ފަޒީލްގެ ވާހަކަތަކުން ވެސް ގޯސްވީ އެމްއޭސީއެލްގެ ބޯޑު

އާ ސީޕްލޭން ޓާމިނަލް ކުއްޔަށް ދޭން އުޅުނު ގޮތުގެ މައްސަލައިގައި އެމްއޭސީއެލްގެ ޖެނެރަލް މެނޭޖަ ކޮމާޝަލް ހުސައިން ފަޒީލް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަަތު ކޮމިޓީގައި މިއަދު ދެއްކެވި ވާހަކަތަކުން ވެސް ކުންފުނީގެ ބޯޑު ގޯސްވެއްޖެ އެވެ.


މާލިއްޔަތު ކޮމިޓީއަށް ފަޒީލްް ހާޒިރުކުރީ އެމްއޭސީއެލުން ޓީއެމްއޭއަށް ފޮނުވި ސިޓީތަކުގައި ބޯޑުން ނުނިންމާ އަދި މަޝްވަރާ ވެސް ކޮށްފައި ނުވާ ވާހަކަތަކެއް ހުރިކަން، ބޯޑުގެ ދެ މެމްބަރަކު ކުރިން މާލިއްޔަތު ކޮމިޓީގައި ވިދާޅުވުމުންނެވެ. އެމްއޭސީއެލުން ޓީއެމްއޭއަށް ފޮނުވި ސިޓީތަކުގައި ސޮއިކުރައްވާފައި އޮތީ ފަޒީލް އެވެ. އެހެންކަމުން އޭނާގެ ބޮލަށް ބައެއް ކަންކަން ކަނޑާލުމާއި، އާ ސީޕްލޭން ޓާމިނަލާ ބެހޭ ގޮތުން ޓީއެމްއޭއާ އެކު ކުރި މުއާމަލާތްތަކުގައި އޮޅުވާލުންތަކެއް ހުރިކަން ވެސް، ބޯޑު ދެ މެމްބަރުންގެ ވާހަކަ އިން ދޭހަވި އެވެ.

އެކަމަކު އެމްއޭސީއެލްގައި އުޅުއްވާތާ 25 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ ފަޒީލް، މާލިއްޔަތު ކޮމިޓީގެ މެމްބަރުންގެ ސުވާލުތަކަށް ދެއްވި ބައެއް ޖަވާބުން، ހުރިހާ ގޯހެއް އެޅެނީ ބޯޑުގެ ބޮލުގައިކަން ރަނގަޅަށް އެނގެ އެވެ. އޭނާ ވިދާޅުވި ގޮތުގައި ޓީއެމްއޭއާ އެކު ކުރަމުން ދިޔަ މުއާމަލާތްތަކާ ބެހޭ މައުލޫމާތެއް ވިއްޔާ އޭނާ ގެންދެވީ ބޯޑާ ހިއްސާކުރައްވަމުންނެވެ.

ފަޒީލްގެ ވާހަކަތަކުން ފާހަގަވި އެންމެ ބޮޑު އެއް ކަމަކީ، އެމްއޭސީއެލުން 55 މިލިއަން ޑޮލަރު (848 މިލިއަން ރުފިޔާ) ހޭދަކޮށްގެން ހަދާފައިވާ ޓާމިނަލް، ޓީއެމްއޭއަށް ދެވިދާނެ ގޮތުގެ މައްޗަށް ބިނާކޮށް ތިން ކަރުދާހެއް ބޯޑަށް އޭނާ ހުށައެޅުއްވި ކަމެވެ. އެ ކަރުދާސްތަކުގައި އާ ޓާމިނަލް ކުއްޔަށް ދިނުމުގައި އަމަލްކުރެވިދާނެ ފަސް ގޮތެއް ހިމެނޭނެ ކަމަށް، އޭނާ ވިދާޅުވި އެވެ.

ފަޒީލް ވިދާޅުވި ގޮތުގައި ޓީއެމްއޭއަށް ސިޓީތައް ފޮނުއްވީ އޭރުގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާއާ މަޝްވަރާކުރައްވައި އާދިލްގެ އިރުޝާދާ އެއްގޮތަށެވެ.

އެމްއޭސީއެލްގެ ޖެނެރަލް މެނޭޖާ ކޮމާޝަލް ހުސައިން ފަޒީލް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މެމްބަރުންނަށް ޖަވާބު ދެއްވަނީ.

"ކޮންމެ ބޯޑު ޕޭޕަރެއްގައި ވެސް ވަކި ކަމަކަށް ރިޒޮލިއުޝަނެއް ފާސްކުރަން ފޮނުވަނީ. ރިޒޮލިއުޝަން [އެކުލަވައިލުމު]ގައި ބޭނުންވާ ކަންކަން، ހުރިހާ މައުލޫމާތެއް ހިމެނިގެންވާނެ،" ފަޒީލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޓީއެމްއޭއަށް ފޮނުވި ސިޓީތަކާ ބެހޭ ގޮތުން މެނޭޖްމެންޓާ މަޝްވަރާކޮށް، ހުއްދަ ވެސް ހޯއްދަވާފައިވާނެ ކަމަށެވެ. އެގޮތުން އޭނާ ކުރައްވާފައިވާ މުއާމަލާތްތަކާ ގުޅޭ ލިއެކިއުންތައް ވެސް މާލިއްޔަތު ކޮމިޓީއާ ހިއްސާކުރެއްވި އެވެ.

އަކަމީޓަރަކަށް 39 ޑޮލަރު

މެމްބަރުންގެ ސުވާލުތަކަށް ހުޅުވައިލުމުގެ ކުރިން ވާހަކަ ދައްކަވަން ފަޒީލަށް ލިބިވަޑައިގެންނެވި ފުރުސަތުގައި އޭނާ ވިދާޅުވީ ސީޕްލޭން ޓާމިނަލް ކުއްޔަށް ދޭނެ ރޭޓްތައް ކަނޑައެޅިދާނެ ގޮތްތަކާ ބެހޭ ޕްރެޒެންޓޭޝަނެއް އޮގަސްޓް 2017 ގައި ބޯޑަށް ހުށަހެޅުއްވި ކަމަށެވެ. އެގޮތުން ހުށަހެޅުއްވީ ކުލި ނެގިދާނެ ފަސް ގޮތެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ފުރަތަމަ ސިނާރިއޯގައި ވާނީ ވަރަށް ބޮޑެތި ރޭޓްތަކެއް. އޭގެ ތެރޭފައި ލައުންޖަށް ޗާޖްކުރާނެ ކަމަށް 39 ޑޮލަރު އަކަ މީޓަރަކަށް. ފަސް ވަނަ ސިނާރިއޯއަކަށް އޮންނާނީ ވަރަށް ދަށްކޮށް، އެއީ [އަކަމީޓާރެއް] 11 ޑޮލަރާ ހަމައަށް،" ފަޒީލް ވިދާޅުވި އެވެ.

މެނޭޖްމަންޓުން ހުށަހެޅި އަގުތައް

ލައުންޖް ސްޕޭސް (11000 އަކަމީޓރު) - އަކަމީޓަރެއް 39 ޑޮލަރު

އޮޮޕަރޭޝަނަލް ސްޕޭސް (8000 އަކަމީޓަރު) އަކަމީޓަރެއް 25 ޑޮލަރު

އޭނާ ވިދާޅުވި ގޮތުގައި އެ ރޭޓްތަކާ އެކު ޓީއެމްއޭއަށް ދޫކުރަން ހުށަހެޅީ ޖުމްލަ 31،000 އަކަމީޓަރުގެ ޖާގައެއް ކަމަށާއި އޭގެ ތެރޭގައި އެމްއާރުއޯ ބިލްޑިންގާއި އެމްއާރުއޯ ޑޮކްސް ވެސް ހިމެނެ އެވެ.

"އެ ސިނާރިއޯގައި އަޅުގަނޑުމެން މި ޕްރެޒެންޓޭޝަންގައި އެނުއަލް ރެންޓެއްގެ ގޮތުގައި ބަލާފައި މިވަނީ 17 މިލިޔަން ޑޮރު،" ފަޒީލް ވިދާޅުވި އެވެ.

އެކަމަކު އެ އަގުތައް ހުށަހެޅި ނަމަވެސް، ފަޒީލް ވިދާޅުވީ ޓީއެމްއޭއަށް ޓާމިނަލް ކުއްޔަށް ދޭން ބޯޑުގެ މަޝްވަރާއާ އެކު އެމްއޭސީއެލުން ހުށައެޅީ 19،000 އަކަމީޓަރު، އަކަމީޓަރެއް 10.35 ޑޮލަރުގެ ރޭޓުން ދޭން ކަމަށެވެ. އެގޮތަށް ދީފި ނަމަ އެމްއޭސީއެލަށް އަހަރަކަށް ލިބޭނީ 5.6 މިލިޔަން ޑޮލަރު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކޮމިޓީގެ މުގައްރިރު މުހައްމަދު ނާޝިޒް ވިދާޅުވީ ބޯޑަށް ހުށައެޅި އަގުތަކާ ބެހޭ ޕްރެޒެންޓޭޝަނުގައި ހިމެނޭ އެންމެ ދަށް އަގަށް ވުރެ ވެސް ޓީއެމްއޭއަށް ކުއްޔަށް ދޭން ބޭނުންވި އަގު ކުޑަވުމަކީ އޭގެ ސަބަބުން 11 މިލިއަން ޑޮލަރުގެ އާމްދަނީއެއް ނުލިބުން ކަމަށެވެ. އެހެންކަމުން އެއީ ވަކި ފަރާތަކަށް މަންފާއެއް ލިބުމުގެ ފުރުސަތު އޮވެދާނެ ކަމެއް ކަމަށް ގަބޫލުކުރެއްވޭތޯ އޭނާ ސުވާލުކުރެއްވި އެވެ.

ބޯޑުގެ ދެ މެމްބަރަކު އިތުރުފުޅު ހެއްދެވުން

އެކަމަކު ފަޒީލް ވިދާޅުވީ އެ ނިންމުމުގެ ތެރެއަށް ނުފޫޒެއް ވަދެފައި އޮވެދާނެކަން ނުވަތަ ނޫންކަމާ މެދު އޭނާއަށް ވަކި އެއްޗެއް ވިދާޅުވާން އެނގިވަޑައިނުގަންނަވާ ކަމަށެވެ.

ކޮމިޓީގައި ފަޒީލް ދެއްކެވި ވާހަކަތަކުން އަނެއްކާވެސް ކަށަވަރުވީ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމެއްގައި ބޯޑު މެމްބަރު ޑރ. އިބްރާހިމް މަހްފޫޒާއި ފާތުމަތު މުއާޒާ އިތުރުފުޅު ހެއްދެވި ކަމެވެ. އެ ދެ ބޭފުޅުން ވިދާޅުވީ ޓީއެމްއޭއާ އެކު އެމްއޭސީއެލުން ކޮށްފައިވާ މުއާމަލާތްތަކުގައި، ޓީއެމްއޭއަށް ޓާމިނަލް 15 އަހަރަށް، އަކަމީޓަރެއް 10:35 ޑޮލަރަށް ކުއްޔަށް ދޭން ވެސް ބޯޑުގައި އެއްވެސް މަޝްވަރާއެއް ކޮށްފައި ނުވާ ކަމަށެވެ.

ކުރީގެ ސަރުކާރުގެ ބޯޑުގައި ވެސް ޑރ. މަހްފޫޒް އިންނެވި އެވެ. އެކަމަކު މުއާޒާ ބޯޑަށް އައްޔަންކުރީ މި ސަރުކާރުންނެވެ.

ކުރީގެ ބޯޑުގައި މަޝްވަރާކޮށް، ނިންމި ކަމެއްގެ މައުލޫމާތު މުއާޒާއަށް އެނގިވަޑައިގަންނަވާނީ ބޯޑު ބައްދަލުވުންތަކުގެ މިނެޓްސް ބެއްލެވި ނަމަ އެވެ. އެ މިނިޓްސްތަކުގައި އެ މަޝްވަރާކޮށްފައިވާ ކަމަށް، އޮޑިޓަ ޖެނެރަލް އާއި އޭސީސީން ހޯދި މައުލޫމާތުން އެނގެ އެވެ.

އާ ޓާމިނަލްގެ ލައުންޖް ހަދަން އޮތް ސަރަހައްދުން 81 ޕަސެންޓްގެ ބޮޑު ޖާގައެއް ދޭން ކުރީގެ ބޯޑުން ނިންމައި، މެނޭޖްމަންޓުން ގެންދިޔައީ މަޝްވަރާކުރަމުންނެވެ. ނަމަވެސް މި ސަރުކާރުން މިހާރު ނިންމާފައި ވަނީ ޓީއެމްއޭއަށް 6،400 އަކަމީޓަރުގެ ޖާގަ، އަކަމީޓަރެއް 10:35 ޑޮލަރަށް، ކުރިއަށް އޮތް ދެ އަހަރަށް ދޭށެވެ. ދެ އަހަރު ފަހުން އެމްއޭސީއެލުން މުޅި ޓާމިނަލާ ހަވާލުވާން ވެސް ސަރުކާރުން ވަނީ ނިންމައިފަ އެވެ.