ޔާމީންގެ އިސްތިއުނާފް ޝަރީއަތުގެ އަޑުއެހުމެއް މާދަމާ ބާއްވަނީ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފް ޝަރީއަތް މާދަމާ ބާއްވަން ހައި ކޯޓުން ހަމަޖައްސައިފި އެވެ.


މަނީ ލޯންޑްރިންގެ ކުށުގައި ޔާމީން ފަސް އަހަރަށް ޖަލަށްލުމަށާއި ފަސް މިލިއަން ޑޮލަރު (77 މިލިއަން ރުފިޔާ) އިން ޖޫރިމަނާކޮށް ކްރިމިނަލް ކޯޓުން ކުރި ހުކުމް އިސްތިއުނާފް ކުރަން އެމަނިކުފާނުގެ ފަރާތްޕުޅުން ވަނީ ހައި ކޯޓަށް ހުށަހަޅުއްވައިފަ އެވެ.

އެ މައްސަލާގެ އަޑުއެހުން ބާއްވަން ހަމަޖައްސާފައިވަނީ މާދަމާ މެންދުރު އެވެ.

އެ މައްސަލާގެ އަޑުއެހުން މާދަމާ ބާއްވަން ހަމަޖެއްސިއިރު، ޔާމީން މިހާރު އޮންނެވީ ޓެސްޓްތަކެއް ހެދުމަށް އައިޖީއެމްއެޗްގައި އެޑްމިޓްކޮށްފަ އެވެ. އެކަމަކު އެކަމާ ގުޅިގެން އަޑުއެހުން ކެންސަލްކުރި ކަން ނުވަތަ ނޫންކަން އަދި ސާފެއް ނުވެ އެވެ.

ރާއްޖެއިން ބޭރުން ފަރުވާ ހޯއްދަވަންޖެހޭ ސިއްހީ މައްސަލަތަކެއް ހުރި ކަމަށް ޔާމީން ކުރިން ވަނީ ކޯޓުގައި ވެސް ވިދާޅުވެފަ އެވެ.

އިސްތިއުނާފް މައްސަލަ ނިމެންދެން ކަފާލާތުގެ ދަށުން އެމަނިކުފާނު ބަންދުން މިނިވަން ކުރުމުގެ އަމުރަކަށް އެދުނަސް، ހައި ކޯޓުން ވަނީ އެފަދަ އަމުރެއް ނެރެދެވެން ނެތް ނިންމައިފަ އެވެ.