ޗާޓަޑް އިންސްޓިޓިއުޓް އޮފް އާބިޓްރޭޓާސްގެ މެމްބަރުކަން ފަނޑިޔާރު ހާތިފާއި މަޒީދަށް

ޗާޓަޑް އިންސްޓިޓިއުޓް އޮފް އާބިޓްރޭޓާސްގެ މެމްބަރަކަށް ވެވަޑައިގަތުމުގެ ފުރުސަތު ހައި ކޯޓުގެ ފަނޑިޔާރު ހާތިފް ހިލްމީ އާއި ފަނޑިޔާރު ހުސައިން މަޒީދަށް ލިބިވަޑައިގެންފި އެވެ.


ހައި ކޯޓުން ބުނީ އިނގިރޭސިވިލާތުގައި ރަޖިސްޓްރީ ކޮށްފައިވާ ޗާޓަޑް އިންސްޓިޓިއުޓް އޮފް އާބިޓްރޭޓާސްގެ މެމްބަރަކަށް ވެވަޑައިގަތުމުގެ ފުރުސަތު ފަނޑިޔާރު ހާތިފާއި ފަނޑިޔާރު މަޒީދަށް ލިބިވަޑައިގަތީ އެ އިންސްޓިޓިއުޓުން ހިންގާ އެކްސެލެރޭޓާޑް ރޫޓް ޓު މެމްބާޝިޕްގައި އެ ދެ ބޭފުޅުން ބައިވެރިވެ ވަޑައިގެން އެގްޒެމިނޭޝަނުން ފާސްވެ ވަޑައިގަތުމުންނެވެ.

ރާއްޖޭގެ ފަނޑިޔާރުންގެ ތެރެއިން އެ އިންސްޓިޓިއުޓްގެ މެމްބަރު ކަން މިހާތަނަށް ލިބިވަޑައިގެންފައި އޮތީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއް ސުއޫދާއި ސިވިލް ކޯޓުގެ ފަނޑިޔާރު އަހްމަދު އަބްދުލްމަތީނަށް އެކަންޏެވެ.

ކުރިން ސިވިލް ކޯޓުގެ ފަނޑިޔާރު ކަން ކުރެއްވި ފަނޑިޔާރު ހާތިފް އާއި މަޒީދު ހައި ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވީ މިދިޔަ މަހު އެވެ. އެއީ ހައި ކޯޓަށް އެންމެ ފަހުން އައްޔަން ކުރެއްވި ދެ ފަނޑިޔާރުންނެވެ.