1.3 މިލިއަން ރުފިޔާގެ މަސްތުވާތަކެތީގެ މައްސަލައެއްގައި ދިވެއްސަކު އިންޑިއާގައި 10 އަހަރަށް ޖަލަށް

މަސްތުވާތަކެތީގެ ވިޔަފާރި ކުރަން އުޅުނުކަން ސާބިތުވެ ދިވެއްސަކު 10 އަހަރަށް ޖަލަށް ލުމަށް އިންޑިއާގެ ކޯޓަކުން އިއްޔެ ހުކުމްކޮށްފި އެވެ.


ބެންގަލޫރުގައި ނެރޭ ބެންގަލޫރު މިރާ ނޫހުން މިއަދު ބުނި ގޮތުގައި އިންޑިއާގެ ދެ ރައްޔިތުންނާ އެކު، އުމުރުން 28 އަހަރުގެ ދިވެއްސެއް ކަމަށްވާ އަޖޫތު މުހައްމަދު ވަނީ 10 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށް، 10،000 އިންޑިއާ ރުޕީސް (2،300 ރުފިޔާ) އިން ކޮންމެ މީހަކު ޖޫރިމަނާ ކޮށްފަ އެވެ. އެ މީހުންގެ މައްޗަށް އެ ހުކުމް އައީ، އެ ނޫހުން ބުނި ގޮތުގައި، 500 ގްރާމް ހެރޮއިން އެ މީހުން ތިބި އެޕާޓްމަންޓުން ފެނިފައިވާތީ އެވެ.

"އަތުލައިގަތް ހެރޮއިންގެ އަގު 60 ލައްކަ އިންޑިއާ ރުޕީސް (1.3 މިލިއަން ރުފިޔާ) އަށް އަރާނެ ކަމަށް އަންދާޒާ ކުރެވެ އެވެ،" އިންޑިއާގެ އެންމެ ބޮޑު އެއް ނޫސް ކަމަށް ވާ ޓައިމްސް އޮފް އިންޑިއާގެ މައި ކުންފުނިން ބެންގަލޫރުގައި ނެރޭ ނޫހުގައިވެ އެވެ.

ބެންގަލޫރުގެ ފުލުހުން ބުނެފައިވާ ގޮތުގައި އެ ތިން މީހުން ހައްޔަރުކުރީ ފެބްރުއަރީ 7، 2012 ގަ އެވެ. އޭގެ ތެރޭގައި ހިމެނޭ އިންޑިއާގެ ބަންވަރިލް އަދި ޗޭތަން ސަކްޒޭނާ އަކީ އޭގެ ކުރިން ވެސް މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ރާޖަސްތާނާއި މަދުޔަ ޕްރަދޭޝް ސްޓޭޓުގައި ހައްޔަރުކޮށްފައިވާ ދެ މީހުން ކަމަށް ވާއިރު، އެ މީހުން މަސައްކަތް ކުރީ ރަނގަޅު ވަގުތެއްގައި އަޖޫތު މެދުވެރިކޮށް އަތުލައިގަތް ހެރޮއިން ރާއްޖެ ފޮނުވަން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

އަޖޫތަކީ، އިންޑިއާގެ ފުލުހުން ބުނި ކަމަށް ބެންގަލޫރު މިރާ އިން ބުނި ގޮތުގައި، ރާއްޖޭގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ނެޓްވޯކަކާ ގުޅުން އޮތް މީހެކެވެ. ބޭސްފަރުވާ އަށް ކަމަށް ބުނެ، ހައްޔަރުކުރުމުގެ ދުވަސްކޮޅެއް ކުރިން އޭނާ ބެންގަލޫރަށް ދިޔައީ މަސްތުވާތަކެތި ރާއްޖެ އެތެރެކުރުމަށް ކަމަށް އިންޑިއާގެ ފުލުހުން ވަނީ ތުހުމަތުކޮށްފަ އެވެ.

އިންޑިއާގައި ސެޕްޓެމްބަރު 2013 ގައި ވެސް ދިވެއްސަކު ވަނީ މަސްތުވާތަކެތީގެ ބޮޑު މައްސަލައެއްގައި ހައްޔަރުކޮށްފަ އެވެ. އެކަމަކު، ޓްރިވެންޑްރަމް އިން ހައްޔަރުކުރި އެ މީހާގެ މައްސަލަ ގޮސްފައިވާ ހިސާބެއް ނޭނގެ އެވެ.

އިންޑިއާއެކޭ އެއްގޮތަށް ދިވެހިން އާއްމުކޮށް ގޮސް އުޅޭ އަވަށްޓެރި ލަންކާ އިން ވެސް ޑްރަގުގެ މައްސަލަތަކުގައި ދިވެހިން ދޭތެރެދޭތެރެ އިން ހައްޔަރުކުރެ އެވެ.