ކުޑަފަރީ ކައުންސިލަށް ތިން މެމްބަރަކު ހޮވިއްޖެ

އިންތިޚާބު ބާއްވަން ނުޖެހި ނ. ކުޑަފަރީ ކައުންސިލުން ތިން މެމްބަރަކަށް ޖާގަ ކަށަވަރުވެ، ކައުންސިލްގެ މެޖޯރިޓީ އެމްޑީޕީން ހޯދައިފި އެވެ.


ފަސް ކައުންސިލަރުން އިންތިޚާބުކުރަން ޖެހޭ ކުޑަފަރީގައި ކައުންސިލްގެ ރައީސާއި އަންހެން ދެ މެމްބަރުން ހޮވަން އިންތިޚާބު ބާއްވަން ނުޖެހި ގޮނޑި ކަށަވަރުވީ އެ ތިން ކެންޑިޑޭޓުންނާ ވާދަކުރަން އެހެން ކެންޑިޑޭޓުންތަކެއް ކުރިމަތިލާފައި ނުވާތީ އެވެ. އަންނަ އެޕްރީލް 4 ގައި އޮންނަ ކައުންސިލް އިންތިޚާބުގައި ވާދަކުރަން ފޯމު ހުށަހެޅުމުގެ މުއްދަތު އިއްޔެ ހަވީރު ވަނީ ހަމަވެފަ އެވެ.

އޮޓޮމެޓިކުން ތިން ގޮނޑި ކަށަވަރުވިޔަސް އަދި ދެ މެމްބަރަކު އިންތިޚާބު ކުރަން ވޯޓު ނަގާނެ އެވެ.

ކުޑަފަރީގެ މެޖޯރިޓީ ލިބުމުން، ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީން ވަނީ ސޯޝަލްމީޑިއާގައި އުފާފާޅުކޮށްފަ އެވެ.

ކުޑަފަރީ ކައުންސިލްގެ އިންތިޚާބާ ގުޅުވައި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު، މުހައްމަދު ވަހީދު (ވައްޑެ) ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ "އިންތިޚާބުގެ ކުރިން މެޖޯރިޓީ ކަށަވަރުކޮށްފި" ކަމަށެވެ.

ބައެއް ކައުންސިލްތަކަށް ކުރިމަތިލީ ކެންޑިޑޭޓުންގެ ތެރޭގައި މިގޮތަށް، އިންތިޚާބަކާ ނުލައި ގޮނޑި ކަށަވަރުވީ މެމްބަރުންތަކެއް އެބަތިއްބެވެ. އެކަމަކު، އިލެކްޝަންސް ކޮމިޝަނުން އަދި އެކަން އާއްމެއް ނުކުރެ އެވެ.

އެމްޑީޕީ އާއި އިދިކޮޅު ޕީޕީއެމުން ގިނަ ބަޔަކަށް ޓިކެޓް ދީފައިވާ އިރު، އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހެޅީ ގާނޫނީ ގޮތުން ބަލަން ޖެހޭ ކަންކަން ބަލައި، މައްސަލަ ނޫޅޭނެ ކެންޑިޑޭޓުންތަކެއް ކަމަށް ދެ ޕާޓީން ވެސް ވަނީ ބުނެފަ އެވެ.

ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނެސް މި ބާއްވާ އިންތިޚާބުގައި ޖުމްލަ 1،900 މީހުން އިންތިޚާބު ކުރާނެ އެވެ. އެއީ، ކައުންސިލްތަކަށް 980 ކެންޑިޑޭޓުން އަދި އަންހެނުންގެ ކޮމެޓީއަށް 930 ކެންޑިޑޭޓުންނެވެ. މި ގޮނޑިތަކަށް އެމްޑީޕީ އާއި ޕީޕީއެމާއި ޖުމްހޫރީ ޕާޓީ އާއި އަމިއްލަ ގޮތުން ގިނަ ބަޔަކު ވަނީ ކުރިމަތިލައިފަ އެވެ.