ހައިވޭގައި ދުއްވި ސައިކަލެއް ކައްސާލައިގެން ވެއްޓި ޒަހަމްވި މީހަކު އައިސީޔޫގައި

މިއަދު ހަވީރު ސިނަމާލޭ ބްރިޖްގެ ހައިވޭގައި ދުއްވާފައި ދިޔަ ސައިކަލެއް ކައްސާލައިގެން ވެއްޓި، އެ ދުއްވަން އިން މީހާ އަށް ލިބުނު ސީރިއަސް ޒަހަމްތަކަކާ ގުޅިގެން އޭޑީކޭ ހޮސްޕިޓަލުގައި އައިސީޔޫގައި ފަރުވާ ދޭން ފަށައިފި އެވެ.


ފުލުހުން ބުނި ގޮތުގައި މި ހާދިސާ ހިނގީ ހުޅުމާލޭން މާލެ އަށް ދަނިކޮށް ހަވީރު 3:40 ހާއިރު އެވެ. ސައިކަލް ދުއްވަން އިނީ 49 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި އޭނާ ކައްސާލައިގެން ވެއްޓުމުން ލިބުނު ޒަހަމްތަކުގައި ބޮލުގެ ފުށްކިބަ ފަޅައިގެން ގޮސްފައިވާ ކަމަށާއި އަނގައިން ލޭ އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ. އަދި ގައިގެ އެކި ތަންތަން ވެސް ޒަހަމްވެފައިވާ ކަމަށް ބުންޏެވެ.

ފުލުހުން ބުނީ އެކްސިޑެންޓްވި މީހާ އަކީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮންނަ މީހެއް ކަމަށެވެ.

ފުލުހުން އަންނަނީ މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ އިތުރު ކަންކަން ބަލަމުންނެވެ.

ސިނާމާލެ ބްރިޖާއި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓްތައް ހިނގައި ބައެއް މީހުން މަރުވެ އަދި ބައެއް މީހުންނަށް ބޮޑެތި އަނިޔާތައް ވެފައިވެ އެވެ. ބްރިޖްގައި ދުއްވާއިރު ހެލްމެޓް އަޅަން ފެށި ފަހުން މިފަދަ ހާދިސާތައް ކުރިއަށް ވުރެ މަދުވި އެވެ.