މިއަދުގެ ރީތި ތާރީޚުގައި މާލޭގައި 64 ކައިވެނި

މި އަހަރުގެ ރީތި ތާރީހު ތަކުގެ ތެރޭގައި މިއަދު ހިމެނޭ އިރު މާލޭގައި އެކަނިވެސް މިއަދު 64 ކައިވެނިކުރާ ކަމަށް ފެމެލީ ކޯޓުން ބުނެފި އެވެ.


މިއަދުގެ ތާރީހު، 20/02/2020 ގައި މުޅި ދުނިޔޭގައި ވެސް ކައިވެނީގެ އަދަދު އިތުރުވާނެ ކަމަށް ބެލެވެ އެވެ. އެއީ ކޮންމެ އަހަރަކު ވެސް ރީތި ތާރީހުތަކުގައި ކައިވެނިތަކާއި ހާއްސަ ހަފުލާތައް އިތުރުވެގެންދާތީ އެވެ. ރީތި ތާރީހާ ގުޅުވައިގެން މާލޭގެ އިތުރުން އެހެން ރަށްރަށުގައި ވެސް ކައިވެނިތައް އިތުރުވާނެ ކަމަށް ބެލެވޭތީ، މިއަދު މުޅި ރާއްޖޭގައި ކުރާ ކައިވެނީގެ އަދަދު 64 އަށް ވުރެ މާ ގިނަވާނެ އެވެ.

މުޅި ރާއްޖޭގައި މިއަދު ކުރާ ކައިވެނީގެ އަދަދު އެނގޭ ގޮތެއް ނުވި އެވެ.

އެވްރެޖް ގޮތެއްގައި މާލޭގައި އާންމު ދުވަސް ދުވަހު ކުރަނީ 10-15 ކައިވެނި ކަމަށް ކޯޓުގެ އޮފިޝަލަކު ވިދާޅުވި އެވެ.

މިމަހުގެ ދެ ވަނަ ދުވަހަކީ ވެސް ރީތި ތާރިހަކަށް ވާތީ މާލޭގައި ކައިވެނިކުރި އަދަދު އިތުރުވި އެވެ. އެ ދުވަހު ވެސް 41 ކައިވެންޏެއް ކޮށްފައިވެ އެވެ.

ފެމިލީ ކޯޓުން މީގެ ކުރިން ނިންމާފައި އޮތީ އަހަރުގެ ބައެއް ދުވަސްތަކުގައި ކައިވެނިކޮށް ނުދޭ ގޮތަށެވެ. އެކަމަކު އެ ނިންމުން މިދިޔަ މަހު ބަދަލުކޮށް މިހާރު ވަނީ އަހަރުގެ ހުރިހާ ދުވަހެއްގައި ވެސް ކައިވެނިކޮށްދޭން ނިންމައިފަ އެވެ. މިގޮތަށް ނިންމުމުން އަހަރުގެ ރީތި ތާރީހުތަކުގައި ކުރާ ކައިވެނިތަކަށް ވެސް ފުރުސަތު ލިބޭނެ އެވެ.

ކޯޓުގެ ތަފާސްހިސާބަށް ބަލާއިރު މިދިޔަ އަހަރު މުޅި ރާއްޖޭގައި 5,035 ކައިވެންޏެވެ. އަދި 3,432 ވަރި ކޮށްފައިވެ އެވެ.