ތިން ރަށެއްގެ އާ ހޮސްޕިޓަލްތައް ރީތި ކުރެހުންތަކަކުން!

ހއ. ދިއްދު އާއި ބ. އޭދަފުށީ އަދި ދ. ކުޑަހުވަދޫގައި އަޅާ ހޮސްޕިޓަލްގެ އާ އިމާރާތް ހުންނާނެ ގޮތުގެ ރީތި ކުރެހުންތަކެއް މިއަދު ދައްކާލައިފި އެވެ.


ތިން ހޮސްޕިޓަލްގެ ޑިޒައިން ދައްކާލަން ބޭއްވި ރަސްމިއްޔާތެއްގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ އެ މަންޒަރުތަކުން ހިތަށް އުފާވެރިކަން ގެނެސްދޭނެ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ ތިން ހޮސްޕިިޓަލްގެ އާ އިމާރާތްތަައް ހުންނާނެ ގޮތް ފެނިވަޑައިގަތުމުން އެއީ ހޮސްޕިޓަލްތަކެކޭ ވިދާޅުވާ ހިތެއް ނެތެވެ. އެ ފުރިހަމަކަމުގެ ވާހަކަ މިސާލެއްގެ ގޮތުން ދެއްކެވުމަށް ފަހު އަމީން ދެން ވިދާޅުވީ އެފަދަ ގޮތަކަށް ހޮސްޕިޓަލްތައް ހަދަން ޖެހޭ ސަބަބެވެ. އޭނާ ވިދާޅުވީ އޭގެ ފަހަތުގައި އޮތް ނިޔަތަކީ ސިއްހީ ހިދުމަތްތަކަށް އާ ވިސްނުމެއް ގެނައުން ކަމަށެވެ.

"މި ފުރިހަމަކަމާ އެކީގައި [އެއީ] ހޮސްޕިޓަލްތަކެކޭ ކިޔާ ހިތެއް ނުވޭ އަޅުގަނޑު ގައިމުވެސް. ނަމަވެސް އެތަންތަނުގައި ހޮސްޕިޓަލްގެ ހިދުމަތް އެބަ ދެވޭ،" އަމީން ވިދާޅުވި އެވެ.

"ހޮސްޕިޓަލަކަށް ވުރެ މާ ފުޅާ ވިސްނުމަކާ އެކީގައި މިހާރު ސިއްހީ ހިދުމަތް ފޯރުކޮށްދިނުމުގެ ވިސްނުން ހުރީ."

ބ. އޭދަފުށީ ހޮސްޕިޓަލް ބޭރުން ފެންނާނެ ގޮތް: ހޮސްޕިޓަލްތައް ހަދަނީ ތަފާތު ވިސްނުމެއްގައި

މިއިން ކޮންމެ ހޮސްޕިޓަލެއްގައި 55 އެނދާއި ޕްރައިވެޓް ހަ ކޮޓަރި އާއި ތިން އެނދުގެ އައިސީޔޫއަކާއި އެންއައިސީޔޫ އާއި 19 އޯޕީޑީ ކޮންސަލްޓޭޝަން ރޫމް ހިމެނެ އެވެ. އޭގެ އިތުރުން އެކްސްރޭ ރޫމާއި ޕިޒިއޮތެރަޕީ ރޫމާއި އެމަޖެންސީ ރޫމާއި ދެ އޮޕަރޭޝަން ތިއޭޓަރު ވެސް ހުރެ އެވެ.

މީގެ ތެރެއިން ދިއްދޫ ހޮސްޕިޓަލް އަޅަނީ އެ ރަށުގައި އަލަށް ހިއްކައި މީހުން އާބާދުކުރާ ސަރަހައްދުގަ އެވެ. އޭދަފުށީ ހޮސްޕިޓަލްގެ އާ އިމާރާތް އަޅަނީ މިހާރުގެ ހޮސްޕިޓަލް ވެސް ހުރި ބިމުގަ އެވެ. އެކަމަކު ކުޑަހުވަދޫ ހޮސްޕިޓަލް އަޅާނީ އެރަށުގައި އަލަށް ހިއްކި ބިމުގަ އެވެ.

ދިއްދޫ ހޮސްޕިޓަލްގެ އެތެރެ ބައެއް ތަންތަން ހުންނާނެ ގޮތުގެ ކުރެހުން

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެ ތިން ހޮސްޕިޓަލްގެ މެނޭޖަރުން ވެސް ވިދާޅުވީ ޖާގައިގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވެފައިވާ ކަމަށެވެ.

ކުޑަހުވަދޫގައި ހުންނަ ދ. އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރު ތޯހިރު އަބްދުލް ސައްތާރު، ކުރެހުންތަކަށް އިޝާރަތްކުރައްވަމުން ވިދާޅުވި ގޮތުގައި "މިއީ ބަކިންހަމް ޕެލޭސްއެއް ނޫނެ"ވެ.

"މި އިމާރާތްތަކުން ރައްޔިތުންގެ ހުވަފެންތައް ހަގީގަތަކަށް ހަދައިދޭނެ،" ތޯހިރު ވިދާޅުވި އެވެ.

ތިން ހޮސްޕިޓަލްގެ ޑިޒައިން ދައްކާލަން ބޭއްވި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު އަމީން (މ) އަދި އެ މިނިސްޓްރީގެ އިސް ވެރިން ބައިވެރިވެވަޑައިގަންނަވަނީ -- ފޮޓޯ: ނިޝާން އަލީ/މިހާރު

އަމީން ވިދާޅުވި ގޮތުގައި ވަސީލަތާއި މީހުންގެ ދަތިކަމާއި މާލީ ހާލަތު ހުރި ގޮތުން ރަނގަޅު އިންތިޒާމެއްގެ ދަށުން ސިއްހީ ހިދުމަތް ފޯރުކޮށްދޭން ވަރަށް ބޮޑެތި ގޮންޖެހުންތައް އެބަ ހުއްޓެވެ.

އެ ހުރިހާ ކަމަކަށް ވިސްނައި މިހާރު ހޮސްޕިޓަލްތައް ހަދަން ޖެހެނީ ހަރަދު ކުޑަކޮށް އެކަމަކު އެ ތަންތަނުން ހިތްހަމަޖެހުން ލިބޭ ފަދަ ގޮތަކަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އާ ހޮސްޕިޓަލްތަކާ އެކު އެ ސަރަހައްދުގެ ސިއްހީ ދާއިރާ ވެސް ބަދަލުވެގެން ދާނެ އެވެ.

އޭދަފުށީ ހޮސްޕިޓަލްގެ ކޮންސަލްޓޭޝަން ރޫމުގެ ކުރެހުމެއް