މަޖިލިސް ރައީސާއި އުއްތަމަ ފަނޑިޔާރުގެ އިވެންޓުތައް ވެސް ހިލޭ ޕީއެސްއެމުން ލައިވްކުރަން ނިންމައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާން ބައިވެރިވެވަޑައިގަންނަވާ ރަސްމީ ހުރިހާ އިވެންޓުތަކެއް ވެސް ހިލޭ ލައިވްކުރާ ގޮތަށް ދައުލަތުގެ މީޑިއާ، ޕީއެސްއެމުން ހަމަޖައްސައި އެ އުސޫލަށް އަމަލުކުރަން ފަށައިފި އެވެ.


މިދިޔަ ހުރިހާ ސަރުކާރުތަކެއްގައި ވެސް، ހިލޭ ލައިވްކުރާ ގޮތަށް އޮންނަނީ ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައިވެރިވެވަޑައިގަންނަވާ އިވެންޓްތައް އެކަންޏެވެ. އެއާ އެކު، އެކި މިނިސްޓްރީތަކުން ބާއްވާ ޚާއްސަ ރަސްމިއްޔާތުތައް ވެސް "އެއްވެސް ހަމައެއް ނެތި" ޕީއެސްއެމަށް މާލީ ގެއްލުން ލިބޭ ގޮތަށް ހިލޭ ލައިވްކުރެ އެވެ.

ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު އަލީ ޚާލިދު "މިހާރު" އަށް މިއަދު ވިދާޅުވީ އޭނާ މަގާމާ ހަވާލުވެވަޑައިގަތް ފަހުން، އެތަނުގެ ހިންގުމަށް ގެންނަން ފެށި ބަދަލުތަކުގެ ތެރޭގައި ހިމަނައިގެން އެ އުސޫލަށް އަމަލުކުރަން ފެށީ ދައުލަތުގެ ތިން ބާރަށް ހަމަހަމަ ފުރުސަތުތަކެއް ދޭން ކަމަށެވެ. ދައުލަތުގެ ތިން ބާރުގެ ވެރިން ބައިވެރިވެވަޑައިގަންނަވާ ރަސްމީ ޖަލްސާތަކާއި ބައްދަލުވުންތައް އެއްހަމައަކުން ޓީވީއެމުން ލައިވް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ބޭނުމަކީ ހަމަހަމަ ފުރުސަތުތަކެއް ހޯދައިދިނުން. މި އުސޫލުގެ ތެރޭގައި ހިމެނޭނީ ރަސްމީ އިވެންޓްތައް އެކަނި،" އޭނާ ވިދާޅުވި އެވެ.

މި އުސޫލަށް އަމަލުކުރަން ފެށުމުގެ ކުރިން ވެސް މަޖިލީހާއި ކޯޓުގެ މުހިއްމު ރަސްމިއްޔާތުތައް ޕީއެސްއެމުން ދިޔައީ ލައިވްކުރަމުންނެވެ. އެކަމަކު ރަސްމީ ހުރިހާ އިވެންޓެއް ލައިވެއް ނުކުރެ އެވެ.

އާ އުސޫލްގެ ތެރޭގައި އެކި މިނިސްޓްރީތަކުން ހިންގާ ކަންކަން އެއްވެސް ހަމައެއްނެތި ލައިވްކުރަމުން ދިޔަގޮތަށް ބަދަލު ގެނެސް މިހާރު ހަމަޖައްސާފައިވާ ގޮތުން، މިނިސްޓްރީތަކެއްގެ ހުރިހާ އިވެންޓެއް ލައިވެއް ނުކުރެ އެވެ. ބައެއް އިވެންޓްތައް ލައިވްކުރަނީ ކޯޓޭޝަން ހުށަހަޅައި އެ އޮންނަ އުސޫލުން އެދިގެންނެވެ. މިގޮތަށް ހެދީ، އެނގިފައިވާ ގޮތުގައި ޓީވީއެމްގެ ހިންގުމުގެ ޚަރަދު ބޮޑުވެ، ކުންފުންޏަށް ގެއްލުންވަމުންދާތީ އެވެ.

ޚަބަރާއި މުނިފޫހިފިލުވުމާއި ކުޅިވަރަށް އެކި ޗެނަލްތައް ޚާއްސަކޮށްފައިވާ އިރު ލައިވްކުރާ އިވެންޓްތައް ޓީވީއެމްގެ ހުރިހާ ޗެނަލްތަކުން އެއްފަހަރާ ވެސް މިހާރަކު ނުދައްކަ އެވެ. ކުރިން ނަމަ، ސިޔާސީ ޕާޓީއަކުން ބާއްވާ ޖަލްސާ ވެސް ހުރިހާ ޗެނަލަކުން އެއްފަހަރާ ދައްކަ އެވެ.

ޕީއެސްއެމުން ވަނީ އެމްޑީޕީގެ އެކި އިވެންޓްތަކާ ބެހޭ ގޮތުން މައުލޫމާތު ގެނެސްދިނުމަށް ދާދިފަހުން ވެސް ބައެއް ޕްރޮގްރާމްތައް ގެނެސްދީފަ އެވެ. އޭގެ ތެރޭގައި އެ ޕާޓީގެ ލޯކަލް އިލެކްޝަންގެ ތައްޔާރީތަކާ ބެހޭ ގޮތުން ގައުމީ މަޖިލީހުގެ ދެ މެމްބަރަކު ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމަށް އެރުމާއި އެމްޑީޕީގެ ތިލަދުންމަތީ ދަތުރާ ބެހޭ ތައްޔާރީތައް ގެނެސްދިނުމަށް ގައުމީ މަޖިލީހުގެ ދެ މެމްބަރަކު ހަމަ އެ ޕްރޮގްރާމަށް އެރުން ހިމެނެ އެވެ. މީގެ އިތުރުން ލޯކަލް ކައުންސިލަށް އެމްޑީޕީން ހުޅުވާލުމާ ގުޅިގެން އެކަމުގެ މައުލޫމާތު ގެނެސްދިނުމަށް "ރާއްޖެ މިއަދު"ގެ ޕްރޮގްރާމްގެ ހާއްސަ ޕްރޮގްރާމެއް ވެސް ވަނީ ފޮނުވައިފަ އެވެ.

އެކަމަކު އަލީ ޚާލިދު ވިދާޅުވީ ހުރިހާ އެންމެންނަށް ވެސް މިހާރު އޮންނާނީ ހަމަހަމަ ފުރުސަތުތަކެއް ކަމަށެވެ. ޚަބަރާއި ޕްރޮގްރާމްތަކާއި ވަގުތު ވިއްކުމުގައި ވެސް ތަފާތެއް ނުގުންގުޅޭނެ ކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.

ކުރީގެ ސަރުކާރުގައި ޓީވީއެމް ހިންގީ، ހަމައެކަނި ވެރިކަން ކުރާ ޕާޓީ އާއި ރައީސުލްޖުމްހޫރިއްޔާ ޕްރޮމޯޓް ކުރާށެވެ. މި ފާޑުކިއުންތައް އޭރު ކުރިމަތިކުރީ މިހާރު ވެރިކަން ކުރާ ޕާޓީތަކުގެ އިސް ބޭފުޅުންނެވެ.