އަލީ ވަހީދަށް ގުޅުއްވައި ނަހުލާ ހިތްހަމަނުޖެހުން ފާޅުކުރައްވައި އޯޑިއޯއެއް ވެސް ލީކުވެއްޖެ

ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އަށް ނިސްބަތް ކުރައްވައި، ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ހުތުރު ބަހުން ވާހަކަ ދެއްކެވި ކަމަށް ބުނާ އޯޑިއޯއެއް އާންމުވުމާ ގުޅިގެން އަލީ ވަހީދަށް ނަހުލާ ގުޅުއްވައި، ހިތްހަމަނުޖެހުން ފާޅުކުރައްވާ އޯޑިއޯއެއް ވެސް ލީކްވެއްޖެ އެވެ.


މިނިސްޓަރު އަލީ ވަހީދު މިނިސްޓަރު ނަހުލާ އަށް ކުރެއްވި ފޯނު ކޯލަކާއި އެ ފޯން ކޯލަށް ފަހު އަލީ ވަހީދު އިތުރު ބަޔަކާ އެކު ތިއްބަވައިގެން ހުތުރު ބަހުން ވާހަކަ ދައްކަވާ އޯޑިއޯ އާންމު ފާޑުކިޔުންތައް އަމާޒުވެފައި ވާއިރު އަލީ ވަހީދު ވަނީ އެއީ ސައްހަ އޯޑިއޯތަކެއް ނޫން ކަމަށް ވިދާޅުވެފަ އެވެ.

މިރޭ އާންމުވި އޯޑިއޯގައި، ކުރިން ލީކުވި އޯޑިއޯއާ ގުޅުވައި ނަހުލާ ހިތްހަމަނުޖެހުން ފާޅުކުރައްވައި، ވާހަކަ ދައްކަވަ އެވެ. އެއީ އަލީ ވަހީދު ވަރަށް ހަޑިކޮށް ކުރެއްވި ކަމެކޭ ވިދާޅުވުމުން އަލީ ވަހީދު ވަނީ ހަޑިކޮށް އޭނާ ކަމެއް ނުކުރައްވާ ކަމަށް ވިދާޅުވެފަ އެވެ. އަދި އެއީ އެޑިޓް ކޮށްފައިވާ އެއްޗެއް ކަމަށް ވެސް އޭނާ ވިދާޅުވެ އެވެ.

ކުރީގެ އޯޑިއޯގައި ނަހުލާ އަށް ކުރެއްވި ފޯން ކޯލްގައި ސްޕީކަރަށް ލައިގެން ވާހަކަ ދައްކަވައި، އަދި އެ ފޯން ކޯލަށް ފަހު އަލީ ވަހީދާ އެކު ތިއްބެވި ބޭފުޅުންނާ އެކު އޭނާ ދެއްކެވި ވާހަކަ އަށް ނަހުލާ އިޝާރާތް ކުރެއްވުމުން ވެސް އަލީ ވަހީދު އެކަން ދޮގު ކުރައްވަ އެވެ. އަދި އެއީ އެޑިޓް ކޮށްފައިވާ އެއްޗެއް ކަމަށް ވިދާޅުވެ، ތަކުރާރުކޮށް އޭނާ އެކަމަށް އިންކާރު ކުރެއްވި އެވެ.

"މިނިސްޓަރު ވަރަށް ހަޑިކޮށް ތި ކަންތައް ތި ކުރެއްވީ އިނގޭތޯ،" ކޯލް ފެށޭއިރު ނަހުލާ ވިދާޅުވެ އެވެ.

އެއާ އެކު އަލީ ވަހީދު، އެފަދަ ކަމެއް ނުކުރައްވާ ކަމަށް ވިދާޅުވެ އެވެ.

ރައްދުގައި ނަހުލާ ވިދާޅުވީ އޭނާ އަށް ގުޅާފައި، ސްޕީކަރަށް ލައި، ރައްޓެހިން ބައިތިއްބައިގެން ވާހަކަ ދައްކާވާފައި އެއީ ހަޑިކޮށް ކުރި ނަމެއް ނޫނޭ ވިދާޅުވީމާ "އެކަން ގަބޫލުކުރާނީ ކިހިނެއްތޯ" އެވެ.

ކޮންމެ ވާހަކައަކަށް އަލީ ވަހީދު އިންކާރު ކުރައްވަ އެވެ. ނަމަވެސް ނަހުލާ އަނެއްކާވެސް ވިދާޅުވަނީ މިނިސްޓަރަށް އިތުބާރުކުރެއްވި ކަމަށާއި އެކަމަކު އޯޑިއޯގައި ވަރަށް ރީއްޗަށް، އެ ދެއްކެވި ވާހަކަ އިވޭ ކަމަށެވެ. އަދި ފޯނު ބޭއްވުމުން ދެން ވިދާޅުވި ހުތުރު ވާހަކަ އަށް ވެސް އިޝާރާތްކުރެއްވި އެވެ.

ކޯލް އެޑިޓްކޮށްފައިވާ ކަމަށް ވިދާޅުވެ އަނެއްކާވެސް އަލީ ވަހީދު އިންކާރުކުރައްވަ އެވެ. ނަމަވެސް ނަހުލާ ވިދާޅުވީ އެއީ އޭނާ ވާހަކަ ދެއްކެވި ކޯލެއް ކަމަށާއި އެހެން އެޑިޓް ކުރެވޭނީ ކިހިނެއްތޯ ސުވާލުކުރައްވައިފަ އެވެ. އަދި އެ ކޯލް ކުރިކަން އެ ބޭފުޅުންނަށް ނޫނީ ނޭނގޭނެ ކަމަށް ވިދާޅުވެ އެވެ.

މައްސަލަ އަކީ އޯޑިއޯ ލީކްކުރި ބައެއް ނޫން ކަމަށް ވިދާޅުވެ، އޭނާ އަށް ކުރެއްވި ފޯން ކޯލްގައި ސްޕީކަރަށް ލައިގެން ވާހަކަ ދެއްކެވީ ކީއްވެގެންތޯ ވެސް އެ އޯޑިއޯގައި ނަހުލާ ސުވާލު ކުރައްވަ އެވެ. އަލީ ވަހީދު ތަކުރާރުކޮށް، އެކަމަށް އިންކާރު ކުރައްވަމުން ގެންދަވަނިކޮށް، ވަކި ހިސާބަކުން އެ އޯޑިއޯ ނިމެ އެވެ.

ނަހުލާގެ އިތުރުން ހެލްތް މިނިސްޓަރު އަބްދުﷲ އަމީނާއި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީއަށް ވެސް އަލީ ވަހީދު ފާޑު ވިދާޅުވާ އޯޑިއޯތަކެއް ކުރިން އާންމުވި އެވެ. އެކަމާ ގުޅިގެން އަލީ ވަހީދު ކުރިން ވެސް އެކަމަށް އިންކާރު ކުރައްވައި، އެއީ ސައްހަ ނޫން އޯޑިއޯތަކެއް ކަމަށާއި ތަހުގީގު ހިންގައިފި ނަމަ، އޭގެ ހަގީގަތް ސާފުވާނެ ކަމަށް ވިދާޅުވެފަ އެވެ.

ނަހުލާއާ ބެހޭގޮތުން އަލީ ވަހީދު ދެއްކެވި ވާހަކަތަކާ ގުޅޭ އިތުރު އޯޑިއޯއެއް ލީކްވިއިރު، ކުރީގެ އޯޑިއޯއާ ގުޅިގެން އަލީ ވަހީދު މައްސަލަ ބަލައިދޭން ނަހުލާ ވަނީ އެކަން ރައީސް އޮފީހަށް ވެސް ހުށަހަޅުއްވައިފަ އެވެ.