ޝަރުއީ ދާއިރާ އިސްލާހު ކުރަނީ ހެޔޮ ނިޔަތެއްގައިި، ނުފޫޒެއް ނުފޯރުވާނަން: ރައީސް

ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަނީ އިޚުލާސްތެރި ނިޔަތެއްގައި ކަމަށާއި ސަރުކާރުގެ އެއްވެސް ނުފޫޒެއް އެ ދާއިރާ އަށް ނޯންނާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެ އެވެ.


ޖުޑީޝަލް އަހަރު ފެށުމަށް ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށް ދެއްވަމުން ރައީސް ވިދާޅުވީ، އެއްވެސް ނުފޫޒެއް ނުފޯރުވޭ ގޮތަށް ފަނޑިޔާރުންނަށް ގާނޫނުއަސާސީން ޚާއްސަ އިމްތިޔާޒްތަކެއް ދީފައި ވަނީ ރައްޔިތުންގެ މެދުގައި ތަފާތު ކުރުމެއް ނެތި އިންސާފު ގާއިމް ކުރަން ކަމަށެވެ. އަދި ދައުލަތް ހިންގުމުގެ ނިޒާމަށް ގެނައި ބަދަލާ އެކު، ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ މަސައްކަތް ކުރަނީ އިޚުލާސްތެރި ނިޔަތެއްގައި ކަމަށާއި އެއީ ރައްޔިތުންގެ ކިތަންމެ ކުޑަ ހައްގެއް ނިގުޅައިގަތަސް، އެ ހައްގެއް ކޯޓުތަކުން އަނބުރާ ހޯދައިދޭނެ ކަމުގެ ޔަގީންކަން ހޯދައި ދިނުމަށް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި ގޮތުގައި، ސަރުކާރުގެ އެއްވެސް ނުފޫޒެއް ޝަރުއީ ދާއިރާ އަށް ނޯންނާނެ އެވެ.

ދަރުބާރުގޭގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލި، ޖުޑީޝަލް އަހަރު ރަސްމީކޮށް ފައްޓަވައި ދެއްވާއިރު އަރިހުގައި އުއްތަމަ ފަނޑިޔާރު މުއުތަސިމް (ވ) އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދު (ކ).---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު

"މިއަދު ދައުލަތް ހިނގަމުން އަންނަނީ ދައުލަތުގެ ތިން ބާރަށް ގާނޫނުއަސާސީން ކަނޑައަޅައި ދީފައިވާ އެންމެ ފުރިހަމަ މިނިވަންކަމުގެ ތެރޭގައި. ސަރުކާރުގެ ފަރާތުން ފަނޑިޔާރުގެއާ ބެހި، ނުފޫޒު ފޯރުވުމުގެ އެއްވެސް ކަމެއް އަޅުގަނޑުމެން ނުކުރަން. އަދި އިރާދަކުރެއްވިއްޔާ އެފަދަ ކަމެއް އަޅުގަނޑު ނުވެސް ކުރާނަން،" އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގެންނެވި ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ، ޝަރުއީ ދާއިރާ އިސްލާހު ކުރަން ވޭތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ ކަމަށާއި އެކަމަކު އިތުރަށް ކުރަންޖެހޭ ގިނަ މަސައްކަތްތަކެއް އެބަހުރި ކަމަށެވެ. އޭގެ ތެރޭގައި، ގާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް ވެސް ހިމެނޭކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އެ ބިލްތައް ވަރަށް އަވަހަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެ ކަމަށެވެ. އަދި އިންސާފު ގާއިމް ކުރުމަށްޓަކައި، ފަނޑިޔާރުންނަށް އަންނަ އެކި ބާވަތުގެ ނުފޫޒުތަކަށް ވެސް ފަނޑިޔާރުން ނޫނެކޭ ބުނަން ޖެހޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"މިއަދު ދައުލަތް ހިނގަމުން އަންނަނީ ދައުލަތުގެ ތިން ބާރަށް ގާނޫނުއަސާސީން ކަނޑައަޅައި ދީފައިވާ އެންމެ ފުރިހަމަ މިނިވަންކަމުގެ ތެރޭގައި. ސަރުކާރުގެ ފަރާތުން ފަނޑިޔާރުގެއާ ބެހި، ނުފޫޒު ފޯރުވުމުގެ އެއްވެސް ކަމެއް އަޅުގަނޑުމެން ނުކުރަން. އަދި އިރާދަކުރެއްވިއްޔާ އެފަދަ ކަމެއް އަޅުގަނޑު ނުވެސް ކުރާނަން: ރައީސް

"ކޮރަޕްޝަނާއި ފައިސާގެ ދަހިވެތިކަން. އަމިއްލަ މަސްލަހަތުތަކާއި ތަފާތު ނުފޫޒުތައް، މިއިން ކޮންމެ ކަމަކީ ވެސް ފަނޑިޔާރުން އިއްވާ ނިޔާތައް އަނިޔާއަކަށް ވެގެން ހިނގައިދާނެ ކަމެއް. ފަނޑިޔާރުގެ ނަޒާހަތްތެރިކަމަށް ހުރަސް އަޅާ މިފަދަ ކަންކަމަށް ނޫނެކޭ ބުނުމުގެ ހިތްވަރު ފަނޑިޔާރުންގެ ކިބައިގައި އަށަގަނެގެން ނޫނީ އަދުލު އިންސާފު ގާއިމެއް ނުކުރެވޭނެ،" ޝަރުއީ ދާއިރާގެ ގިނަ ބަޔަކު ބައިވެރިވި ޖަލްސާގައި ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި ޝަރުއީ ދާއިރާއާ މެދު އިތުބާރު ގެއްލުމަށް މެދުވެރިވާ އެންމެ ބޮޑު ސަބަބަކީ މައްސަލަތައް ނުނިމި ލަސްވާ ލަސްވުމެވެ. އެކަން ހައްލުކޮށް، މައްސަލަތައް އަވަހަށް ނިންމޭނެ އިންތިޒާމް ހަމަޖައްސަން ޖެހޭ ކަމަށާއި އެފަދަ އިޖުތިމާއީ އެތައް މައްސަލަތަކަކަށް ހައްލު ހޯދައި ދެވޭނީ ކޯޓުތަކަށް ކަމަށް ވެސް ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ޖުޑީޝަލް އަހަރު ފެށުމުގެ ރަސްމިއްޔާތުގައި މިރޭ ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު

"ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާއި އިހުމާލުގެ މައްސަލަތައް ކަމަށް ވިޔަސް، މާރާމާރީ އާއި ގޭންގް ކުށްތަކާއި މަސްތުވާތަކެތީގެ މައްސަލަތައް ކަމަށް ވިޔަސް، މިފަދަ ކޮންމެ މައްސަލައެއް ހައްލު ކުރުމުގައި ކޯޓުތަކުގެ ދައުރު ވަރަށް ބޮޑު. އޭގެ ތެރެއިން ވެސް އެންމެ މުހިންމު ކަމަކީ އަދުލު އިންސާފު އޭގެ ވަގުތުގައި ގާއިމް ކުރުން. ޝަރުއީ މަރުހަލާތައް އަވަސްކޮށް، އަވަހަށް ނިޔާ ކަނޑައެޅުން." ރައީސް ވިދާޅުވި އެވެ.

މައްސަލަތައް އަވަހަށް ކުރިއަށް ގެންދަން ކޯޓުތަކަށް ޖާގައިގެ ދަތިކަމާއި މެޖިސްޓްރޭޓުންގެ ދަތިކަން ކުރިމަތިވެފައިވާތީ އެކަމާ މެދު، ރައީސް ވިދާޅުވީ ކޯޓް ކޮމްޕްލެކްސް އެޅުމަށް ހުޅުމާލެ އިން ދާދި ފަހުން ދޫކުރި ބިމުގައި އަޅާ އިމާރާތާ އެކު، މާލޭގެ ކޯޓުތަކަށް ޖާގައިގެ ދަތިކަން ހައްލު ވާނެ ކަމަށެވެ.