ކްރިމިނަލް ކޯޓުގެ ޝަރީއަތްތަކަށް ވަނުމަށް ނޫސްވެރިންނަށް ލުއިތަކެއް

ކްރިމިނަލް ކޯޓުގެ ޝަރީއަތްތަކަށް ވަނުމުގައި ނޫސްވެރިންނަށް ލުއިތަކެއް ލިބޭ ގޮތަށް އެ ކޯޓުން އުސޫލެއް އެކުލަވާލައި، އަމަލުކުރަން ފަށައިފި އެވެ.


ކްރިމިނަލް ކޯޓުން މިއަދު އެކުލަވާލައި، އަމަލު ކުރަން ފެށި ޝަރީއަތް އަޑުއަހަން މީހުން ވެއްދުމުގެ އުސޫލުގައިވާ ގޮތުން އާންމު އުސޫލުން ކޮންމެ އަޑުއެހުމަކަށް ވެސް ވަދެވޭނީ އެ އަޑުއެހުމެއް ފެށުމުގެ 15 މިނެޓް ކުރިން އެކަމަށް އެދޭ ފޯމް ހުށަހަޅައިގެން ކަމަށް ވިޔަސް، ނޫސްވެރިންނަށް އެކަމުގައި ލުއިތަކެއް ލިބޭނެ އެވެ.

އެގޮތުން ކޮންމެ މީޑިއާއަކުން ކޮންމެވެސް ތިން ނޫސްވެރިއަކަށް ކޯޓުގައި ރަޖިސްޓްރީވުމުގެ ފުރުސަތު ދެވޭނެ ކަމަށާއި ރަޖިސްޓްރީވާ ނޫސްވެރިން ފޯމް ހުށަނޭޅިޔަސް، އަޑުއެހުންތަކަށް ވަދެވޭނެ ކަމަށް އެ އުސޫލުގައިވެ އެވެ. އެކަމަކު ރަޖިސްޓްރީނުވާ ނޫސްވެރިންނާއި މީޑިއާތަކަށް އެ ފުރުސަތު ލިބޭނީ އާންމު އުސޫލުން ފޯމް ހުށަހަޅައިގެން ކަމަށް ވެސް އެ އުސޫލުގައިވެ އެވެ.

އެ އުސޫލު ބުނާގޮތުން ކޯޓުގައި ރަޖިސްޓްރީވާ ކޮންމެ ނޫސްވެރިއަކަށް ވެސް ޚާއްސަ ކާޑެއް ދޫކުރެވޭނެ އެވެ. އަދި ކުރިން ނޫސްވެރިންނަށް ފޮތާއި ގަލަން ފަދަ ތަކެތި ވެއްދުމުގެ ހުއްދަ ނެތަސް، އާ އުސޫލު އޮތްގޮތުން ނޫސްވެރިންނަށް އެ ފުރުސަތު ލިބޭނެ އެވެ. އެކަމަކު އަޑާއި މަންޒަރު ރެކޯޑް ކުރެވޭ ފަދަ އެއްޗެއް ވެއްދުމަކީ މަނާ ކަމެއް ކަމަށް އެ އުސޫލުގައިވެ އެވެ.

ޝަރީއަތްތަކަށް ނޫސްވެރިން ވެއްދުމުގައި ކްރިމިނަލް ކޯޓުން ލުއިތަކެއް ދިންއިރު، މީގެ ކުރިން އެހެން ބައެއް ކޯޓުތަކުން ވެސް ނޫސްވެރިންނަށް ލުއި އުސޫލުތަކެއް ހަމަޖައްސި އެވެ. އެގޮތުން ހައި ކޯޓާއި ސިވިލް ކޯޓުން އެފަދަ ލުއިތަކެއް ނޫސްވެރިންނަށް ދެ އެވެ.