ސީޕްލޭން ޓާމިނަލްގެ މައްސަލަ ކާމިޔާބުވެއްޖެ، ވޯޓު ނުދިނީ އެމްއޭސީއެލްގެ ބޯޑަށް އިތުބާރު ނެތުމުން: ޔައުގޫބު

އެމްއޭސީއެލުން ބޮޑު ޚަރަދެއް ކޮށްގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހަދަމުން އަންނަ އާ ސީޕްލޭން ޓާމިނަލުން ބޮޑު ޖާގައެއް 15 އަހަރު ދުވަހުގެ މުއްދަތަށް ޓީއެމްއޭ އަށް ދޫކުރުމަށް ބަޔަކު ކުރަމުން އައި މަސައްކަތް ނާކާމިޔާބުކޮށްލެވިއްޖެ ކަމަށް، އެކަމަށް އެންމެ ބޮޑަށް މަސައްކަތް ކުރެއްވި ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.


އޭނާ އެހެން ވިދާޅުވީ، އާ ސީޕްލޭން ޓާމިނަލުން ގާތްގަނޑަކަށް 6،400 އަކަމީޓަރުގެ ސަރަހައްދެއް ކުރިއަށް އޮތް ދެ އަހަރުގެ މުއްދަތަށް ޓީއެމްއޭ އަށް ދޫކުރަން ކަނޑައަޅައި، އޭގެ ފަހުން މާކެޓުގެ އަގުތަކަށް ބަލައި ޓާމިނަލުން ލައުންޖުތައް ދިނުމަށް ސަރުކާރުން ނިންމި ނިންމުމަށް ތާއީދު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ފާސްކުރުމާ ގުޅިގެންނެވެ.

މުޅި ޓާމިނަލްގެ ކޮންޓްރޯލް އެމްއޭސީއެލް އިން ޓީއެމްއޭ އަށް ދޫކޮށްލަން މަޝްވަރާ ކުރާކަން އެނގިވަޑައިގެން، ޔައުގޫބު ހުށަހެޅުއްވި މައްސަލައިގައި ކޮމިޓީން ފާސްކުރީ ސަރުކާރުން ހުށަހެޅި ގޮތަށް ތާއީދު ކުރުުމަށެވެ.

އާ ސީޕްލޭން ޓާމިނަލުން 19،000 އަކަމީޓަރުގެ ޖާގައެއް 15 އަހަރުގެ މުއްދަތަކަށް ޓީއެމްއޭ އަށް ދޫކުރުމަށް އެމްއޭސީއެލް އާއި ޓީއެމުން މަޝްވަރާ ކުރަމުން ދަނިކޮށް، ފިނޭންސް މިނިސްޓްރީން ނިންމާފައި ވަނީ އެ ކުންފުންޏަށް ދޫކުރާނީ 6،400 އަކަމީޓަރުގެ ޖާގައެއް ކަމަށެވެ. އެއީ އަކަފޫޓަކަށް 10.35 ޑޮލަރުގެ ރޭޓުން ދެ އަހަރު ދުވަހަށެވެ. ސަރުކާރުގެ ނިންމުމުގައިވާ ގޮތުން ދެ އަހަރު ދުވަހުގެ އެ އެއްބަސްވުން ނިމުމުން ޓާމިނަލް ހިންގުމާ ހަވާލުވާނީ އެމްއޭސީއެލުންނެވެ.

މާލިއްޔަތު ކޮމިޓީގެ މެމްބަރުން ބައްދަލުވުމެއްގައި.--ފޮޓޯ/މަޖިލިސް

ސަރުކާރުގެ އެ ނިންމުމަށް ޔައުގޫބު ތާއީދު ކުރެއްވިޔަސް އެއާ އެއްކޮޅަށް މާލިއްޔަތު ކޮމިޓީގައި މިއަދު ނެގި ވޯޓުގައި، އެކަމަށް އެންމެ ބޮޑަށް ވަކާލާތު ކުރެއްވި ޔައުގޫބު ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ.

ޔައުގޫބު "މިހާރު"އަށް ވިދާޅުވީ ސަރުކާރުގެ ނިންމުމަކީ "ވިން" އެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށާއި ވޯޓު ނުދެއްވީ އެ ނިންމުން ގޯސްވެގެން ނޫން ކަމަށެވެ.

"ދައުލަތަށް ބޮޑު ގެއްލުމެއް ވާ ގޮތަށް އެ މުއާމަލާތްތައް ހިނގި އިރު، އަދި އޭގެ ފަހުން އެކަން އޮޅޭ ގޮތަށް، އިތުރުފުޅު ހެއްދެވުމުން، އެމްއޭސީއެލްގެ ބޯޑަށް އަޅުގަނޑު އިތުބާރެއް ނުކުރަން: ޔައުގޫބު

ޔައުގޫބުގެ މައްސަލަ އަކީ އެމްއޭސީއެލްގެ ބޯޑަށް އޭނާގެ އިތުބާރު ނެތުމެވެ. މިހާތަނަށް ވެސް، އާ ސީޕްލޭން ޓާމިނަލް ދޫކުރުމާ ގުޅޭ ކަންތައްތަކުގައި މާލިއްޔަތު ކޮމިޓީ އަށް ދޮގު މައުލޫމާތުތަކެއް ދެއްވާފައިވާ ކަމަށް ތުހުމަތު ކުރެވޭ މެމްބަރުންތަކެއް ތިއްބެވި ބޯޑަކާ ކަމެއް ހަވާލުކުރުމަށް ރުހުން ދިނުމަށް ޔައުގޫބު ބޭނުން ނުވީ ކަމަށް އޭނާ ވިދާޅުވި އެވެ.

"ސަރުކާރުގެ ނިންމުން ހަމަ ވަރަށް ރަނގަޅު. އަޅުގަނޑު ދެކެނީ ހަމަ މިއީ ވިން އެއް ކަމަށް. ދައުލަތަށް ބޮޑު ގެއްލުމެއް ވާ ގޮތަށް އެ މުއާމަލާތްތައް ހިނގި އިރު، އަދި އޭގެ ފަހުން އެކަން އޮޅޭ ގޮތަށް، އިތުރުފުޅު ހެއްދެވުމުން، އެމްއޭސީއެލްގެ ބޯޑަށް އަޅުގަނޑު އިތުބާރެއް ނުކުރަން. އެހެންވީމާ އެ ބޯޑާ ކަމެއް ހަވާލުކުރަން ރުހުން ދިނުމުގައި ބައިވެރި ނުވާން ވެގެން ވޯޓް ނުދިނީ،" އޭނާ ވިދާޅުވި އެވެ.

ޔައުގޫބު ވިދާޅުވި ގޮތުގައި، ދައުލަތަށް ބޮޑު ގެއްލުމެއް ވާ ގޮތަށް އާ ސީޕްލޭން ޓާމިނަލް ޓީއެމްއޭ އަށް ކުއްޔަށް ދޭން އުޅޭ މައްސަލަ މާލިއްޔަތު ކޮމިޓީއަށް އޭނާ ހުށަހެޅުއްވި އިރު އޮތީ އެ ކުންފުންޏަށް ޓާމިނަލްގެ ކޮންޓްރޯލް ދޫކޮށްލުމާ ދާދި ގާތަށް މަޝްވަރާތައް ގޮސްފަ އެވެ. އަދި އެކަމުގައި ސަރުކާރުގެ "ހަރުދަނާ ސްޓޭންޑް" ނެގީ މާލިއްޔަތު ކޮމިޓީން އެކަން މިހާ ބޮޑަށް ބެލުމުން ކަމަށް ވިދާޅުވި އެވެ.

އާ ސީޕްލޭން ޓާމިނަލް އެމްއޭސީއެލުން ހިންގައިފި ނަމަ ދައުލަތަށް އާމްދަނީ ލިބޭނެ މިންވަރު އެނގުނީ މާލިއްޔަތު ކޮމިޓީން އެދިގެން އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު ކުރެއްވި އޮޑިޓަކުންނެވެ. އެ އޮޑިޓުން އެނގުނީ ޓާމިނަލް ކުއްޔަށް ދޭން ކުރިން މަޝްވަރާތައް ކޮށްފައިވާ ގޮތަށް އެކަން ނިންމި ނަމަ ދައުލަތަށް އަހަރަކު 41 މިލިޔަން ޑޮލަރުގެ ގެއްލުމެއް ވާނެ އެވެ.

މި މައްސަލައިގައި އެމްއޭސީއެލުން ވެސް ބޮޑެތި ގޯސްތަކެއް ހަދާފައިވާތީ، ޖިނާއީ ތަހުގީގެއް ހިންގަން އެންޓި ކޮރަޕްޝަން ކޮމިޝަނުން ވެސް ވަނީ ނިންމައިފަ އެވެ.

.