ދެރަކޮށްލަން ވަށަފަރޭ ވިދާޅުވިއަސް ހަގީގަތް އޮޅުވައެއް ނުލެވޭނެ: މުއިއްޒު

ހއ. ވަށަފަރަށް އޭނާ ނިސްބަތް ކުރައްވައި، މާލޭގެ ރައްޔިތުންގެ ވޯޓެއް ނުލިބޭނެ ކަމަށް ވިދާޅުވެ، ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅުތަކުގައި ހަގީގަތެއް ނެތް ކަމަށާއި އެއީ އެންޓި ކެމްޕޭން ކަމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.


ކައުންސިލް އިންތިޚާބުގެ ކެމްޕޭން ފަށަން އަލިމަސްކާނިވަލުގައި ބޭއްވި ޖަލްސާގައި ނަޝީދު ވިދާޅުވީ، މާލެ މި ފަހުން ހަލާކުކޮށްލުމުގެ މޭސްތިރި އަކީ ކުރީގެ ރައީސް މުހައްމަދު ވަހީދާއި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހައުސިން މިނިސްޓަރުކަން ކުރެއްވި މުއިއްޒު ކަމަށެވެ. ވަށަފަރުން ނަމަވެސް ވަޑައިގެން މުއިއްޒު، މާލޭގެ ރައްޔިތުންގެ ގާތު ވޯޓެއް ހޯދަން އެދިވަޑައިގަތަސް އެ މީހުން ވޯޓު ނުދޭނެ ކަަމަށާއި ވަޒީރު ކަމުގައި މާލެ އަށް ހެއްދެވި ގޮތް އެންމެންނަށް އެނގޭ ކަމަށް ނަޝީދު ވިދާޅުވި އެވެ.

ޕީޕީއެމުން ރޭ ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވީ، ނަޝީދުގެ އެ ވާހަކަފުޅު ހަގީގަތާ ޚިލާފު ކަމަށެވެ. އޭނާއާ މެދު ކުރާ ތުހުމަތުތަކަށް އާއްމު ގޮތެއްގައި ޖަވާބު ނުދެއްވިޔަސް، ކައުންސިލް އިންތިޚާބުގައި މާލޭގެ މޭޔަރަކަށް ވާދަކުރައްވައި ވޯޓު ހޯއްދަވަން ރައްޔިތުން ކުރިމައްޗަށް އޭނާ ނުކުމެވަޑައިގެން ހުންނެވުމުން ނަޝީދުގެ ވާހަކަފުޅު ސާފުކޮށްދެއްވަން ބޭނުންފުޅުވީ ކަމަށް ވިދާޅުވި އެވެ.

"ތެދެއްމެ، އަޅުގަނޑުގެ ބައްޕައަކީ ފަޚުރުވެރިކަމާ އެކު ހއ. ވަށަފަރުގެ ދަރިއެއް. އަޅުގަނޑު ހަމަ އެކަމަށް ވަރަށް ފަޚުރުވެރިވަން. އެ ވާހަކަ ދެއްކެވި ބޭފުޅަކަށް ނޭނގުނީ ކަމަށް ވެސް ވެދާނެ ނުވަތަ އެ ބޭފުޅުންގެ މިޒާޖު ކަމަށް ވެސް ވެދާނެ ދޮގެއް ހެދެން އޮއްވައި ތެދެއް ހަދައިގެން ނުވާނެ ކަމާއި ހަގީގަތް އޮޅުވާލައި ފޮރުވުމަކީ އެ ބޭފުޅުންގެ ސިޔާސީ އުކުޅެއް ކަަމަށް ވެސް ވެދާނެ،" ޕީޕީއެމްގެ ނައިބު ރައީސް މުއިއްޒު ވިދާޅުވި އެެވެ.

"އަޅުގަނޑުގެ މަންމަ އަކީ މާލޭ މީހެއް. މާލޭ ރައްޔިތެއް، ރަށްވެއްސެއް. އަޅުގަނޑުގެ މަންމަގެ އާއިލާ އަކީ މާލޭގެ އާއިލާއެއް. މުނިކާފައިން ފެށިގެން އެ އަށް ވުރެން ވެސް ދުރަށް މާލޭގެ ރައްޔިތުން އަޅުގަނޑުގެ މަންމަގެ އާއިލާ އަކީ."

މާފަންނު އުތުރު ދާއިރާ، ޚާއްސަކޮށް ފަރީދީ މަގުގެ ގިނަ ގެތަކުގައި ދިރިއުޅެނީ މަންމަގެ އާއިލާ އަށް ނިސްބަތްވާ މީހުން ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"އަޅުގަނޑުގެ ނަސަބު އެއީ މާ މުހިއްމު އެއްޗެއް ނޫން،" އޭނާ ނިސްބަތްވާ ރަށާއި އާއިލާއާ ބެހޭ ގޮތުން ދެ ވަނަ ފަހަރަކަށް ވާހަކަ ތަކުރާރު ނުކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވައި މުއިއްޒު ވިދާޅުވި އެވެ.

"ތެދެއްމެ، އަޅުގަނޑުގެ ބައްޕައަކީ ފަޚުރުވެރިކަމާ އެކު ހއ. ވަށަފަރުގެ ދަރިއެއް. އަޅުގަނޑު ހަމަ އެކަމަށް ވަރަށް ފަޚުރުވެރިވަން. އެ ވާހަކަ ދެއްކެވި ބޭފުޅަކަށް ނޭނގުނީ ކަމަށް ވެސް ވެދާނެ ނުވަތަ އެ ބޭފުޅުންގެ މިޒާޖު ކަމަށް ވެސް ވެދާނެ ދޮގެއް ހެދެން އޮއްވައި ތެދެއް ހަދައިގެން ނުވާނެ ކަމާއި ހަގީގަތް އޮޅުވާލައި ފޮރުވުމަކީ އެ ބޭފުޅުންގެ ސިޔާސީ އުކުޅެއް ކަަމަށް ވެސް ވެދާނެ،" މުއިއްޒު

ނަޝީދުގެ ވާހަކަފުޅަކީ މުއިއްޒު ސިފަކުރެއްވި ގޮތުގައި މާލެ އާއި އަތޮޅުތައް ތަފާތު ކުރެއްވުމެވެ. މި ސަރުކާރުގެ ބައެއް ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން މި ތަފާތުކުރުން ބޮޑުކޮށް، މަޝްރޫއުތައް ހިންގާއިރު ވެސް އެ ވިސްނުން ގެންގުޅޭ ކަމުގެ ތުހުމަތު މުއިއްޒު ކުރެއްވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރަށްރަށުގައި މަޝްރޫއުތައް ހިންގާއިރު ވެސް ރައްޔިތުންގެ ބަސް ހޯދުން މާ މުހިއްމު ކަމެއްގެ ގޮތުގައި ސަރުކާރުން ނުދެކެ އެވެ.

"މިހާ ތަފާތުކުރުންތައް މި ގެންގުޅޭ ގެންގުޅުމަކީ އެއްގޮތަކަށް ވެސް ގައުމުދެކެ ލޯބިވާ، އެންމެންނަކީ ހަމަހަމަ ބައެއް ކަމުގައި ދެކޭ އެއްވެސް ރައްޔިތަކު ގަބޫލުކުރާނެ ކަމެއް ނޫން،" މުއިއްޒު ވިދާޅުވި އެވެ.

މަޝްރޫއުތަކުގައި، މި ސަރުކާރުން މާލެ އާއި އަތޮޅުތަކުގެ ތަފާތުކުރުން ގެންގުޅޭ ކަަމަށް މުއިއްޒު ވިދާޅުވި ނަމަވެސް ކާނިވަލުގައި ބޭއްވި ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ މާލޭގައި، ރާއްޖޭގެ އެކި ރަށްތަކުގެ ހުރިހާ ޖީލުތަކުގެ ރައްޔިތުން ދިރިއުޅެމުންދާ ކަމަށް ވިދާޅުވެ އެކަން ބަހުސަކަށް ހަދައި ތިލަނުކުރަން ގޮވާލައްވައިފަ އެވެ.