ބައިޕާސް ސާޖަރީއަށް ފަހު ޑރ. މުނައްވަރުގެ ހާލު ރަނގަޅު

ހިތުގެ ބައިޕާސް ސާޖަރީ އަށް ފަހު، ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރުގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް އާއިލާ އިން މިއަދު ބުނެފި އެވެ.


މުނައްވަރު، 58، ބައިޕާސް ސާޖަރީއެއް ހެއްދެވީ ސްރީ ލަންކާގެ ޑާޑަންސް ހޮސްޕިޓަލުގައި މިދިޔަ ހުކުރު ދުވަހެވެ. ހަތް ގަޑިއިރުގެ އޮޕަރޭޝަނަށް ފަހު އައިސީޔޫގައި ފަރުވާ ދިނުމަށް ފަހު މިހާރު ވަނީ ވޯޑަށް ބަދަލުކޮށްފަ އެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުގައި 10 އަހަރު ވަންދެން ބަންޑާރަ ނައިބުކަން ކުރެއްވި މުނައްވަރުގެ ހިތުގެ މައްސަލަ ހުންނަކަން ކުރިއަކުން އެނގިވަޑައެއް ނުގަންނަވަ އެވެ. ބައިޕާސް އޮޕަރޭޝަނެއް ކުރައްވަން ޖެހިވަަޑައިގަތީ މި ފަހުން ހެދި ޓެސްޓުތަކަށް ފަހު ބައިޕާސްއަކަށް ދާ ވަރުގެ ބްލޮކްތަކެއް ހުރުމުންނެވެ.

މުނައްވަރަކީ ރައްޔިތުންގެ މަޖިލީހުގެ އައްޑު އަތޮޅުގެ މެމްބަރުކަން ވެސް ކުރެއްވި ބޭފުޅެކެވެ. އަދި މިހާރު ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީގެ ރައީސްކަން ވެސް ކުރެއްވި އެވެ. އޭގެ ފަހުން، މޯލްޑިވްސް ރިފޯމް މޫވްމަންޓުގެ ނަމުގައި 2010 ގައި ސިޔާސީ ޕާޓީއެއް އުފެއްދެވި އެވެ. އެކަމަކު، ކުދި ޕާޓީތަކަށް ރާއްޖޭގައި ފުރުސަތު ނެތް ކަމަށް ވިދާޅުވެ، 2013 ގައި އެ ޕާޓީ އުވައިލެއްވި އެވެ. އޭގެ ފަހުން އެއްވެސް މަގާމަކަށް ވަޑައިނުގެން މުނައްވަރު ހުންނެވީ ސިޔާސީ ކަންކަމާ ދުރުގަ އެވެ.