ނާޒުކު ސަރަހައްދުތައް ތަރައްގީ ނުކުރެވޭނެހެން ހިމާޔަތް ކުރަން ޖެހޭ: ސައްލެ

ރާއްޖޭގެ ނާޒުކު ސަރަހައްދުތަކުގައި ތަރައްގީގެ މަޝްރޫއުތައް ނުހިންގޭނެހެން ހިމާޔަތް ކުރަން ޖެހޭ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރްމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމެޓީގެ މުގައްރިރު އަހުމަދު ސަލީމް (ސައްލެ) މިއަދު ވިދާޅުވެއްޖެ އެވެ.


ކ. ތުލުސްދޫގައި ކުރިއަށް ގެންދާ "ކޮރަލް ފެސްޓިވަލް" ގެ ޕެނަލް ޑިސްކަޝަނަށް ހިޔާލު ހުށަހަޅުއްވަމުން ހޯރަފުށީ ދާއިރާގެ އެމްޑީޕީގެ މެމްބަރު ސަލީމް ވިދާޅުވީ ނާޒުކު ސަރަހައްދުތައް ހިމާޔަތް ކުރުމަށް ސްޓްރެޓިޖިކް އެންވަޔަރަމެންޓް އިމްޕެކްޓް އެސސްމެންޓާ ގުޅޭގޮތުން މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.

"ސެންސިޓިވް ސަރަހައްދުތައް ވަކިކޮށް މިއީ ތަރައްގީ ނުކުރެވޭނެ ސަރަހައްދުތަކެއް ކަމަށް ކަނޑައެއް ނާޅާ [މިހާރަކު]. އެންމެ މަތީ ދަރަޖައިގައި މިކަމެއް ނުކުރޭ. މި ގޮތަށް ތަންތަން ވަކިކޮށް ހިމާޔަތް ކުރުން މުހިންމު. އަދި އެތަންތަނުގައި އަތް ނުލެވޭނެ ކަން އާންމުންނަށް އެންގުން ވެސް މުހިންމު،" ރައީސް މުހައްމަދު ނަޝީދު މޮޑެރޭޓް ކުރެއްވި ޑިސްކަޝަނަށް ހިޔާލު ހުށަހަޅުއްވަމުން ސަލީމް ވިދާޅުވި އެވެ.

ފަޅު ހިއްކުން ފަދަ މަޝްރޫތަކަށް ހުއްދަދެނީ އެންވަޔަރަމެންޓް އިމްޕެކްޓް އެސެސްމެންޓް (އީއައިއޭ) ހެދުމަށް ފަހުގައި ކަމަށް ވިޔަސް އެކަން އެންމެ ރަނގަޅަށް ތަންފީޒު ނުކުރެވޭ ކަމަށް ސަލީމް ވިދާޅުވި އެވެ. އީއައިއޭގައި ފާހަގަކުރާ ކަންކަން ހައްލު ކުރަން ބައެއް ގައުމުތަކުގައި ޕްރޮޖެކްޓް ހިންގާ ފަރާތުން ފައިސާ ބަހައްޓަން ޖެހޭއިރު ރާއްޖޭގައި އެގޮތަށް އަމަލު ނުކުރާކަން ވެސް ސަލީމް ފާހަގަ ކުރެއްވި އެވެ.

"މި ކަން ރާއްޖެއަކުން ނުފެނޭ. (ރާއްޖޭގައި) އެ ރިޕޯޓު ހަދަނީ ހުއްދަ ހޯދަން އެކަނި. ޕްރޮޖެކްޓް ހެދުމަށް ފަހު އެއްވެސް ކަހަލަ މޮނީޓާ ކުރުމެއް ނުފެނޭ. ހިންގާ މަޝްރޫއުތަކުން އެއްވެސް އެއްޗެއް ދަސްވާ ތަނެއް ނުފެނޭ،" އީއައިއޭ ހަދާ ކުންފުންޏެއް ހިންގަވާ ސަލީމް ވިދާޅުވި އެވެ.

ސަލީމް ވިދާޅުވީ އީއައިއޭގެ ކަންކަން ހަރުދަނާ ކުރުމަށް މިހާރުވެސް މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެ ކަން ކުރުމަށް އެކަށޭނަ ފައިސާ އާއި ވަސީލަތްތައް ބޭނުންވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑަށް ފެނިފައި އެބަހުރި ކޮރަލް އެއްތަނުން އަނެއް ތަނަށް ރީލޮކޭޓް ކުރަން އީއައިއޭ ރިޕޯޓްތަކުގައި (ވަނިކޮށް). ނަމަވެސް މިއީ ވަރަށް ބަލައިގެން، ކުރަން ޖެހޭ ގިނަ ވަގުތު ހޭދަވާ އަގުބޮޑު މަސައްކަތެއް. މި އެންގުމަށް އެއްގޮތަކަށް އަޅާ ނުލައި މަޝްރޫއުތައް ކުރިއަށް ގެންދާ ތަން ވެސް ވަރަށް ގިނައިން ފެންނާނެ،" ސަލީމް ވިދާޅުވި އެވެ.

"މިކަން ކޮށްފި ނަމަ، އެތަކެތި މޮނިޓާ ވެސް ކުރަން ޖެހޭނެ އެތަކެތީގެ ކުރިއެރުން ބަލަން. މިކަމެއް ވެސް ނުކުރޭ، އަދި (މަޝްރޫއު ހިންގާ ފަރާތްތައް ބުނާނީ) އެއީ އެކަށީގެންވާ ވަރަށް ފައިސާ އާއި ޓެކްނިކަލް ރިސޯސް ނެތުމުން ކަމަށް. އެހެންކަމުން ރީލޮކޭޝަނެއް ރާއްޖެއަކު ބޭނުމެއް ނުކުރޭ."

ސަލީމް ވިދާޅުވީ އީއައިއޭގައި ފާހަގަ ކޮށްފައިވާ ކަންކަން ތަންފީޒު ކުރާނަމަ ތިމާވެއްޓަށް ލިބޭ ގެއްލުން ބޮޑުތަން ކުޑަކުރެވޭނެ ކަމަށެވެ.