އޭސީސީގެ އަމަލުތައް ގޯސްކަމަށް ވިދާޅުވެ އާޒިމް ފާޑުކިއުއްވައިފި

ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި މެމްބަރުން ދައްކަވާ ވާހަކަތަކުގެ ތަހުގީގު އަވަސްކޮށް، ކުރީގެ ސަރުކާރުގައި މިނިސްޓަރުންނާ ހިސާބުން ފެށިގެން ތަރުތީބުވެ ހިންގާފައިވާ ވައްކަމުގެ މައްސަލަތައް ނުބަލައި ލަސްކުރަމުންދާ ކަމަށް ވިދާޅުވެ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމްގެ ފާޑުވިދާޅުން، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މިއަދު އަމާޒުކުރައްވައިފި އެވެ.


އޭނާ ތުހުމަތުކުރެއްވި ގޮތުގައި ކުރީގެ ސަރުކާރުގައި ވައްކަން ކުރި މީހުންގެ މައްސަލައް ފޮރުވައި، ތަހުގީގުތައް ލަސްކުރަން އޭސީސީގައި މިހާރު ތިއްބެވި މެމްބަރުން ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ. އެ ކޮމިޝަނުން އަވަސް އަރުވާލައިގެން އުޅެނީ މި ހިނގާ މަޖިލީހުގައި ދައްކާ ވާހަކަތައް، ގާނޫނާ ޚިލާފަށް ތަހުގީގު ކުރަން ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ 65 ގޮނޑިއާ އެކު މެޖޯރިޓީ ލީޑަރުކަން ކުރައްވާ އާޒިމްގެ ފާޑުވިދާޅުވުން އޭސީސީ އަށް އަމާޒު ކުރެއްވި އިރު އެ ފަސް މެމްބަރުންނަކީ ކުރީގެ ކޮމިޝަން ނުފޫޒުގެ ދަށުވެ، ގާނޫނީ ޒިންމާ އަދާނުކުރާ ކަމުގެ ތުހުމަތާ އެކު މަގާމުން ވަކިކޮށް، މި ވެރިކަމުގައި އައްޔަން ކުރެއްވި ފަސް މެމްބަރުންނެވެ. ކޮރަޕްޝަނަށް ޒީރޯ ޓޮލަރެންސާ އެކު މި ސަރުކާރުގެ ސިޔާސަތަށް ތާއީދުކޮށް، ނުފޫޒުގެ ދަށު ނުވާނެ ކަމުގެ ޔަގީންކަން މިހާރުގެ މެމްބަރުން ވަނީ ދެއްވައިފަ އެވެ.

އޭސީސީ އަށް އާޒިމް ފާޑުވިދާޅުވީ ސ. ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު މަޖިލީހުގައި ދެއްކެވި ވާހަކައަކާ ގުޅިގެން ތަހުގީގަށް ހާޒިރުވާން އޭސީސީން އަންގާފައި ވަނިކޮށެވެ.

އެނގިފައިވާ ގޮތުގައި، އޭނާ އެ ކޮމިޝަނަށް ހާޒިރު ކުރަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ހުކުމް ނުކުރަން، އެ މައްސަލަ ފުރަތަމަ ބެއްލެވި ކްރިމިނަލް ކޯޓުގެ އޭރުގެ އިސް ގާޒީ އަހުމަދު ހައިލަމް ރިޝްވަތު ނަންގަވާފައިވާ ކަމަށް ތުހުމަތު ކުރައްވައި، ނިހާދު މަޖިލީހުގެ ތަޅުމުގައި ދެއްކެވި ވާހަކައަކާ ގުޅިގެންނެވެ.

ނިހާދު އޭސީސީ އަށް ހާޒިރުކުރަން ނިންމުމުން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ބައްދަލުވުން ސިއްރުކޮށްގެން އެ މައްސަލަ ބެލި އެވެ.

މީގެ އިތުރުން، އެމްއޭސީއެލް އިން ބޮޑު ހޭދައެއްކޮށްގެން ހަދާ ސީޕްލޭން ޓާމިނަލްގެ ކޮންޓްރޯލް ޓީއެމްއޭ އަށް ދޭން އުޅޭ މައްސަލަ ތަހުގީގުކޮށް އޭސީސީން ބުނެފައި ވަނީ އެކަމުގައި ދައުލަތަށް ގެއްލުންވާ ގޮތަށް އަމަލުކޮށްފައިވާ ކަމަށެވެ. އެކަމުގައި ތުހުމަތުކުރެވޭ މީހުންގެ ޖިނާއީ ތަހުގީގެއް ވެސް އެ ކޮމިޝަނުން ވަނީ ފަށައިފަ އެވެ.

ޓީއެމްއޭ އިން ބޭނުންވާ ގޮތަށް ސީޕްލޭން ޓާމިނަލްގެ ކޮންޓްރޯލް އެ ކުންފުންޏަށް ލިބުމަށް ހުރަސްއެޅިފައި ވަނީ އެކަމާ ދެކޮޅަށް ފާޅުކުރަމުންދާ ކަންބޮޑުވުންތަކެވެ. ސީޕްލޭން ޓާމިނަލް މައްސަލައިގައި އޭސީސީ އަށް ހުށަހެޅި މައްސަލަ ބަލައި ގޮތް ނިންމިލެއް، އެހެން މައްސަލަތަކާ އަޅާބަލާއިރު އަވަހަށެވެ.

އެކަމަކު މިހާރުގެ ސަރުކާރުން ނިންމާފައިވާ ގޮތް، ކުރީގެ ސަރުކާރުގައި އެމްއޭސީއެލްގެ ބޯޑުން ކުރިއަށް ގެންދިޔަ މަޝްވަރާތަކަށް ވުރެ ރަނގަޅެވެ. މިވަގުތަށް އެ ނިންމުން ރަނގަޅު ކަމަށް، އޮޑިޓަ ޖެނެރަލް ވެސް ވަނީ ވިދާޅުވެފަ އެވެ.

ފިނޭންސް މިނިސްޓްރީން، އެމްއޭސީއެލްގެ ބޯޑަށް އަންގާފައި ވަނީ، އާ ޓާމިނަލުން ލައުންޖް ހަދަން ގާތްގަނޑަކަށް 5،000 އަކަމީޓަރުގެ ޖާގަ، މިހާރު ވެސް ޓީއެމްއޭއިން އެމްއޭސީއެލްއަށް ދޭ އަގުގައި، ދެ އަހަރަށް ދިނުމަށެވެ. ކުރިން ވާހަކަ ދެކެވެމުން އައީ ގާތްގަނޑަކަށް މުޅި ޓާމިނަލް ޓީއެމްއޭއަށް ދިނުމާ މެދުގަ އެވެ.

އޭސީސީ އަށް އަމާޒުކުރައްވައި އާޒިމް ނުރުހުން ފާޅުކުރެއްވީ ކުރީގެ ސަރުކާރުގައި ހިންގި ޚިޔާނާތުގެ މައްސަލަތައް ނުބަލައި ލަސްކުރަމުންދާ ކަމަށް ވިދާޅުވެ އެވެ. ޚިޔާނާތުގެ މައްސަލަ ލަސްވެފައިވާ ކަމުގެ ތުހުމަތު އޭސީސީ އަށް އަމާޒުކުރެއްވި އިރު، އެމްއެމްޕީއާރުސީ މެދުވެރިކޮށް ކުރީގެ ސަރުކާރުގައި ހިންގި 3.2 ބިލިއަން ރުފިޔާގެ ޚިޔާނާތާއި ކުންފުނިތައް މެދުވެރިކޮށް ހިންގާފައިވާ ބޮޑެތި ވައްކަންތައް ބެލުމުގެ ޒިންމާ މަތިކޮށްފައި ވަނީ އެސެޓް ރިކަވަރީ ކޮމިޝަންގެ ނަމުގައި އުފައްދާފައިވާ ރިޔާސީ ކޮމިޝަނާ އެވެ.

އެ މައްސަލަތައް ބަލަމުން އަންނަނީ އެސެޓް ރިކަވަރީ ކޮމިޝަނާއި އޭސީސީ އާއި ފުލުހުން ގުޅިގެން ކަމަށް އެ ތިން މުއައްސަސާ އިން ވަނީ ބުނެފަ އެވެ.

އޭސީސީއާ މެދު އާޒިމް ހިތްހަމަޖެހިވަޑައިނުގެން ވާހަކަ ދެއްކެވީ، ރާއްޖެ އަންނަ ފަސިންޖަރުންގެ އަތުން، އެއާޕޯޓް ތަރައްގީކުރުމުގެ ނަމުގައި ނަގާ ޓެކުހަށް ވާނުވާއެއް ނޭނގޭ ކަމަށް ވިދާޅުވެ އެވެ. ދައުލަތް، އެފަދަ ޓެކްސްތައް ނަގައިގެން ހިންގަން އަމާޒު ހިފާފައިވާ އިރު، ފަސިންޖަރުންނަށް އެއާޕޯޓުގައި ދޭ ޚިދުމަތުގެ ފެންވަރު ދަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކުވެއިތު ފަންޑުން އެއާޕޯޓް ތަރައްގީކުރާ ކަމުގެ ވާހަކަ ވަރަށް ކުޑައިރުއްސުރެން އަޑު އައްސަވާ ކަަމަށާއި ނަމަވެސް އެކަމުގެ ހަގީގަތާ ގުޅިފައި ވަނީ ވައްކަން ކަމަށެވެ.

"މިއަދާ ހިސާބަށް އަޅުގަނޑުމެން ކަންކަން ބަލާލާއިރެއްގައި ރައްޔިތުންގެ އަތުން ނަގާ ޓެކުހުގެ ފައިސާ އެންމެ ބޮޑަށް ބޭނުންކޮށްފައި މިވަނީ ހަގީގަތުގައި ދައުލަތުގެ އެކިއެކި ތަންތަން ހިންގަން ތިބި މީހުން ވައްކަން ކުރުމުގެ ނަމުގައި. ހަމަ މި ވިސްނުމުގައި،" އާޒިމް ވިދާޅުވި އެވެ.

ބަޔަކަށް ކޮންޓްރެކްޓެއް ދޭ އިރު ވެސް އޮންނަނީ، އާޒިމް ވިދާޅުވި ގޮތުގައި، ޖީބަށް ފައިސާ ވަންނަ ގޮތަށް ކަންކަން ކުރާށެވެ.

އެމްއޭސީއެލް އާއި ޓީއެމްއޭގެ މައްސަލަ ފެންމަތިވެގެން އުޅޭއިރު، ފުރަތަމަ ބަލާލަން ޖެހެނީ އާޒިމް ވިދާޅުވި ގޮތުގައި، އެ "އެއްބަސްވުން" ހެދި ތާރީޚަށެވެ. އެ ތާރީޚު ލިޔެފައި އޮތީ ކުރީގެ ސަރުކާރުން ކަމަށާއި އެ އެއްބަސްވުމުގައި ވެސް ކޮރަޕްޝަން ހިމެނޭ ކަމުގެ ތުހުމަތު އާޒިމް ކުރެއްވި އެވެ.

އާ ޓާމިނަލް ކުއްޔަށް ދިނުމާ ބެހޭ ގޮތުން އެމްއޭސީއެލް އާއި ޓީއެމްއޭއާ ދެމެދު އެއްވެސް ކަހަލަ އެއްބަސްވުމެއްގައި ސޮއިކޮށްފައެއް ނުވެ އެވެ.

އޭސީސީގެ އާ މެމްބަރުން: ނުފޫޒުގެ ދަށު ނުވެ މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފައިވާ މެމްބަރުންގެ އަމަލުތައް ގޯސްކަމަށް އާޒިމް ވަނީ ވިދާޅުވެފައި. --ފޮޓޯ: ނިޝާން އަލީ/މިހާރު

މި ސަރުކާރުގައި މިހާރު ދިމާވެގެން އުޅޭ މައްސަލައަކީ ރައްޔިތުންނަށް އެންމެ ގެއްލުން ނުވާނޭ ގޮތަކަށް އެއްބަސްވުމުގެ ކަންކަން ހައްލުކުރުން ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް މިކަމުގައި ވެސް ހުރިހާ ބަދުނާމެއް އަޅުވަނީ މި ސަރުކާރަށް ކަމަށް ވިދާޅުވެ އާޒިމް ހިތްހަމަނުޖެހުން ފާޅުކުރެއްވި އެވެ.

މި މައްސަލައިގައި، ގާނޫނު ތަންފީޒުކުރަން ތިބި މީހުންގެ އިހުމާލު އޮތް އިރު އޭގެތެރޭގައި އޭސީސީ ހިމެނޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކުރީގެ ސަރުކާރުގައި ވައްކަން ކުރި ކަމަށް ތުހުމަތުކުރެވޭ އެތައް ބައެއްގެ މައްސަލަ އާއި އެތައް ރިޕޯޓެއް އެންޓި ކޮރަޕްޝަން ކޮމިޝަންގައި އޮއްވައި އެކަންކަން ނުބަލައި ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި މެމްބަރަކު ދައްކަވާ ވާހަކަ ތަހުގީގު ކުރާތީ އާޒިމް ސުވާލު އުފެއްދެވި އެވެ. ވަކި ނަމެއް ނުބާއްވައި މިނިސްޓަރުންނާ ހިސާބުން ފެށިގެން ތިބީ ވައްކަމުގެ ތުހުމަތު އެޅިފައި ތިބި މީހުން ކަމަށް އާޒިމް ވިދާޅުވި އެވެ.

"މިއަށް ވުރެން މާ މުހިއްމު މި ރާއްޖެއަށް ވަންނަ ފައިސާ ވަގަށް ނެގި މިދިޔަ ސަރުކާރުގައި ތިބި މީހުންގެ މައްސަލަތައް ބަލަން ފެށިއްޔާ. ފުލުސް އޮފީހުގައި ތަހުގީގު ކުރަން އެތައް މައްސަލައެއް އެބަ އޮތް. ނަމަވެސް މި ސަރުކާރުގެ ކޮންމެވެސް މެމްބަރެއްގެ ވާހަކައެއް ދެއްކޭތޯ ބަލާނެ،" އާޒިމް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި މެމްބަރަކު ދައްކާ ވާހަކަ އެއްވެސް މުއައްސަސާއަކަށް ތަހުގީގު ނުކުރެވޭނެ ކަން ގާނޫނުއަސާސީގައި އޮންނަ އިރު ވެސް އޭސީސީން އެއާ ޚިލާފަށް އަމަލުކުރަމުންދާ ކަމަށް އާޒިމް ވިދާޅުވި އެވެ.

"ނަމަވެސް އެކަންކަން ބެލުން އަވަސްކޮށްލާފައި، މީގެ ކުރިން ވައްކަން ކުރި މީހުންގެ މައްސަލައް ފޮރުވުމަށްޓަކައި އެކަންކަން ލަސްކުރުމަށްޓަކައި އެންޓި ކޮރަޕްޝަން ކޮމިޝަންގައި ތިއްބެވި މެމްބަރުން މަސައްކަތް ކުރަމުންދާ ކަން އަޅުގަނޑު މި ފުރުސަތުގައި ފާހަގަކޮށްލަން،" އާޒިމް ވިދާޅުވި އެވެ.