ފަޅުރަށްތަކާއި ފަޅުތައް ދޫކުރި އެއްބަސްވުންތަކުގެ މައުލޫމާތު ދިނުމަށް އަންގައިފި

ޓޫރިޒަމްގެ ބޭނުމަށް ފަޅުރަށްތަކާއި ފަޅުތައް ކުއްޔަށް ދިނުމުގެ އެއްބަސްވުމުގެ މައުލޫމާތުތައް ހިއްސާކުރަން އިންފޮމޭޝަނަރު ކޮމިޝަނަރު ހުސައިން ފިޔާޒު މޫސާ މިއަދު އަންގަވައިފި އެވެ.


އޭނާ މި ގޮތަށް އެންގެވީ ޝިފްޒާ އުމަރު ނަމަކަށް ކިޔާ މީހަކު، ފަޅު ރަށްތަކާއި ފަޅުތަކުގެ ލީސް އެގްރިމެންޓާއި ސަބްލީޒް އެގްރިމެންޓުތަކުގެ ކޮޕީ ހޯދުމަށް ޓޫރިޒަމް މިނިސްޓްރީ އަށް ހުށަހެޅުމުން، އެ މައުލޫމާތުތައް އެ މިނިސްޓްރީން ނުދިން މައްސަލައިގައި އިންފޮމޭޝަން ކޮމިޝަނަރު މިއަދު ބޭއްވި އާންމު އަޑުއެހުމުގަ އެވެ.

ސެޕްޓެމްބަރު 17، 2019 ގައި ޝިފްޒާ އެދުނު މައުލޫމާތުތައް ހާމަކުރަން ޓޫރިޒަމް މިނިސްޓްރީން އިންކާރުކުރުމުން، އޭނާ އެ މައްސަލަ އިންފޮމޭޝަން ކޮމިޝަނަރުގެ ސަމާލުކަމަށް ގެނައީ މިދިޔަ މަހުގެ ތެރޭގަ އެވެ.

ޝިފްޒާ އެދިފައި ވަނީ ފަޅު ރަށްތަކަކާއި ފަޅުތަކެއް ހިމެނޭ ގޮތަށް ޖުމްލަ 51 ތަނެއްގެ އެއްބަސްވުމުގެ މައުލޫމާތު ހޯދުމަށެވެ.

އެ މައުލޫމާތުތައް ނުދިން މައްސަލައިގައި ބޭއްވި އަޑުއެހުމުގައި އިންފޮމޭޝަން ކޮމިޝަނަރު ފިޔާޒު ވަނީ، ލީސް އެގްރިމެންޓުތަކުގެ މައުލޫމާތު ވީހާ ވެސް އަވަހަކަށް ޝިފްޒާ އަށް ދިނުމަށް ޓޫރިޒަމް މިނިސްޓްރީ އަށް އަންގަވައިފަ އެވެ. އެކަމަކު، ސަބްލީސް އެގްރިމެންޓުތަކުގައި، އަމިއްލަ ފަރާތްތަކުގެ މައުލޫމާތު ހިމެނިދާނެތީ، އެ މައުލޫމާތުތައް ހިއްސާ ކުރާކަށް ފިޔާޒު ނާންގަވަ އެވެ.

"ފަސް މަސް ވެގެން ދިޔައިރު ލިޔުމުން ވެސް ޖަވާބު ދެވުނީސް. މި ހަތް ދުވަސް ތެރޭ އިސްތިސްނާ ހާލަތަކަށް ފައްތާ ކަމުގައިވާ ނަމަ، ލިޔުމުން ވެސް ޖަވާބު ތައްޔާރުކުރެވޭހާ ވަގުތު މިއީ. އަޅުގަނޑަކަށް، ތި ބޭފުޅުންނަށް އިތުރު ހުއްޖަތަކެއް ދިނުމަށް ވުރެ މި ހުށަހެޅި ފަރާތުގެ ހައްގު މާ ބޮޑު ކަމަށް ގަބޫލުކުރެވޭ،" ފިޔާޒު

މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނު ބުނާގޮތުން، މައުލޫމާތަކަށް އެދޭތާ، ގިނަވެގެން 21 ދުވަހުގެ ތެރޭގައި އެ މައުލޫމާތު ފޯރުކޮށްދޭން ޖެހޭނެ އެވެ. އެ ނިންމުމަށް ވެސް އަމަލުނުކޮށް 45 ދުވަސް ފާއިތުވެއްޖެ ނަމަ، އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ ކުރުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވޭނެ އެވެ.

މިއަދުގެ އަޑުއެހުމުގައި، ޓޫރިޒަމް މިނިސްޓްރީ ތަމްސީލް ކުރެއްވި މަންދޫބު ޝުކުރާނާ ވިދާޅުވީ ޝިފްޒާ އެދިފައިވަނީ، އެހެން ފަރާތްތަކުގެ މަސްލަހަތު ހިމެނޭ މައުލޫމާތުތަކެއް ހޯދުމަށް ކަމަށެވެ. އެހެންވެ، ޝުކުރާނާ އެދިވަޑައިގަތީ ޖަވާބުދާރީވުމަށް އިތުރު ފުރުސަތަކަށެވެ. ނަމަވެސް އެ ފުރުސަތު ނުދެއްވައި ފިޔާޒު ވިދާޅުވީ، އެ މައުލޫމާތުތައް ފޯރުކޮށްދިނުމަށް، އެކި ސަބަބުތަކާ ހެދި މިހާރު ވެސް ލަސްވެފައިވާ ކަމަށެވެ.

"ފަސް މަސް ވެގެން ދިޔައިރު ލިޔުމުން ވެސް ޖަވާބު ދެވުނީސް. މި ހަތް ދުވަސް ތެރޭ އިސްތިސްނާ ހާލަތަކަށް ފައްތާ ކަމުގައިވާ ނަމަ، ލިޔުމުން ވެސް ޖަވާބު ތައްޔާރުކުރެވޭހާ ވަގުތު މިއީ. އަޅުގަނޑަކަށް، ތި ބޭފުޅުންނަށް އިތުރު ހުއްޖަތަކެއް ދިނުމަށް ވުރެ މި ހުށަހެޅި ފަރާތުގެ ހައްގު މާ ބޮޑު ކަމަށް ގަބޫލުކުރެވޭ،" ފިޔާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ލީސް އެގްރިމެންޓުތަކަކީ ދޫކުރަންޖެހޭ އެއްޗެއް ކަމަށް ކުރިން ވެސް ވަނީ ނިންމައިފަ އެވެ. ހާއްސަކޮށް އެމްއެމްޕީއާރުސީ ދޫކޮށްފައިވާ ރަށްތަކާއި އާއްމު ރައްޔިތުންގެ މަސްލަހަތާ ގުޅިފައިވާ ކަމަށް ފިޔާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އެ ރަށްތައް ދޫކޮށްފައިވާ މީހުންނާއި އެ ތަންތަނުގެ މަސައްކަތް އޮތް ހިސާބު ވެސް ޓޫރިޒަމް މިނިސްޓްރީގެ ވެބްސައިޓުން އެނގެ އެވެ. އަދި އެކި ގޮތްގޮތުން ރަށް ދޫކޮށްފައި ހުރި އަދަދުތައް ވެސް އެނގޭ ކަމަށް ފިޔާޒު ވިދާޅުވި އެވެ.

"އެ މައުލޫމާތު ހިއްސާނުކުރަން ޓޫރިޒަމުން މހާރު ދައްކާ ހުއްޖަތް ގަބޫލެއް ނުކުރެވޭ،" އިންފޮމޭޝަން ކޮމިޝަނަރު ވިދާޅުވި އެވެ.