ނައިފަރުގައި އެއްޗެއް ގޮއްވައިލަން އުޅުނު ކަމުގެ ތުހުމަތުގައި ތިން މީހެއްގެ ގެ ފާސްކޮށްފި

ޅ. ނައިފަރުގައި އެއްޗެއް ގޮއްވައިލަން އުޅުނު ކަމުގެ ތުހުމަތުގައި އެ ރަށުގެ ތިން ގެއެއް އިއްޔެ ބަލައި ފާސްކޮށްފި އެވެ.


ނައިފަރުގައި ބާރުގަދަ އެއްޗެއް ގޮއްވާލައިގެން ޓެރަރިޒަމްގެ އަމަލެއް ބަޔަކު ހިންގަން އުޅޭ ކަމުގެ ތުހުމަތުގައި، ތިން މީހެއްގެ ގެއެއް ބަލާ ފާސްކުރީ ކޯޓު އަމުރެއްގެ ދަށުން ކަމަށް ފުލުހުން ބުންޏެވެ. އެ އަމުރުގެ ދަށުން އެ ތިން މީހުންގެ މުދަލާއި ލިޔެކިޔުމާއި މައުލޫމާތާއި އެހެނިހެން ތަކެތި ހޯދައި ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ލިބިފައި ވެ އެވެ.

މި މައްސަލައިގައި ތިން ގެ އިއްޔެ ބަލާ ފާސްކުރި ނަމަވެސް އެއްވެސް މީހަކު އަދި ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އެ މީހުންގެ ގެއިން ފެނުނު ބައެއް ފޯނާއި އިލެކްޓްރޯނިކް ސާމާނު ހިިފެހެއްޓާފައިވާ ކަމަށް އެތަނުން ބުންޏެވެ.

ފުލުހުން ބުނީ މި މައްސަލަ އެތަނަށް ހުށަހަޅާފައި ވަނީ ހުކުރު ދުވަހު ކަމަށާއި އެތަނުން އަންނަނީ މި ކަން އިތުރަށް ތަހުގީގުކުރަމުން ކަމަށެވެ.