ބޭރުގެ ތަޖުރިބާކާރަކު ހިމެނޭ ގޮތަށް ކުޑަކުދިންގެ މައްސަލަތައް ބެލުމަށް ރިޔާސީ ކޮމިޝަނެއް

ކުޑަކުދީންނަށް ކުރާ އަނިޔާތަކުގެ މައްސަލަތައް ބެލުމަށް ބޭރުގެ ތަޖުރިބާކާރަކު ހިމެނޭ ގޮތަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރިޔާސީ ކޮމިޝަނެއް މިއަދު އުފައްދަވައިފި އެވެ.


ރައީސް އޮފީހުން ބުނީ ފަސް މެމްބަރުންގެ ރިޔާސީ ކޮމިޝަނެއް އުފައްދަވަން ރައީސް ނިންމެވީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށްދީ، ކަށަވަރު ކޮށްދިނުމަށް އަވަސް އަދި ހަރުދަނާ މަސައްކަތްތަކެއް ކުރުމަށްޓަކައި ކަމަށެވެ.

ކޮމިޝަންގައި ހިމެނޭ ބޭފުޅުން

ޑރ އާފިޔާ އަލީ، ވާރުގެ، ސ. ހުޅުދޫ.

ޑރ އަބްދުލް މަލިކް، މއ. ކޮށީގެ،

އަލްއުސްތާޒް އަބްދުﷲ ރާބިއު، ގަލްގާސްގެ، ކ. ދިއްފުށި،

އަލްއުސްތާޒާ މާޒިޔާ އަބްދުއްސައްތާރު، ގ. ސާޔާ

ނިކޮލަސް ރިޗާޑް ޗައުދަރީ، އޮސްޓްރޭލިއާ

އެ ކޮމިޝަންގެ ރައީސްއަކަށް އައްޔަން ކުރައްވާފައިވަނީ އާފިޔާ އެވެ.

ކޮމިޝަނުގެ މައިގަނޑު މަސްއޫލިއްޔަތަކީ، ކުޑަކުދިންނަށް ކުރާ އަނިޔާތަކާ ގުޅޭ މައްސަލަތަކުގައި، ދައުލަތުގެ އިދާރާތަކާއި ދައުލަތުގެ ފަރާތުން އެކަމާއި މަތިކޮށްފައިވާ އެންމެހައި ފަރާތްތަކުން އަމަލުކޮށްފައިވާ ގޮތާއި މިހާރުގެ ހާލަތު ދެނެގަތުމެވެ. އަދި ކުޑަ ކުދިންނަށް ގޯނާކޮށް، އިހުމާލުވާ ފަރާތްތަކާއި އެ ކުދީންގެ ކިބައިން ނާޖާއިޒު ފައިދާ ހޯދާ ފަރާތްތަކާމެދު ފިޔަވަޅުއެޅުމެވެ.

ރައީސް އޮފީހުން ބުނީ ރިޔާސީ ކޮމިޝަނުން، ކުޑަކުދީންނަށް ކުރާ އަނިޔާތަކުގެ މައްސަލަތައް ދިރާސާކޮށް، އެ ހޯދުންތަކުން ވަޒަންކުރެވޭ ކަންކަމާއިމެދު ކަމާއިބެހޭ މުއައްސަސާތަކުން އަޅާންޖެހޭ ފިޔަވަޅުތައް ބަޔާންކޮށް، ރިޕޯޓެއް ތައްޔާރުކޮށް، ރައީސަށް ހުށަހަޅާނެ ކަމަށެވެ.

ކޮމިޝަންގައި ހިމެނޭ ނިކޮލަސް ރިޗާޑަކީ އިންސާނީ ހައްގުތަކާއި ޝަރުއީ ދާއިރާގެ މާހިރެކެވެ. އޮސްޓްރޭލިއާގެ ޕަބްލިކް ޕްރޮސެކިއުޝަންސް ފޯ ނިއު ސައުތް ވޭލްސްގެ ޑިރެކްޓަރުކަން 1994 އިން 2011 ވަނަ އަހަރާއި ހަމަށް ފުރުއްވާފައިވެ އެވެ. އޭނާ އަކީ އިންޓަ ނޭޝަނަލް ބާ އެސޯސިއޭޝަންގެ މެންބަރެއްގެ އިތުރުން އިންޓަނޭޝަނަލް އެސޯސިއޭޝަން އޮފް ޕްރޮސެކިއުޓަސްގެ ރައީސެވެ. އަދި މިހާރު އޮސްޓްރޭލިއާގެ ލޯ ކައުންސިލުގެ އިންސާނީ ހައްގުތަކާ ބެހޭ މުޝީރެވެ.

ކުޑަކުދިންގެ ކަންކަން ބެލުމަށް މިއަދު ރިޔާސީ ކޮމިޝަނެއް އުފައްދަވާފައިވާއިރު ކުޑަކުދީންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނަށް މިއަދު ވަނީ އަމަލުކުރަން ފަށައިފަ އެވެ. އެ ގާނޫނުން އުމުރުން 18 ނުފުރޭ ކުދިންނާ ކައިވެނިކުރުން ކުށަކަށް ހަދައި ވެކްސިން މަޖުބޫރުކޮށް، ތައުލީމުން މަހްރޫމްކުރުމުގެ އުޒުރުތަކަށް ގާނޫނީ ހައްލަކާއި ޖިންސީ ގޯނާ އާއި އަނިޔާތަކުން ކުދިން ހިމާޔަތްކޮށް ދެ އެވެ.