އަދުހަމްގެ ތުހުމަތުތައް ފުލުހުން ދޮގުކޮށްފި

ޓެކްސީ ޑްރައިވަރެއް ކަމަށްވާ ގާސިމް ހަސަންގެ މަރުގެ ދައުވާ ލިބޭ އަދުހަމް މުހައްމަދު ފުލުހުންނާ ބެހޭގޮތުން ކުރި ތުހުމަތުތައް ފުލުހުން މިއަދު ދޮގުކޮށްފި އެވެ.


މިދިޔަ އަހަރުގެ ޑިސެމްބަރު މަހު، ހުޅުމާލޭގައި ޓެކްސީގައި ދަތުރު ކުރަމުން ދަނިކޮށް ގާސިމްގެ ކަރަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލިކަމުގެ ދައުވާ ލިބޭ ޅ. ހިންނަވަރު ބޮޑުހިޔާގޭ، އަދުހަމް ވަނީ އެކަމަށް ކުރިން ކޯޓުގައި އެއްބަސްވެފަ އެވެ. އެކަމަކު، އޭނާ މިއަދު ވަނީ އެކަމަށް އިންކާރުކޮށް، އޭރު އެކަމަށް އެއްބަސްވީ ފުލުހުން އޭނާއަށް މަސްތުވާތަކެތި ދީގެން ކޯޓަށް ގެންދިއުމުން ކަމަށާއި އޭނާއަށް ކޯޓުގައި އޭރު ދެއްކުނު ވާހަކަތަކެއް ނޭނގޭ ކަމަށް ބުނެފަ އެވެ.

އެކަމާ ގުޅިގެން ފުލުހުން ބުނީ އަދުހަމަށް ފުލުހުން މަސްތުވާތަކެތި ދިން ކަމަށް ބުނެ ދައްކާ ވާހަކަތަކުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށާއި އަދުހަމް ދައުވާ އަށް އިންކާރު ކުރިޔަސް، އޭނާއާ ދެކޮޅަށް އެކަށީގެންވާ ހެކި ހޯދާފައިވާނެ ކަމަށެވެ.

އަދުހަމް ދައުވާއަށް އިންކާރު ކުރުމުން ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވެސް ވިދާޅުވެފައިވަނީ ހެކީގެ މައްޗަށް ބިނާކޮށް އަދުހަމްގެ މައްޗަށް އެ ކުށް ސާބިތު ކުރެވޭނެ ކަމަށެވެ.