ޒުހާގެ މަރާލި މައްސަލާގައި ސުމޮން 15 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި

މާލޭގެ މަގުމަތީގައި މަރާލާފައި އޮއްވާ ފެނުނު ހައްވާ ޒުހާގެ މަރުގެ ދައުވާލިބުނު ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ސުމޮން މިއާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ނިންމައި، އޭނާ 15 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.


ޖެނުއަރީ، 2016 ގައި މަގެއްގެ މަތީގައި މަރާލާފައި އޮއްވާ ޒުހާގެ މަރުގެ މައްސަލާގައި ސުމޮންގެ މައްޗަށް ދައުވާކުރީ ގެއެއްގެ ތެރޭގައިި އެ ދެ މީހުންގެ މެދުުގައި ހިނގި ހަމަނުޖެހުމަކަށް ފަހު ޒުހާގެ ކަރުގައިި ސުމޮން ހިފައި، އޭނާ މަރާލުމަށް ފަހު އޭނާގެ ހަށިގަނޑު މަގުމަތީގައި ބޭއްވި ކަމަށް ބުނެ އެވެ.

އެ މައްސަލާގެ ހުކުމް އިއްވަން މިއަދު ބޭއްވި އަޑުއެހުމުގައި ހުކުމް އިއްވަވަމުން، އެ މައްސަލަ ބެއްލެވި ގާޒީ އިބްރާހިމް އަލީ ވިދާޅުވީ ދެ މީހުންގެ މެދުގައި ހިނގި ހަމަނުޖެހުމަކަށް ފަހު ޒުހާގެ ކަރުގައި ހިފި ކަމަށް ސުމޮން ތަހުގީގުގަ އާއި ޝަރީއަތުގެ މަޖިލީހުގައި އެއްބަސްވި ކަމަށެވެ. އަދި ފަހުން ޝަރީއަތުގައި އެކަމަށް އިންކާރު ކުރިޔަސް، މީހެއްގެ ހައްގު އެކުލެވޭ ކުށަކަށް އެއްބަސްވުމަށް ފަހު އިއުތިރާފް އަނބުރާ ނުގެންދެވޭނެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާތީ ސުމޮން ވެފައިވާ އިއުތިރާފް އަނބުރާ ނުގެންދެވޭނެ ކަމަށް ގާޒީ ވިދާޅުވި އެވެ.

ޒުހާ މަރުވެފައިވަނީ ކަރުގައި ހިފައި، ނޭވާ ހާސް ކުރުމުގެ ސަބަބުން ކަން އޭނާ ބެއްލެވި ޑޮކްޓަރުގެ ބަހުންނާއި ލިޔުންތަކުން އެނގޭ ކަން ފާހަގަ ކުރައްވައި، ގާޒީ ވިދާޅުވީ އެ ހާލަތުގައި އެއީ ގަސްދު މަރެއް ކަމަށް ބަލަންޖެހޭ ކަމަށެވެ. އަދި ހުށަހެޅިފައިވާ ހެކިތަކަށް ބަލާއިރު ޒުހާ މަރާލީ ސުމޮން ކަން އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތުވާ ކަމަށް ވެސް ގާޒީ އިބްރާހިމް ވިދާޅުވި އެވެ.

ސުމޮންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައެޅުމަށް ފަހު އަދަބާ ބެހޭގޮތުން ވާހަކަ ދައްކަން ދިން ފުރުސަތުގައި ދައުލަތުން ބުނީ އެ ކުށަށް ގާނޫނުލް އުގޫބާތުގައި އޮންނަ އަސާސީ އަދަބަކީ 10 އަހަރަށް ޖަލަށްލުން ކަމަށް ވިޔަސް، އޭނާ ކުށްކުރި ގޮތަށް ބަލާއިރު އަދަބުގެ ދެ ދަރަޖަ މަތިކޮށް، 15 އަހަރުގެ ޖަލު ހުކުމެއް އިއްވަން އެދޭ ކަމަށެވެ.

އަދަބާ ބެހޭގޮތުން ވާހަކަ ދައްކަމުން ސުމޮން ވަނީ ޒުހާގެ ވާރިސުން މަރަށް މަރު ހިފަން ބޭނުން ނުވާ ކަމަށް ބުނެފައިވާތީ އެކަން ފާހަގަކޮށްފަ އެވެ. ގާޒީ ވިދާޅުވީ އަދަބު ކަނޑައަޅާއިރު، އެކަމަށް ރިއާޔަތް ކުރައްވާނެ ކަމަށެވެ.

ހުކުމް އިއްވަވަމުން ގާޒީ އިބްރާހިމް ވިދާޅުވީ ޒުހާގެ ވާރިސުންގެ ތެރެއިން އޭނާގެ މަންމަ މަރަށް މަރު ހިފަން ބޭނުން ނުވާ ކަމަށް ބުނެފައިވާތީ ގާނޫނުލް އުގޫބާތުގެ ދަށުން ސުމޮން 15 އަހަރަށް ޖަލަށްލުމާ އެކު، މަރުގެ ދިޔައިިގެ ގޮތުގައި އެއް ލައްކަ ރުފިޔާ އެއް މަސް ތެރޭގައި ދެއްކުމަށާއި ކައްފާރާގެ ގޮތުގައި ވިދިވިދިގެން ހަނދު މަހުގެ ދެ މަހުގެ ރޯދަ ހިފުމަށް ސުމޮންއަށް އަންގާ ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.