މައިޝާ ލަވަކިޔަން އިންދާ މީހަކު ގޮސް ހުއްޓުވައިފި

ގިނަ ބައެއްގެ ލޯބި ލިބިފައިވާ ޒުވާން ލަވަކިޔުންތެރިޔާ މަރިޔަމް މައީޝާ (މައި)، މަޝްހޫރު ނަމުން ނަމަ ރާޅު މަރިޔަނބަށް ރޭ މުޅިން އެހެން ކަހަލަ ތަޖުރިބާއަކާ ކުރިމަތިވެއްޖެ އެވެ: މާލޭގެ ރެސްޓޯރެންޓެއްގައި ލަވަކިޔަން އިންދާ މީހަކު ގޮސް، މައިކް ދުރަށް ލައި، ހުއްޓުވާލުމެވެ.


އީދު މިސްކިތް ކައިރީގައި ދާދި ފަހުން ހުޅުވި ކޮފީސްޓޭޓްގައި، ލައިވް މިޔުޒިކާ އެކު ހިތްގައިމު ލަވައެއް ކިޔަން، ދެ ލޯ މަރާލައިގެން މައިޝާ އިން ވަގުތުކޮޅެކެވެ. ދެން ފެނުނީ މެދު އުމުރުގެ ފިރިހެނަކު ގޮސް މައިކް ދުރަށް ލާ ތަނެވެ. ދެން އޭނާ ކޮންމެވެސް ވާހަކައެއް ދައްކަ އެވެ. އެކަމަކު މައިޝާގެ ޓްވީޓްގައި ލާފައި އޮތް ވީޑިއޯ އެހާ ހިސާބުން ނިންމާލަ އެވެ.

އޭނާގެ ޓްވީޓަށް މީހުން ކުރި ކޮމެންޓްތަކަށް ދިން ޖަވާބަށް ބަލާއިރު، އޭގެ ފަހުން މާ ބޮޑު ކަމެއް ނުހިނގަ އެވެ. އެކަމަކު ކަނޑައެޅި ގަޑިއަށް ވުރެ ކުރިން ޝޯ ހުއްޓާލި ވާހަކަ ބުންޏެވެ.

ލަވަކިޔުންތެރިޔާގެ ޓްވީޓަށް ކޮމެންޓްކުރި އެންމެން ކަހަލަ ގޮތަކަށް އެ މީހާގެ އަމަލް ކުށްވެރިކުރި އެވެ. އަދި މައިޝާގެ ރީތި އަޑާއި އޭނާގެ ހުނަރަށް ލޯބިކޮށް، ހިތްވަރު ވެސް ދިނެވެ.

އެކަކު ބުނީ "އެ ބޭބެގެ ހާލަތު ވެސް ނޭނގޭ" ކަމަށާއި "ކޮންމެވެސް ކަމަކާ ޑިސްޓާބް ވެފައި" ހުރެދާނެ ކަމަށެވެ.

"އެއްވެސް ފިޔަވަޅެއް އެޅުމުގެ ކުރިން އޭނާއާ ބައްދަލުކޮށްފައި، ދައްކާ ވާހަކަ އަޑުއަހާލާ،" މައިޝާއަކީ "ބޭރު ފުށާއި އެތެރެ ފުށުން ވެސް ރީތި މީހެއް" ކަމަށް ސިފަކުރަމުން، އިނގިރޭސިން ލިއުނު ކޮމެންޓްގައި އޭނާ ބުންޏެވެ.

މައިޝާ ވަނީ އެ ކޮމެންޓަށް ވަރަށް ތަފުސީލުކޮށް ޖަވާބު ދީފަ އެވެ އޭނާ ބުނި ގޮތުގައި އެމީހާ ހަމަޖައްސަން ވަރަށް ރަނގަޅަށް މަސައްކަތްކުރި އެވެ. އަދި އެތަނުގައި ތިބި މީހުންނާއި މެނޭޖްމަންޓުން ވެސް އެމީހާއާ މެދު ގޯސް ގޮތަކަށް ނުހިތަން ވިސްނައިދިން ކަމަށް ވެސް ބުންޏެވެ.

"ކޮންމެ މީހަކަށް ވެސް އަހަރެމެންގެ އޮތީ ލޯތްބާއި ސުލްހަ،" މައިޝާ ބުންޏެވެ.

ބައެއް މީހުންނަށް އޭނާ ދިން ޖަވާބުން އެނގެނީ އެމިހާ އެގޮތަށް އަމަލްކުރީ "އުނދަގޫވެގެން" ކަމެވެ. ނަމަވެސް އެއީ އެ ރެސްޓޯރެންޓްގައި އިން މީހެއް ކަމެއް ނުވަތަ ކައިރި ގެއަކުން އައި މީހެއް ކަމެއް ބުނެފަައެއް ނުވެ އެވެ.

މައިޝާއަށް ދިމާވި މައްސަލަ ތަހުގީގުކުރަން، ހެރިޓޭޖް، އާޓްސް އެންޑް ކަލްޗާ މިނިސްޓަރު ޔުމްނާ މައުމޫން ވަނީ، އެ ޓްވީޓަށް ރިޕްލައި ކުރައްވަމުން، ގޮވާލައްވައިފަ އެވެ. އޭނާ ވިދާޅުވީ "އެގޮތަށް ފުރައްސާރަކޮށް، އެއްޗިއްސަށް ގެއްލުން ދިނުމުގެ ފުރުސަތު އެކަކަށް ވެސް ނުލިބޭނެ" ކަމަށެވެ. ދެން ޕޮލިސް ޓެގްކުރައްވައި، އޭނާ ގޮވާލެއްވީ އެކަން ތަހުގީގުކޮށްދިނުމަށެވެ.

އެކަމަކު ބައެއް މީހުން ވަނީ، މާލެ ކަހަލަ ތޮއްޖެހިފައިވާ ތަނެއްގައި ރޭގަނޑު އެގޮތަށް ޝޯ ދިނުމުން އެހެން މީހުންނަށް އުނދަގޫވާނެ ކަން ވެސް ހަނދާންކޮށްދީފަ އެވެ. އޭގެ ތެރެއިން އެކަކު މައިޝާގެ މައުލޫމާތަށް ހިމެނީ، ގާނޫނެއްގައި އޮތް، އާންމު އުނދަގުލަކަށް ވާ ގޮތަށް އަޑުގަދަކުރުން މަނާކުރާ މާއްދާ އެވެ. އެ މާއްދާގައި ބުނާ ގޮތުން އެފަދަ ކަމެއް ކުރާ މީހުންނާ މެދު ފިޔަވަޅު ވެސް އެޅޭނެ އެވެ.

އެ ރިޕްލައިއަށް މައިޝާ ޖަވާބު ދިނީ "އޭނާ ކުރާ ކަމަކާ ގުޅިގެން އާންމުންގެ ތެރޭގައި ލަދުގަންނުވާ ނުލުމަކީ އޭނާއަށް ލިބިގެންވާ ހަައްގެއް" ކަމަށެވެ. އަދި އޭރު އެތަނުގައި ތިބި ފުލުހުން ވެސް އެ ހައްގުތައް ކިޔައިދިން ކަމަށް އޭނާ ބުންޏެވެ.

"ތި ބުނި ގާނޫނުތައް ހެދީ ގޮނޑީީގައި ހަމައެކަނި ހިމޭނުން އިށީނދެ ތިބޭ ބައެއް" ކަމަށް ވެސް، މައިޝާ ލިއުނެވެ.

މި ހާދިސާއިން ލަވަކިޔުންތެރިޔާއަށް ހަގީގަތުގައި ލިބުނީ އިތުރު ލޯތްބާއި ހިތްވަރެވެ. އޭނާގެ ޓްވީޓްގައި ފުރަތަމަ ބުނީ "ހުއްދަ ނެތި އެހެން މީހުންގެ މުދަލުގައި އަތްލުމަކީ ގާނޫނީ ގޮތުން ކޮން ކަހަލަ ކަމެއްކަން ނޭނގޭ" ކަމަށެވެ. ނަމަވެސް އޭނާ ކުރާ މަސައްކަތް އެހެން މީހަކަށް މައްސަލައަކަށް ވިޔަސް "އަހަރެންގެ ފަރުވާލެއް ނެތް" ކަމަށް ލަވަކިޔުންތެރިޔާ ބުންޏެވެ.