ދިވެހި ޑޮކްޓަރަކަށް ކުރި މަލާމާތް "އަތަށް ގޮވައިފި"

އައިޖީއެމްއެޗްގައި ބަލި މީހުން ބައްލަވަމުން ގެންދެވި ދިވެހި އަންހެން ޑޮކްޓަރެއްގެ ފޮޓޯއާ އެކު މަލާމާތުގެ ޓްވީޓެއް ކުރުމުން އޭނާގެ ދިފާއުގައި ރާއްޖޭގެ ތަޖުރިބާކާރު ޑޮކްޓަރުންގެ އިތުރުން އާންމުން ވެސް ތެދުވެއްޖެ އެވެ.


ކާކުކަން ނޭނގޭ އެކައުންޓަކުން މިދިއަ ހުކުރުދުވަހު ކުރި ޓްވީޓްގައި އެ ޑޮކްޓަރު ގޫގުލްކޮށްގެން ބައެއް މައުލޫމާތު ހޯދާތީ "ބޭސް ދެނީ ގޫގުލްކޮށްގެން" ކަމާއި "ފެންވަރަކީ މިއީ" ކަމަށް ބުނެ، ހެލްތު މިނިސްޓްރީގެ "ލަދު ކޮބައިތޯ" ސުވާލުކުރި އެވެ.

އެކަމަކު ޓްވީޓްކުރި މީހާއަށް ކަންކަން ނޭނގޭ ކަމާއި އެހެން މީހުން ކުރާ ހިދުމަތްތަކުގެ އަގުވަޒަންކުރަން ވެސް ނުދަންނަ ކަމަށް ބުނެ، އޭނާއަށް އެތައް ބަޔަކު ރައްދު ދިނެވެ. އެންމެ ފަހުން އެ ޓްވީޓް ވަނީ ފޮހެލައިފަ އެވެ.

ދިވެހި ބައެއް ޑޮކްޓަރުން ޓްވީޓްކުރީ "އަހަންނަކީ ޑޮކްޓަރެއް،" އަދި "އަހަރެން ވެސް ގޫގުލް ބޭނުން ކުރަން،" ކަމަށް ބުނެ އެވެ. އަދި ކަމެއް ދިމާވާ އިރަށް ޑޮކްޓަރުންގެ ފޮޓޯ އާއްމުކޮށް އެ މީހުންގެ އަގުވެއްޓޭ ގޮތަށް އަމަލްތައް ބެހެއްޓުން ހުއްޓާލަން ވެސް، ބައެއް ޑޮކްޓަރުން އެދުނެވެ.

ދިފާއުގައި ޑޮކްޓަރުން ކުރައްވާފައިވާ ޓްވީޓްތަކެއް---

ބަލިތަކާ ބެހޭ މައުލޫމާތާއި ދޭނެ ބޭހުގެ މިންވަރާއި އޭގެ ސައިޑް އިފެކްޓްސް ކަހަލަ ކަންކަން ޗެކްކުރަން ގޫގުލް އާއި ސިއްހީ ދާއިރާއަށް ހާއްސަ ވެބްސައިޓްތައް، ބަލިމީހާގެ ކުރިމަތީގައި، ޑޮކްޓަރުން މިހާރު އާންމުކޮށް ބޭނުންކުރެ އެވެ. އިންޓަނެޓް ނުލިބޭ ޒަމާނުގައި އެ މައުލޫމާތު ހޯދަން ޑޮކްޓަރުން ބޭނުންކުރީ ފޮތްތަކެވެ. މޭޒު މަތީގައި އޮންނަ އެ ފޮތްތައް އޭރު ޗެކްކޮށް، ފަރުވާގެ ކަންކަން ޔަގީންކުރެ އެވެ.

ފޮތްތަކުގެ ބަދަލުގައި މިހާރު ބަލިތަކަށް ހާއްސަ ވެބްސައިޓްތަކާއި، ފަރުވާ ދިނުމުގައި ބޭނުންކުރެވޭނެ އެހެން މައުލޫމާތުކަށް ހާއްސަކޮށްފައި ހުންނަ ޕޭޖްތައް ވެސް ގިނަ އެވެ.

"އަހަރެން ގޫގުލް ބޭނުންކުރަނީ ބޭހާ ގުޅޭ މައުލޫމާތު (ޑޯޒް، އިންޓަރެކްޝަން) އަދި ކޮންޑިޝަން މެނޭޖްކުރުމާ ގުޅޭ ތަފްސީލް ބަލަން، އެއްވެސް ކަމެއް ގެއްލިގެން ނުދާނެ ގޮތް ހަދަން. އުންމީދު ކުރަނީ އެކަމުގެ ސަބަބުން ޕޭޝަންޓުންގެ ހާލު އަވަހަށް ރަނގަޅުވާނެ ކަމަށް،" ޑރ. އަހުމަދު އަޒްހަދުގެ ޓްވީޓެއްގައި ވިދާޅުވި އެވެ.

ޑރ. މައުރޫފް ކުރެއްވި ޓްވީޓް--

އާއްމު ބަލިތަކުގެ ޑޮކްޓަރު އަބްދުލް އަޒީޒް ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބައްޔާއި ހާލަތު ދެނެގަތުމަށް ގޫގުލް އާއި އެހެން ސާޗް އިންޖީންތައް ބޭނުން ކުރުމުން ބަލިމީހާއަށް ކަންކަން ބުނެދޭން ފަސޭހަ ކަމަށެވެ.

"ލިޔެފައި ހުރި އެއްޗެއް ދެއްކުމަށް ވުރެ ކުރެހުންތަކެއް ދެއްކުމުން ޕޭޝަންޓުންނަށް ފަސޭހަވޭ ބައްޔާއި ކޮންޑިޝަންތައް ދެނެގަންނަން،" ޑރ. އަޒީޒް ވިދާޅުވި އެވެ.

ކަރުން މަތީގެ ތަޖުރިބާކާރު ޑޮކްޓަރު މައުރޫފް ހުސައިން ވިދާޅުވި ގޮތުގައި ބޭހުގެ މައުލޫމާތު ގޫގުލްއިން ހޯދުމަކީ ދުނިޔޭގެ މޮޅެތި ޑޮކްޓަރުން ވެސް ކުރާ ކަމެއް ކަމަށެވެ.

ދިފާއުގައި ޑރ. މުހައްމަދު އަލީ ކުރެއްވި ޓްވީޓް---

އައިޖީއެމްއެޗުން ނެރުނު ބަޔާނެއްގައި ބުނީ ބޭހެއް ދިނުމުގެ ކުރިން ޑޯޒް ކަލްކިއުލޭޝަން ކަށަވަރު ކުރުމަށް ނުވަތަ އެނޫން ވެސް ކަމެއް ކަށަވަރު ކުރުމުގެ ގޮތުން ސިއްހީ ހިދުމަތްތެރިން ރިއާޔަތްކުރާ ޑޭޓާބޭސްތަކާއި، ސޮފްޓްވެއާ އެޕްތަކާއި މެޑިކަލް ކަލްކިއުލޭޓަރު ފަދަ ވަސީލަތްތައް ހުންނަ ކަމަށެވެ. އެހެންކަމުން އެއިން ވަސީލަތެއްގެ ބޭނުން ޑޮކްޓަރަކު ހިފުމަކުން އޭނާގެ ގާބިލްކަމާ މެދު އެއްގޮތަކަށް ވެސް ސުވާލު ނުއުފެދޭ ކަމަށް ވެސް ބަޔާނުގައި ބުންޏެވެ.

"މިއީ ފަރުވާގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން އިތުރު މަސައްކަތެއް ކުރާކަމުގެ ހެއްކެކެވެ. އަދި މިއީ ހޮސްޕިޓަލްތަކުން އަބަދުވެސް ތަރުހީބުދޭ ކަމެކެވެ،" ބަޔާނުގައި ބުނެފައިވެ އެވެ.

އައިޖީއެމްއެޗުން ބުނީ ސިއްހީ ހިދުމަތްތެރިންނަކީ ވަރުބަލިކަމެއް ނެތި 24 ގަޑިއިރު ހިދުމަތުގައި ތިބޭ ބައެއް ކަމަށެވެ. އެހެންކަަމުން އެމީހުންގެ ގާބިލްކަމާ މެދު ރައްޔިތުންގެ ތެރޭގައި ސުވާލު އުފައްދައި، އިތުބާރު ގެއްލުވާލަން ކުރާ މަސައްކަތް ބަލައިނުގަންނާނެ ކަމަށް ވެސް، ރާއްޖޭގެ އެންމެ ބޮޑު ހޮސްޕިޓަލުން ބުންޏެވެ.