އަލީ ވަހީދުގެ އާ އޯޑިއޯއެއް

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާއި ޔޫތު އެންޑް ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑުބަރޭ) އާ ދެބޭފުޅުން ބައެއް ބޭފުޅުންނަށް މަލާމާތާއި ހުތުރު ބަސްތައް ވިދާޅުވާ އޯޑިއޯއެއް ލީކް ވެއްޖެ އެވެެ. މިރޭ ލީކުކޮށްލާފައި މި ވަނީ ފަސް ވަނަ ކްލިޕެވެ.


އެކަމަކު މި އޯޑިއޯތަކަކީ ސައްހަ އޯޑިއޯތަކެއް ނޫން ކަމަށް އަލީ ވަހީދު ވަނީ ވިދާޅުވެފަ އެވެ.

ރެއިން ފެށިގެން ސޯޝަލް މީޑިއާއަށް ބަޔަކު ދޫކުރަމުން އަންނަ އޯޑިއޯތަކުގެ ތެރެއިން މިރޭ އެންމެ ފަހުން ލީކްކޮށްލި އޯޑިއާގައި ވެސް އަލީ ވަހީދާ އެކު ވާހަކަ ދައްކަވާފައިވާ ކަމަށް ބެލެވެނީ ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދެވެ.

އޯޑިއޯއިން އިވޭ ގޮތުގައި އަލީ ވަހީދާއި އަސްހަދު، ޓްރާންސްޕޯޓް މިނިސްޓަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ އަނބިކަނބަލުން އާއިޝަތު ނަހުލާއާ ބެހޭ ގޮތުން ވަރަށް ހުތުރުކޮށް ވާހަކަ ދައްކަވަ އެވެ.

ރިސޯޓަށް ނުވަތަ ސަފާރީއަކަށް ގޮސް ފާހިޝް އަމަލުތަކެއް ހިންގަން ރާވާކަމަށް ދޭހަވާ ވާހަކަތަކެއް ވެސް އެ އޯޑިއޯ އިން އިވެ އެވެ.

ރެއިން ފެށިގެން ލީކްވަމުން އަންނަ އޯޑިއޯތަކުގައި ދައްކާފައިވާ ބައެއް ވާހަކަތައް ސިއްރު ކުރުމަށްޓަކައި އެޑިޓްކޮށްފައިވާ ކަމަށް ބެލެވެ އެވެ.

ލީކްވި ފުރަތަމަ އޯޑިއޯގައި އަލީ ވަހީދުގެ ނުރުހުމުގެ ބަސްތައް ރައްދުކޮށްފައި ވަނީ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނަށެވެ. ދެވަނަ ލީކްގައި ނަހުލާއަށެެވެ. އެންމެ ފަހުން މިރޭ ނެރުނު ފަސް ވަނަ އޯޑިއޯގައި ވެސް ނަހުލާއާ ބެހޭ ގޮތުން ވާހަކަ ދައްކަވަ އެވެ.