އިބްތިހާލްގެ މަރު: ހެކިން ގެންނަން ފަހު ފުރުސަތު، ހުކުމް އަންނަ މަހަށް ފަސްކޮށްފި

ވ. ރަކީދޫގައި އަނިިޔާކޮށް، މަރައިލި މުހައްމަދު އިބްތިހާލްގެ މަރުގެ މައްސަލައިގައި އޭނާގެ މަންމަ އާފިޔާ މުހައްމަދުގެ މައްޗަށް ކުރާ ދައުވާގައި ދައުލަތުން ހުށަހެޅި ހެކިން ގެންނަން އެންމެ ފަހު ފުރުސަތު ދޭން ނިންމައި، އެ މައްސަލައިގެ ހުކުމް އިއްވުން އަންނަ މަހަށް ފަސްކޮށްފި އެވެ.


ޖެނުއަރީ، 2015 ގައި އިބްތިހާލަށް ބޮޑެތި އަނިޔާތަކެއް ދީ މަރައިލި މައްސަލައިގައި އާފިިޔާގެ މައްޗަށް ދައުލަތުން ދެ ދައުވާއެއް ކުރެ އެވެ. އެއީ ގަސްދުުގައި ކުއްޖަކު މެރުމާއި އަމުރަށް ނުކިޔަމަންތެރިިވުމުގެ ދައުވާ އެވެ. އެ މައްސަލައިގައި ދައުލަތުން ހުށަހެޅި ހެކިންގެ ތެރެއިން މިހާރު ހާޒިރު ނުކުރެވި ތިބި ދެ މީހުން ކަމަށްވާ އާފިޔާގެ ފިރިމީހާ އިބްރާހިމް ޝަފީގާއި އިތުރު މީހަކު މިއަދު ހާޒިރު ކުރަން އޮތީ ފަހު ފުރުސަތު ދީފަ އެވެ. އަދި އެ މީހުން ހާޒިރު ނުކުރެވުނަސް، މިއަދުގެ އަޑުއެހުންތައް ނިންމައިލުމަށް ފަހު، މި މަހު ހުކުމް އިއްވަން ކުރިން އޮތީ ހަމަޖައްސައިފަ އެވެ.

އެކަމަކު، ދައުލަތުން މިއަދުގެ އަޑުއެހުމުގައި ބުނީ ޝަފީގްގެ ހެކިބަސް މާދަމާ ނެގޭނެ އިންތިޒާމު ހަމަޖެހޭނެ ކަމަށާއި އެހެންވެ، މާދަމާއާ ހަމައަށް އެ ފުރުސަތު ދޭން އެދޭ ކަމަށެވެ. އޭނާ މިހާރު އުޅެނީ ށ. އަތޮޅުގެ ފެރީއެއްގައި ކަމަށާއި އެ އަތޮޅުގެ ކޯޓަކަށް މާދަމާ ހާޒިރުކޮށް، އޭނާގެ ހެކިބަސް ވީޑިއޯ ކޮންފަރެންސްކޮށް ނެގޭނެ އިންތިޒާމް ހަމަޖައްސާނެ ކަމަށް ދައުލަތުން ބުންޏެވެ. އަދި އެކަން އިއްޔެ ކޯޓަށް އަންގާފައިވާނެ ކަމަށް ވެސް ދައުލަތުން ބުންޏެވެ.

އެ މައްސަލަ ބައްލަވާ ގާޒީ މުހަައްމަދު ސަމީރު ވިދާޅުވި ގޮތުގައި، ޝަފީގާއި ދެން ހުރި ހެކިވެރިޔާގެ ހެކިބަސް ނުނެގުނަސް، މިއަދު އަޑުއެހުންތައް ނިންމައިލަން ކުރިން ހަމަޖެއްސީ ދައުލަތުން ވެސް އެގޮތަށް އެއްބަސްވެގެންނެވެ. ނަމަވެސްމ އެ ދެ މީހުންގެ ހެކިބަސް ނެގޭތޯ ބެލުމަށް މާދަމާ މެންދުރު އިތުރު އަޑުއެހުމެއް ބާއްވާނެ ކަމަށާއި އެއީ އެންމެ ފަހު ފުރުސަތު ކަމަށް ގާޒީ ވިދާޅުވި އެވެ. އަދި ތަކުރާރުކޮށް އެކަމަށް ފުރުސަތު ދޭ ނަމަ، ދުވަހަކު ވެސް އެކަމަށް ނިމުމެއް ނޯންނާނެ ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.

މާދަމާ ހެކިބަސް ނެގިިޔަސް، ޚުލާސާ ބަޔާން ހުށަހެޅުން ކުރިއަށް ގެންދެވޭނީ މި މަހުގެ ފަހުކޮޅު ބާއްވާ އަޑުއެހުމެއްގައި ކަމަށް ގާޒީ ސަމީރު ވިދާޅުވި އެވެ. އެހެންވެ، އެ މައްސަލައިގެ ހުކުމް ދެން އިއްވާނީ އަންނަ މަހުގެ ކުރީކޮޅު ކަމަށް ގާޒީ ވިދާޅުވި އެވެ.

އިބްތިހާލް މަރައިލި ކަމަށް އާފިޔާ ކުރިން ކޯޓުގައި އެއްބަސް ވިޔަސް، ފަހުން އޭނާ ވަނީ އެކަމަށް އިންކާރުކޮށްފަ އެވެ. އާފިޔާ ބުނެފައިވާ ގޮތުގައި ކުރިން އެކަމަށް އެއްބަސްވީ ބިރު ދެއްކުމުންނެވެ.