިޔާ މުޚްތާރު އާދަމް ހޯދަނީ

ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ މުހުތާރު އާދަމް ހޯދަން ފުލުހުން މިއަދު އިއުލާންކޮށްފި އެވެ.


ފުލުހުން ބުނީ އޭނާ ހޯދަނީ ސިވިލް ކޯޓަށް ހުށަހަޅާފައިވާ ސާބިތު ދަރަނީގެ ފައިސާ ހޯދުމުގެ މައްސަލައަކާ ގުޅިގެން އޮގަސްޓް 19، 2019 ވަނަ ދުވަހުގެ ހެނދުނު 10:15 އަށް ސިވިލް ކޯޓަށް ހާޒިރުވުމަށް އަންގައި ކޮށްފައިވާ އިއުލާނާ އެއްގޮތަށް އެ ކޯޓަށް ހާޒިރުވެފައި ނުވާތީ، ބަންދުގައި ބަހައްޓައިގެން މި މަހުގެ 23 ވަނަ ދުވަހުގެ މެންދުރު ފަހު 1:30 އަށް ކޯޓަށް ހާޒިރުކޮށް ދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން ކަމަށެވެ.

އެހެންވެ އޭނާއާ ބެހޭ މައުލޫމާތެއް ލިބިފައިވާ ނަމަ ފުލުހުންނާ ހިއްސާކުރަން އެދިފައިވެ އެވެ.

މުޚްތާރަކީ 1990 އާއި 2000 އަހަރުތަކުގެ ކުރީކޮޅާ ހަމައަށް ރާއްޖޭގައި ވަރަށް ވިދައިލި ލަވަކިޔުންތެރިއެކެވެ. އަދި އޭނާ ކިޔާފައިވާ ބައެއް ލަވަތަކަކީ މިހާރު ވެސް މަަޝްހޫރު ލަވަތަކެވެ. އޭގެ ތެރެއިން ވެސް "ހިނިވުންވެލާށޭ ކަލާ" އަކީ ވަރަށް މަޝްހޫރުވި ލަވައެކެވެ.