ލުއިތަކަކާ އެކު މަތީ ތައުލީމްގެ ލޯނަށް ހުޅުވާލައިފި

ދަރިވަރުންނަށް ލުއި ގޮތްތަކަކާ އެކު މަތީ ތައުލީމްގެ ލޯނަށް އެދުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.


ހަޔަ އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ނިއުސް ކޮންފަރެންސްގައި، މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވީ ރާއްޖެ އާއި ރާއްޖެ އިން ބޭރުގައި މަތީ ތައުލީމް ހާސިލްކުރުމަށް މިފަހަރު ހުޅުވާލީ 550 ފުރުސަތު ކަމަށެވެ. އެކަމަށް އަންނަ މަހުގެ 9 ވަނަ ދުވަހާ ހަމައަށް ކުރިމަތިލެވޭނެ އެވެ. އެއަށްފަހު ލޯނަށް ހޮވޭ ދަރިވަރުން، އަންނަ އޭޕްރީލް 20 ވަނަ ދުވަހުގެ ކުރިން އިއުލާނުކުރާނެ އެވެ.

މިއީ މި އަހަރު ހުޅުވާލި މަތީ ތައުލީމުގެ މިފަދަ ފުރަތަމަ ފުރުސަތެވެ. މި އަހަރުގެ ފަހުކޮޅު އިތުރު ފުރުސަތަކަށް އިއުލާނުކުރެވޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ލޯނާ ގުޅޭ މައުލޫމާތު ހިއްސާކުރައްވަމުން މިނިސްޓަރު ވިދާޅުވި ގޮތުގައި މިފަހަރު ލޯނަށް ހުޅުވާލީ، ބޮޑު އަދި މުހިއްމު ބަދަލުތަކަކާ އެކުގަ އެވެ. އޭގެ ތެރެއިން މައިގަނޑު އެންމެ ބޮޑު ބަދަލަކަށް އައިސްފައިވަނީ، ލޯނު ދޭއިރު މާލީ ތަނަވަސްކަން ނެތް ދަރިވަރުންނަށް އިސްކަންދިނުމެވެ. އޭގެ އިތުރުން އިދާރީ ދާއިރާތައް ބަހާލާފައިވާ 87 ދާއިރާގެ ތެރެއިން ކޮންމެ ދާއިރާއަކަށް ވެސް، ފުރުސަތެއް ކަނޑައަޅާފައިވެ އެވެ.

ލޯނުގެ 550 ފުރުސަތު ބަހާލާފައިވާ ގޮތް:

ޑިޕްލޮމާ: 45 ޖާގަ

ލައިސަންސް ކޯސް: 30 ޖާގަ ޑިގްރީ: 252 ޖާގަ

މާސްޓާސް ޑިގްރީ: 126 ޖާގަ

ޕީއެޗްޑީ: 10 ޖާގަ

ރައްޔިތުންގެ މަޖިލީހުގެ 87 ދާއިރާގެ ތެރެއިން ކޮންމެ ދާއިރާއަކަށް ފުރުސަތެއް (މި ކެޓަގަރީގެ ދަށުން ކިޔަވާނެ ލެވެލް އެއް ކަނޑައަޅާނީ އެ ފުރުސަތު ލިބޭ ދަރިވަރު)

މިދިޔަ އަހަރު މަތީ ތައުލީމުގެ ލޯނަށް ހުޅުވާލި ފުރަތަމަ ބުރުގައި، އަސްލާ އެއްގޮތްކަމުގެ ތަތްގަނޑު ޖަހައި ހުށަހަޅާފައިވަނީ ވަރަށް މަދު ދަރިވަރުންގެ ސެޓްފިކެޓުތަކެކެވެ. އެހެންވެ އެ ފަހަރު ގިނަ ދަރިވަރުންތަކެއްގެ ފޯމު ވަނީ ބާތިލްވެފަ އެވެ. ނަމަވެސް މިފަހަރު އުސޫލަށް ގެނައި ބަދަލާ އެކު، ލޯނަށް އެދޭއިރު ސެޓްފިކެޓުގައި އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހާކަށް ނުޖެހޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ހުރިހާ ސަނަދެއް ހުށަހަޅާނީ ޕޯޓަލްއެއް މެދުވެރިކޮށް. އަޅުގަނޑުމެން ލޯނު ޕްރޮސެސް ނިންމާފައި، ލޯނު ދަރިވަރުންނަށް ލިބޭކަން އެންގީމަ، ލޯނާ ހަވާލުވާން އަންނައިރުގައި އަސްލާ އެއްގޮތްކަމުގެ ސަނަދު އެ ދުވަހު ގެންނަން ވާނީ. އެހެންވީމަ ލޯނުގެ ފުރުސަތަށް އެދި ހުށަހަޅާ ހުރިހާ ދަރިވަރުންނަށް އަސްލާ އެއްގޮތް ތައްގަނޑު ސަނަދުތަކުގައި ޖަހައިގެން ލޯނަށް ކުރިމަތިލައިގެން އެ ތަކުލީފު ދެނެއް އުފުލާކަށް ނުޖެހޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.

"މިއީ ވެސް ވަރަށް ގިނަ އާއްމު ރައްޔިތުންނަށް ކުރިމަތިވާ އުނދަގުލަކަށް ވާތީވެ، އަޅުގަނޑުމެން އެއަށް ލުއި ފަސޭހަ ކަމެއް ގެނެސްދިނުމުގެ ގޮތުން މިކަން މި ހައްލުކުރީ."

މަތީ ތައުލީމުގެ ލޯނަށް އެދި ފޯމު ހުށަޙަޅަންޖެހޭނީ އެކަމަށް ހަޔަ އެޑިއުކޭޝަނުން ހާއްސަކޮށްފައިވާ ޕޯޓަލް މެދުވެރިކޮށެވެ. މިނިސްޓަރު ވިދާޅުވީ އެ ޕޯޓަލް ވެސް ދަރިވަރުންނަށް ފަސޭހަވާނެ ގޮތަކަށް ބަދަލުކޮށްފައިވާ ކަމަށެވެ. އެ ކަންތައްތަކާ އެކު، މިފަހަރުގެ ލޯނަކީ ވީހާ ވެސް ގިނަ ދަރިވަރުންނަށް ފަހިވެގެންދާނެ ފުރުސަތެއް ކަމަށް ވިދާޅުވި އެވެ.

މަތީ ތައުލީމުގެ ލޯނާ ބެހޭ މައުލޫމާތު ހިއްސާކުރަން މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި، ހަަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވާހަކަދައްކަވަނީ.-- ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް/ މިހާރު

އަގުބޮޑު ކޯސްތައް ހެދުމަށް ސަރުކާރުން މީގެ ކުރިން 100،000ރ. ގެ އެހީ ދީފައި އެބަހުއްޓެވެ. ކުރީގެ އުސޫލު އޮންނަގޮތުން، އެފަދަ އެހީއެއް ލިބިފައި އޮވެއްޖެ ނަމަ މަތީ ތައުލީމުގެ ލޯނަށް އެދުމުގެ މަގު އޮންނަނީ ބަންދުވެފަ އެވެ. ނަމަވެސް މިހާރު ގެނައި ބަދަލާ އެކު، ސަރުކާރުން ދީފައިވާ އެހީގައި ކޯސް ފުރިހަމަނުކުރެވޭނަމަ، ލޯނަށް އެދި ހުށަހެޅޭނެ އެވެ.

މިފަހަރުގެ ލޯނުގައި އާ ދާއިރާތަކުން މަތީ ތައުލީމް ހާސިލްކުރަން ފުރުސަތު ދީފައި ވެ އެވެ. އޭގެ ތެރޭގައި ރާއްޖޭގައި ހުރެގެން މާސްޓާސް ހެދުމާއި މެޑިކަލް ދާއިރާއިން ސްޕެޝަލިސްޓް ވުމުގެ ފުރުސަތު ދީފައިވެ އެވެ. އެކި ދާއިރާތަކުން ސްޕެޝަލައިޒްވުމަށް 11 ފުރުސަތެއް ކަނޑައަޅާފައިވެ އެވެ. އެކަންކަމުގެ އިތުރުން، ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭނުގައި ކަނޑައަޅާފައިވާ ކަންކަން ތަންފީޒުކުރުމަށް، ސަރުކާރުގެ އެކި ދާއިރާތަކަށް ވެސް ސްލޮޓް ކަނޑައަޅާފައިވެ އެވެ.

މިނިސްޓަރު ވިދާޅުވީ، މަޖިލީހުގެ 87 ދާއިރާގެ ދަރިވަރުންނަށް ލޯނު ދޭއިރު، އެ ދަރިވަރުން މަތީ ތައުލީމް ހާސިލްކޮށް އެނބުރި އެ ދާއިރާއަކަށް ހިދުމަތް ކުރުމަކީ އުއްމީދެއް ކަމަށެވެ. ނަމަވެސް އެކަން މިވަގުތު މަޖުބޫރު ނުކުރެވޭ ކަމަށް ވިދާޅުވި އެވެ.

"ރަނގަޅު ނިޔަތެއްގައި އެކަން މި ފަށަނީ. ބަލަނީ، އެ ކުއްޖަކު ނިސްބަތްވާ ދާއިރާގައި، ތައުލީމް ހާސިލްކޮށްފައިވަނީ އެ ދާއިރާގައިތޯ. ތަފާތު އެކި ފޯމިއުލާތައް ބަލާފައި ވާނީ. އޭނާގެ ދާއިމީ އެޑްރެސް ހުރީ އެ ދާއިރާގައިތޯ ވެސް ބެލިދާނެ. މީގައި އެކި ފޯމިއުލާތައް ބަލާފައި އަޅުގަނޑުމެން މިފަހަރު މި ނިންމީ އެ ކުއްޖަކު އެ ދާއިރާއިން ކޮލިފައި ވާނީ، އެ ކުއްޖަކު އޯ ލެވެލްއާ ހަމައަށް އެ ދާއިރާގައި ހޭދަކޮށްފައިވާނަމަ،" މިނިސްޓަރު ވިދާޅުވި އެވެ.

ލޯނު ދޭ ދަރިވަރުން ކަނޑައަޅާނީ ދެފުށް ފެންނަ ގޮތަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެކަން ކުރާނެ އުސޫލުތައް ކަނޑައަޅައި އާއްމުކޮށްފައިވާނެ ކަން ފާހަގަކުރެއްވި އެވެ.

މިނިސްޓަރު ވިދާޅުވީ މި ބުރަށް 151 މިލިއަން ރުފިޔާ ކަނޑައަޅާފައިވާ ކަމަށެވެ. މިދިޔަ އަހަރު ހުޅުވާލި ތިން ބުރުގެ ޖާގަތަކަށް، މުޅި ޖުމްލަ 140 މިލިއަން ރުފިޔާ ހަރަދުކުރި ކަން ފާހަގަކުރެއްވި އެވެ.