ބައެއް ރަށްރަށުގެ މަގުތައް ހަދާފައި ހުރީ މަތިންދާބޯޓް ޖެއްސޭ ވަރަށް: އަސްލަމް

ރާއްޖޭގެ ބައެއް ރަށްރަށުގައި މަގުތައް ޑިޒައިންކޮށް ހަދާފައި ހުރީ ބޭނުންވާ ވަރަށް ވުރެ މާ މަތީ ފެންވަރެއްގައި ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.


ރައްޔިތުންގެ މަޖިލީހުގައި ވަޒީރުންނާ ސުވާލުކުރުމުގެ ވަގުތުގައި ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން އަސްލަމް ވިދާޅުވީ މަގުތައް އޯވަ ޑިޒައިންކޮށްފައިވާ ކަމަށާއި އެއީ ދައުލަތަށް އެންމެ ފައިދާ ހުރި ގޮތް ކަމަށް ގަބޫލުނުކުރައްވާ ކަަމަށެވެ. ލ. ފޮނަދޫގެ މަގުތައް ހެދުުމުގެ މަސައްކަތް ލަސްވާ ސަބަބާ ބެހޭ ގޮތުން ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ކުރެއްވި ސުވާލަކަށް އަސްލަމް ޖަވާބު ދެއްވުމަށް ފުރުސަތު އެރުވުމުގެ ކުރިން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ބައެއް ރަށްތަކުގައި ތާރު އަޅަމުން އަންނަ އިރު، މަގު ހަދާ ފެންވަރާ ދޭތެރޭ ބައެއް މީހުން ސުވާލު އުފައްދާ ކަމަށެވެ.

މާލޭގެ މަގެއް ހަދަނީ. ޕްލޭނިން މިނިސްޓަރު އަސްލަމް ވިދާޅުވީ ބައެއް މަގުތައް ހުރީ މަތިންދާބޯޓް ޖެއްސޭ ވަރަށް ކަމަށް.

"ރާއްޖޭގެ ބައެއް ރަށްރަށުގައި މިހާރު މިދަނީ ތާރު އެޅެމުން. އެއް ބަޔަކު ދެކޭ ގޮތުގައި އެއީ ބޭނުންވާ މިންވަރަށް ވުރެ ބޮޑު މިންވަރެއްގެ ޑިޒައިނެއް،" އެމަނިކުފާނު ވިދާޅުވި އެވެ.

ނަޝީދުގެ އެ ވާހަކަފުޅަށް ޖަވާބު ދެއްވަމުން އަސްލަމް ވިދާޅުވީ ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް މަގުތައް ހަދަނީ އެތަނެއްގައި ޓްރެފިކް އޮންނަ ވަރަށް ބަލައިގެން ކަމަށާއި ރާއްޖޭގައި މަގުތައް ހެދުމުގެ މަސައްކަތް ކޮށްފައި ހުރީ އެގޮތަށް ނޫން ކަަމަށެވެ.

"މަގުތަކުގެ ޑިޒައިންގައި އަޅުގަނޑު ވަކި ރަށެއްގެ ނަން ކިޔާކަށް ނެތިން. އެހެން ނަމަވެސް ބައެއް ރަށްރަށުގައި މަގުތައް ހެދިފައި އެބަހުރި މަތިންދާބޯޓް ޖެއްސޭ ފެންވަރަށް. އެވަރަށް ޑިޒައިން އެބަހުރި. އެއީ ހަަމަ ވަރަށް ބޮޑަށް އޯވަ ޑިޒައިން،" އަސްލަމް ވިދާޅުވި އެެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ ރަށްތަކުގައި އެނޫން ގޮތަކަށް މަގު ހަދާ ނަމަ މަގުގެ ފެންވަރު ދަށް ކަމުގެ ޝަކުވާ އަންނަ ކަަމަށާއި އެހެން ނަަމަވެސް ޓްރެފިކް ނޯންނަ ރަށްރަށުގައި މަގުތައް ހަދާ އިރު ބަރު ވެހިކަލްތަކަށް ދުއްވޭ ފެންވަރަށް މަގު ހެދުން މުހިއްމު ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.

"އެއް ހާސް މީހުންގެ އާބާދީ އުޅޭ ރަށެއްގައި އަޅުގަނޑަކަށް ނުފެނޭ ހަމަ އެއްގޮތަކަށް ވެސް 25 ޓަނުގެ ކްރޭނެއް އެތަަނަށް އަރާނެ ތަނެއް ދުވަހަކު ވެސް. އެހެންވީމާ އެ މަގު 25 ޓަނުގެ ކްރޭނެއް އަރާނެ ކަމަށް ޑިޒައިން ކުރުމަކީ ހަމަ ޔަގީނުން ވެސް އޯވަ ޑިޒައިން ކުރުން،" އޭނާ ވިދާޅުވި އެވެ.