ބާރުތައް މާލެ އަށް: އެމްޑީޕީގެ ބައެއް މެމްބަރުން ރަތަށް!

ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ބިލުތައް ފޮނުވުމުގައި އެމްޑީޕީގެ ސިޔާސަތަށާއި ރައްޔިތުންގެ ބޭނުންތަކަށް ރިއާޔަތް ނުކުރާ ކަމަށް ތުހުމަތު ކުރައްވައި އެމްޑީޕީ އަށް ނިސްބަތްވާ މެމްބަރުން ރައްޔިތުންގެ މަޖިލީހުގައި މިއަދު ހޫނު ބަހުސެއް ކުރައްވައިފި އެވެ.


ސަރުކާރުގެ ފަރާތުން ތިނަދޫ ދެކުނު ދާއިރާގެ އަބްދުﷲ ސަނީފު ހުށަހެޅުއްވި ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ ބިލުގެ ބަހުސްގައި، މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮންނަ އެމްޑީޕީގެ އެއް މެމްބަރަކު އަނެއް މެމްބަރަކަށް ފާޑުވިދާޅުވާން ފެއްޓެވީ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ދެއްކެވި ވާހަކައަކާ ގުޅިގެންނެވެ. އޭނާ ވިދާޅުވީ އެމްޑީޕީގެ ސިޔާސަތަކީ ކައުންސިލްތަކަށް ބާރު ދިނުން ކަމަށާއި އެހެންވެ ކަރަންޓާއި ފެނާއި ނަރުދަމާ އަދި ކުނީގެ މައްސަލަތައް ރެގިއުލޭޓް ކުރަން ޖެހޭނީ އެ ރަށެއްގެ ކައުންސިލުން ކަމަށެވެ. އެކަމަކު ބިލްގައި ބުނެފައި އޮތީ އެކަމަށް ރެގިއުލޭޓަރީ ސެންޓްރަލް ބޮޑީއެއް އުފެއްދުމަށެވެ.

ބޮންޑޭ ތުހުމަތު ކުރެއްވި ގޮތުގައި ސަރުކާރުން ފޮނުވި ޔުޓިލިޓީ ބިލުގައި އޮތީ ބާރުތައް މާލެ އަށް ޖަމާކުރުމުގެ ނިޔަތް ކަމަށާއި އެއީ އެމްޑީޕީގެ ސިޔާސަތެއް ނޫން ކަމަށެވެ. އެ ބިލުން ކުރަން އުޅޭ ކަމަކީ ރާއްޖޭގައި ދޭ ފެނާއި ނަރުދަމާގެ ހިދުމަތް އަނެއްކާވެސް އިތުރަށް ކޮންޓްރޯލް ކުރުން ކަމަށާއި ސަރުކާރުގެ ނިޔަތް ސާފުވާން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ސާފުވާން ޖެހޭ އަޅުގަނޑުމެންގެ ނިޔަތް. ސަރުކާރުން ބިލުތައް ފޮނުވާ އިރު އެޖެންޑާ 19 ނުވަތަ އެމްޑީޕީގެ ސިޔާސަތެއް އެބަ އޮތް ކަނޑައެޅިފައި. އަަދި ސަރުކާރުގެ ވުޒާރާތަކުގައި ތިއްބަވާ ބޭފުޅުންނަށް ވެސް އެނގެން ޖެހޭނެ ރައްޔިތުން ވޯޓް ދިނީ ސިޔާސަތަކަށް ކަން. ރައްޔިތުން ވޯޓު ދިނީ މީހަކަށް ނޫންކަން،" އޭނާ ވިދާޅުވި އެވެ.

ބޮންޑޭ ވިދާޅުވީ އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި ރާއްޖެ ޕްރޮވިންސްތަކަކަށް ބަހައިގެން، ޔުޓިލިޓީގެ ހިދުމަތް ދިން އިރު އޭގެ ނަތީޖާ ރަނގަޅު ކަމަށެވެ. އޭރުގައި ކަރަންޓް އަގު ހެޔޮވެ، އާ ގޮތްތައް ވެސް ތައާރަފްވި ކަމަށް ވިދާޅުވި އެވެ. ސަރުކާރުން ހުށަހެޅި ޔުޓިލިޓީ ރެެގިއުލޭޓް ކުރުމުގެ ބިލުގައި އޮތީ އެ މަފްހޫމް ނޫން ކަމަށާއި އޭގައި އޮތީ ޚުދުމުހުތާރު ގޮތްތަކެއް ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.

ބޮންޑޭގެ ވާހަކަ އަށް އެންމެ ފުރަތަމަ ނުރުހުން ފާޅުކުރެއްވީ ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ އެވެ. ނިޒާމާ ބެހޭ މައްސަަލައެއް ނަންގަވައިގެން ޣަފޫރު ވިދާޅުވީ ބޮންޑޭ ވާހަކަ ދައްކަވަނީ ބިލުގައި އޮތް ވާހަކަތަކާ މުޅިން ހިލާފަށް ކަމަށެވެ.

ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު. ހުސައިން ޝަމީމް. މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސަރުކާރަށް ފާޑުކިިއުން ހުއްޓުވަން މަސައްކަތް ކުރެއްވި.

އެކަމަށް ބޮންޑޭ ރައްްދު ދެއްވީ ސަރުކާރަށް ނިސްބަތްވާ ގިނަ މެމްބަރުންނަށް ތުހުމަތު ރަައްދުވާ ގޮތަށެވެ. އޭނާ ވިދާޅުވީ މިނިސްޓަރުންގެ ފައިބުޑަށް ވެއްޓިފައި ތިއްބަވާ މެމްބަރުންނަށް، ސަރުކާރަށް އަންނަ ފާޑުކިއުންތައް ހަޖަމް ނުވާނެ ކަަމަށާއި އެކަމަކު އޭނާ މަސައްކަތް ކުރައްވަނީ އެގޮތަށް ނޫން ކަމަށެވެ.

"[އެ ބޭފުޅުން] މުޅިން އުޅޭނީ ރައީސުލްޖުމްހޫރިއްޔާ ވެގެން، ވަޒީރަކު ވެގެން، ވައި އަޅުވަންް، އިއްޒަތްތެރި ރައީސް، އެއީ އަޅުގަނޑުގެ ތޮބީއަތުގައި ހުންނަ ކަމެއް ނޫން،" ބޮންޑޭ ވިދާޅުވި އެވެ.

އޭނާ އެގޮތަށް ވާހަކަ ދެއްކެވި އިރު އޭނާ އަށް ތާއީދުކުރައްވާ މެމްބަރުންނާއި ދެކޮޅުހައްދަވާ މެމްބަރުންގެ އަޑުން މަޖިލީހުގެ މާލަން އޮތީ ގުގުމައިފަ އެވެ. ބޮންޑޭގެ ވާހަަކަ އަށް ނުރުހުން ފާޅުކުރައްވައި ނިޒާމީ މައްސަލައެއް ނެންގެވި އަނެއް މެމްބަރަކީ ހެންވޭރު ދެކުނު ދާއިރާގެ ހުސައިން ޝަމީމް (އަނދުން ހުސައިން) އެވެ. އޭނާ ވެސް ވިދާޅުވީ ބޮންޑޭޭ ވާހަކަ ދައްކަވަނީ އޮޅުވާލައްވައިގެން ކަމަށެވެ. އެކަން ރިޔާސަތުން ހުއްޓުވައިދޭން އޭނާ އެދިވަޑައިގަތެވެ.

ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ. -- ފޮޓޯ: މިހާރު

އެކަމަކު ރިޔާސަތުން، މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ ވާހަކަ ދައްކަވާނީ ތެދަށްކަން ނުވަތަ އޮޅުވާލައިގެން ކަން ކަނޑައަޅުއްވާނީ ވާހަކަ ދައްކަވާ މެމްބަރު ކަމަށެވެ.

ބޮންޑޭގެ ފަހުން ވާހަކަ ދެއްކެވި ތިނަދޫ ދެކުނު ދާއިރާގެ އަބްދުލް މުޣުނީ ވެސް ތާއީދު ކުރެއްވީ ބޮންޑޭގެ ވާހަކައަށެވެ. އޭނާ ވިދާޅުވީ ސަރަހައްދީ ބާރުވެރިކަން ސަރަހައްދުތަކަށް ދިނުމަކީ ބިލުގެ މަގުސަދު ކަމަށް ވާން ޖެހޭނެ ކަމަށާއި ނަމަވެސް ބިލުން ފެންނަނީ ބާރުތައް މާލެ އަށް ޖަމާކުރަން އުޅޭކަން ކަަމަށެވެ.

"މިކަން މިގޮތަށް ނުކޮށް، ސަރަހައްދީ ބާރުވެރިކަން އަޅުގަނޑުމެންނަށް ހަމަ ފުރިހަމަ އަށް ލިބިގެން ދާނެ ގޮތަކަށް މިފަދަ ބިލެއް ފަރުމާ ކުރެވިގެން އަންނަތަން ދެކެން އަޅުގަނޑު ބޭނުން،" މުޣުނީ ވިދާޅުވި އެވެ.

ސަރުކާރުން ހުށަހެޅި ޔުޓިލިޓީ ރެގިއުލޭޓްކުރުމުގެ ބިލަށް ކަނޑިތީމު ދާއިިރާގެ މެމްބަރު އަބްދުﷲ ޝަހީމް އަބްދުލް ހަކީމް ވެސް ފާޑުވިދާޅުވި އެވެ. އޭނާ ވިދާޅުވީ ކުންފުނިތަކަށް ލާފައި ތިބޭ އެމްޑީންނާއި ޑީއެމްޑީން ކަންތައް ކުރައްވާ ގޮތުގެ ޝަކުވާ ރައްޔިތުން ކުރާ ކަމަށެވެ. އެކަން އެހެން އޮއްވައި މިއަދު ހުށަހެޅި ބިލުން އަނެއްކާވެސް ބާރު ދޭން އުޅެނީ މާލޭގައި ހުންނަ މީހަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއަދު ވެސް މި ކިޔަނީ އަޅުގަނޑުމެންގެ ކައުންސިލްތައް ބާރުވެރިކުރާ ވާހަކަ. އެހެން ނަމަވެސް މާލޭގައި ހުންނަ މީހަކަށް އަޅުގަަނޑުމެން ބާރުތައް ދެނީ. މިނިސްޓަރަށް އަނެއްކާވެސް ހުރިހާ ބާރެއް ދެނީ،" އޭނާ ވިދާޅުވި އެވެ.

މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާ ވިދާޅުވީ ޔުޓިލިޓީ ރެގިއުލޭޓަރީ ބޮޑީއެއް އުފެއްދުމަށް ވުރެ، އެކަން ކަން ލާމަރުކަޒީ ގާނޫނުގެ ތެރެއަށް ވެއްދުން މާ ރަނގަޅު ކަމަށާއި ކައުންސިލްތަކަކީ ރެގިއުލޭޓަރީ ބޮޑީތަކެއް ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި މިހާރު މިކުރާ ކަމަކީ ކަންތައްތައް ބެލުމުގެ ފަށަލަތައް އިތުރުކުރުމެވެ.

"ވޮޗަރު ބަލަން އަނެއްކާ ވެސް އިތުރު ވޮޗަރެއް. އެ ވޮޗަރު ބަލަހައްޓަން ސީނިއާ ސުޕަވައިޒަރެއް، ސީނިއާ ސުޕަވައިޒަރު ބަލަހައްޓަން އަނެއްކާ މެނޭޖަރެއް،" ކަންތައްތައް ބެލެހެއްޓުމުގެ ފަށަލަތައް އޮންނަ ގޮތަށް ޖޯކް ޖައްސަވަމުން ރިޒާ ވިދާޅުވި އެވެ.

އެ ހިސާބުން ނިޒާމާ ބެހޭ މައްސަލައެއް ނަންގަވައި، އަނދުން ހުސައިން ވިދާޅުވީ ރިޒާ ވެސް ވާހަކަ ދެއްކެވީ ބިލްގައި އޮތް އެއްޗެއް ނުބަލައްވައި ކަމަށެވެ. އޭނާ ނެންގެވީ ނިޒާމާ ބެހޭ މައްސަލައެއް ކަމަށް ބަލައި ނުގަތް ނަަމަވެސް ރިޔާސަތުން އީވާ ވިދާޅުވީ މިއީ އެއްބޭފުޅަކު އަނެއް ބޭފުޅަކަށް ވަރަށް ރަނގަޅު ނަސޭހަތް ދެއްވާ ދުވަހެއް ކަަމަށެވެ. އީވާ އެހެން ވިދާޅުވުމުން ވެސް ރިޒާ އަނދުން ހުސައިން އަށް ރައްދު ދެއްވި އެވެ.

"އަޅުގަނޑު ދައްކަން ވާ ވާހަކައެއް ހެންވޭރު ދެކުނު ދާއިރާގެ މެމްބަރަކަށް ނޭނގޭނެ. އަޅުގަނޑަކީ ށ. މިލަންދޫ ދާއިރާގެ ރައްޔިތުންގެ ކަންބޮޑުވުންތައް މި މަޖިލީހުގައި ފާޅުކުރަން ފޮނުވާފައި ހުރި އެ ރައްޔިތުންގެ މެމްބަރެއް،" އޭނާ ވިދާޅުވި އެވެ.

ގޯސް ކުރަން އުޅެންޏާ ގޯސްކުރަމާ ހިނގާށޭ ވިދާޅުވެ، ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމް، ރިޒާ އަށް ހިތްވަރު ދެއްވާ އަޑު އޭރުއިވެ އެވެ.