ޝާއިން: މިއީ އާދައިގެ ތަރިއެއް ނޫން

އުމުރުން ތިން އަހަރުގައި ލިޔަން ކިޔަން ދަސްކޮށްފި އެވެ. އޭރު ވެސް ފާތިމަތު ނާސިހާ އާއި މުހައްމަދު ރިފްއަތު އަބްދުލް ރައްޒާގަށް، އެ މީހުންގެ ހަގު ދަރިފުޅު، ޝާއިން މުހައްމަދު ރިފްއަތުގެ އާދަޔާ ހިލާފުކަން ފާހަގަވި އެވެ. އެކަމަށް ހެކިދޭނެ ތައްޓާއި ޓްރޮފީ އެ ހެރީ ގޭގެ ހަރުގައި ރީތިކޮށް އަތުރާލައިފަ އެވެ.


ޖަމާލުއްދީން ސްކޫލުން މިދިޔަ އަހަރު އޯ ލެވެލް ނިންމި ޝާއިން ނުވަ މާއްދާގައި ބައިވެރިވެ އެ ހުރިހާ މާއްދާއަކުން ވެސް އޭ ސްޓާ ހޯދައިފަ އެވެ.

އެލްކޭޖީ ނިންމީ އުފަން ރަށް، ބ. އޭދަފުށީގައި ހުންނަ ބަހިއްޔާ ޕްރީ ސްކޫލުންނެވެ. އެއަށް ފަހު އާއިލާއާ އެކު މާލެ ބަދަލުވެ، އަހުމަދިއްޔާގެ ޔޫކޭޖީ ނިންމި އެވެ. ގްރޭޑު 1-10 އާ ހަމައަށް ތައުލީމީ ހަޔާތުގެ ފުރަތަމަ 10 އަހަރު ނިންމާލީ ޖަމާލުއްދީން ސްކޫލުންނެވެ.

ޝާއިންގެ މަންމަ، ނާސިހާ ބުނިގޮތުގައި ޔޫކޭޖީއަށް ވަން އިރު ވެސް އެ އުމުރުގެ ކުއްޖަކާ އަޅާބަލާ އިރު ދިވެހި ބަހުން ވާހަކަ ދެއްކީ ވަރަށް ފަރިތަކޮށެވެ. އެކަމަކު އިނގިރޭސިން ރަނގަޅަށް ވާހަކަދައްކަން ނޭނގޭތީ ލަދުން ސްކޫލަށް ދާން ވެސް އޭރު ދެކޮޅުހެދި ކަމަށް ބުންޏެވެ.

ޝާއިން (މ)، އޭނާގެ ބައްޕަ އާއި މަންމައާ އެކު-- ފޮޓޯ: ނިޝާން އަލީ/ މިހާރުޝާއި

"އޭރު ކްލާސް ހުރިހާ ކުދިން ވެސް ވާހަކަ ދައްކާނީ އިނގިރޭސިން. އެކަމަކު ޝާއިން އަށް އެހާ ފަރިތަކޮށް ނޭނގެ ވާހަކަދައްކާކަށް. އެހެންވެ ޓީޗަރު ކައިރި ވެސް ބުނިން ޝާއިން މިހެން ބުނެފިއޭ. އެކަމަކު އެހެން ދަމުން ފަހުން ރަނގަޅަށް ވާހަކަ ދައްކަން ފަށައިފި،" ޖަމާލުއްދީން ސްކޫލުގެ ގްރޭޑު ހަތެއްގެ ދިވެހި ޓީޗަރެއްގެ ގޮތުން މަސައްކަތް ކުރަމުން އަންނަ ނާސިހާ ބުންޏެވެ.

ޖަމާލުއްދީންގެ މިދިޔަ އަހަރު ޑެޕިއުޓީ ކެޕްޓަންކަން އަދާކުރި ޝާއިން ވަނީ މިދިޔަ އަހަރުގެ ވާހަކަދެއްކުމުގެ ގައުމީ މުބާރާތުން، ސީނިއާ ކެޓަަގަރީން އެއް ވަނަ ހޯދައިފަ އެވެ. އޭގެ އިތުރުން ބަހުސް އާއި ތާރީހީ މުބާރާތްތަކުގައި ވާދަކޮށް، އެތައް ވަނައެއް ހޯދި އެވެ.

ޝާއިން ބުނީ އޭނާ ކިޔަވަމުން އަންނަނީ މޮޅު ނަތީޖާއަކަށް އަމާޒުކޮށްގެން ކަމަށެވެ. ނަމަވެސް ކިޔެވި ހުރިހާ މާއްދާއަކުން އޭ ސްޓާ ހޯދައި، ފަހުރުވެރި އެއްވަނަ ލިބޭނެ ކަމަކަށް އޭނާ އެއްގޮތަކަށް ވެސް ހިއެއް ނުކުރެ އެވެ.

"އޯ ލެވެލް އަށް ތައްޔާރުވާން ޕާސްޓް ޕޭޕަރުތަކާއި ޓީޗަރުން ދޭ ފިލާވަޅުތައް ހަދައި އިންޓަނެޓުގެ އެހީގައި އިތުރު މައުލޫމާތުތައް ހޯދައިގެން ކިޔެވީ. އިތުރު ހަރަކާތްތަކުގައި ބައިވެރިވުމަކީ ވެސް ލިބުނު ވަރަށް ބޮޑު އެހީއެއް ސްކޫލުގައި،" އެއޮރޮސްޕޭސް އިންޖިނިއަރަކަށް ވުމުގެ ހުވަފެންތައް ދެކެމުން އަންނަ ދަރިވަރު ބުންޏެވެ.

އޭނާ ކިޔެވީ މަޖުބޫރު ހަތަރު މާއްދާގެ އިތުރުން ފިޒިކްސް، ބަޔޮލޮޖީ، ކެމިސްޓްރީ، އެކައުންޓް އަދި އިކޮނޮމިކްސް އެވެ. ސްކޫލުގެ ޓައިމް ޓޭބަލް ހަދާފައި އޮންނަނީ އަށް މާއްދާއަށް ބަހާލައިގެން ކަމަށް ވާތީ، ޝާއިން އެކައުންޓްސް ކިޔެވީ، ޓީޗަރަކާ އެކު ގޭގަ އެވެ.

ޝާއިނަށް ލިބިފައި ހުރި ބައެއް ތައްޓާއި ޓްރޮފީތައް.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އިނގިރޭސި މާއްދާގެ ނަތީޖާ ރަނގަޅުކުރުމަށް ގްރޭޑު 9 ގައި ޓިއުޝަން ނެގި އެވެ. އެ ޓީޗަރުގެ އެދުމުގެ މަތިން ގްރޭޑް ނުވައެއްގައި ޝާއިން ތިން މާއްދާއަކުން އޯ ލެވެލް ހެދި އެވެ. ދިވެއްސާއި އިނގިރޭސިން އޭ ސްޓާ އަދި ހިސާބުން އޭ ހޯދި އެވެ. އޭގެ ފަހުން ޓިއުޝަން ނެގީ، އޯ ލެވެލްއަށް މަހަކަށް ވެފައި އޮއްވާ ފިޒިކްސް އިންނެވެ.

ޝާއިން ބުނީ ކިޔަވާއިރު ވަގުތު މެނޭޖްކުރަން އިސްކަންދޭން ޖެހޭނެ ކަމަށެވެ. ހަމައެކަނި ކިޔެވުމުގައި އުޅޭ ނަމަ އެހެން ކަންތައްތަކުގެ މައުލޫމާތު ނުލިބޭނެ ކަމަށް ވެސް އޭނާ ބުންޏެވެ. ލިބޭ ހުސް ވަގުތުތައް، ނުވަ މާއްދާއަށް ބަހާލައިގެން، ކިޔަވައިގެން އާއިލާ ވެސް އުފާކޮށްދިނީ، އެ ހުރިހާ ކަމަކަށް ވަގުތު ބަހާލައިގެންނެވެ.

"އިތުރު ހަރަކާތްތަކުގައި އުޅެފައި، އެހެން ކުދިންނާ އެކު އުޅޭ ނަމަ އިތުރު ކަންތައްތައް ދަސްވާނެ،" އޭލެވެލް ފެށެން ދެން، މި ވަގުތު ފިހާރައެއްގައި މަސައްކަތް ކުރަމުން އަންނަ ޝާއިން ބުންޏެވެ.

ގުރުއާންގެ 27 ފޮތް ހިތުދަސް

މޮޅަށް ކިޔެވުމަކީ ޝާއިންގެ އެއް މަސައްކަތެވެ. އަނެއް ޝައުގުވެރިކަމަކީ ގުރުއާން ހިތުދަސްކުރުމެވެ. އެ ނިޔަތުގައި ގްރޭޑު ހަތަރަކުން ފަށައިގެން އޭނާ ގެންދަނީ ހިފްޒު ކްލާހަށް ދަމުންނެވެ. އެކަމަކު ސްކޫލު މަސައްކަތް ބުރަވުމުން، ވަކި ހިސާބަކުން ގުރުއާނާ ބެހޭ މަރުކަޒަށް ދިއުން މަޑުޖައްސާލި އެވެ.

އޭނާގެ މަސައްކަތުން މިހާތަނަށް 27 ފޮތް ހިތުދަސްކޮށްދި އެވެ. ދެން އޮތީ އެންމެ ތިން ފޮތެވެ. އަލުން އެ ކްލާހަށް ދާން ވެސް ފަށައިފި އެވެ.

"އަމާޒަކީ ވީހާވެސް އަވަހަކަށް ހިތުދަސްކުރުން،" ޝާއިން ބުނެލި އެވެ.