ފުނަދޫގައި ކުޑަކުއްޖަކު ގެނބިގެން މަރުވެއްޖެ

ށ. ފުނަދޫގައި ދެ އަހަރު ނުފުރޭ ފިރިހެން ކުއްޖަކު ގެނބިގެން މިއަދު މަރުވެއްޖެ އެވެ.


އެނގިފައިވާ ގޮތުގައި، އަތިރިމައްޗަށް އެކަނި ގޮސް އުޅުނު އެއް އަހަރާ ނުވަ މަހުގެ އަހްމަދު ސުނޫހް ފެނުނީ މޫދުގައި މަރުވެފައި އޮއްވަ އެވެ.

އެ ރަށުން ވާހަކަ ދެއްކި މީހަކު ބުނީ، އެ ކުއްޖާ ދިރިއުޅުނީ އަތިރިމައްޗާ ވަރަށް ކައިރީގައި ހުންނަ ގެއެއްގައި ކަމަށެވެ. އޭނާ މަރުވެފައި އޮއްވާ ފެނުނީ ގެއިން ނުކުތްތާ މާ ގިނަ އިރުތަކެއް ނުވަނީސް ކަމަށް ރަށުން ވާހަކަ ދެއްކި މީހާ ބުންޏެވެ.

"ގެއިން ނުކުތީ އެ ކުއްޖާގެ މަންމަ އަސުރު ނަމާދަށް ވުޟޫކުރަން ވަން ވަގުތު ކަމަށް ވަނީ. ވުޟޫކޮށްގެން ނުކުތް އިރު ފެންނަން ނެތިގެން ހޯދިއިރު މޫދުން ފެނުނީ،" ފުނަދޫން ވާހަކަ ދެއްކި މީހާ ބުންޏެވެ.

އެ ކުއްޖާ ދިރިއުޅުނު ގެއާ، މޫދާ ދެމެދު ހުންނާނީ ގާތްގަނޑަކަށް 50 ފޫޓު ކަމަށް ވެ އެވެ.