މިނިސްޓްރީގައި ނެއްޓެވުމުން މަލީހް، ޝާތިރަށް ނަސޭހަތް ދެއްވައިފި

ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ޝާތިރު، އެ މިނިސްޓްރީގައި ނެއްޓެވި މައްސަލައިގައި އެފަދަ ކަމެއް ތަކުރާރު ނުކުރުމަށް އަންގައި އޭނާ އަށް މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ލިޔުމުން ނަސޭހަތް ދެއްވައިފި އެވެ.


ގައުމީ އަރުޝީފްގެ ޑިރެކްޓަރު ޖެނެެރަލްގެ މަގާމުގައި ކުރިން ހުންނެވި ޝާތިރު ނައްޓަވާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ. ސާޅީސް ފަސް ސިކުންތުގެ ވީޑިއޯ އިން ފެންނަނީ ޓެކްނޮލޮޖީ މިނިސްޓްރީގެ ތެރޭގައި ހިންދީ ލަވައަކަށް ޝާތިރު ނައްޓަވާ މަންޒަރެވެ. ރަސްމީ ހެދުމުގައި ޝާތިރު ހުންނެވީ ޖެކެޓެއް ލައްވައި ތޮއްޕެއް އަޅުއްވައިގެންނެވެ. ނައްޓަވާ މަންޒަރު ބަލަން އެ މިނިސްޓްރީގެ މުވައްޒަފުން ވެސް މަޑުކޮށްލައިގެން ތިބޭ ތަން އެ ވީޑިއޯ އިން ފެނެ އެވެ.

ސަރުކާރުގެ އިސްވެރިއެއްގެ ފަރާތުން މިފަދަ އަމަލެއް ފެނިގެން ނުވާނެ ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ.

ޝާތިރު ނައްޓަވާ ވީޑިއޯ އާއްމުކޮށް ފާޑުކިޔުން--

އެކަމާ ގުޅޭގޮތުން މިނިސްޓަރު މަލީހް "މިހާރު" އަށް ވިދާޅުވީ، ޝާތިރުގެ އެ އަމަލަކީ ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުން އަމަލު ކުރަން އޮންނަ އުސޫލާ ހިލާފު ކަމެއް ކަމަށެވެ. އަދި އެއީ އޮފީސް މާހައުލުގައި ކޮށްގެން ނުވާނެ ކަމެއް ކަމަށް މަލީހް ވިދާޅުވި އެވެ. އެހެންވެ، އެފަދަ ކަމެއް ތަކުރާރު ނުކުރުމަށް ލިޔުމުން އަންގައި ޝާތިރަށް ނަސޭހަތް ދެއްވާފައިވާ ކަމަށް މަލީހް ވިދާޅުވި އެވެ.

"ރަސްމީ ގަޑިއެއްގަ ނޫން އެކަން ހިނގީއެއް. އެކަމަކު، ހިނގައިގެން އެ ދިޔަ ކަމަކީ ހިތާމަ ކުރާ ކަމެއް. އޮފީސް ތެރޭގައި އެ ގޮތަށް އަމަލު ބެހެއްޓޭނެ ކަމަށް ގަބޫލެއް ނުކުރަން،" މަލީހް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި، އެފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށްޓަކައި ސިޔާސީ މަގާމުތަކުގައި ތިއްބެވި ހުރިހާ ބޭފުޅުންނާ އޭނާ ވަނީ މަޝްވަރާ ކުރައްވައިފަ އެވެ.

ޝާތިރަކީ، ދިވެހި ތާރީޚާ މެދު މީހުން ހޭލުންތެރިކުރުވުމުގެ ރޮނގުން، ހިތްވަރު ދިނުމުގެ ގައުމީ އިނާމު ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. ކުރިން ނޫސްވެރިއަކަށް އުޅުއްވި ޝާތިރަކީ ނޫސްވެރިކަމުގެ ދާއިރާއިން ތައުލީމާއި ތަމްރީނު ހޯއްދަވާފައިވާ ބޭފުޅެކެވެ.

ޝާތިރު، ޓެކްނޮލޮޖީ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް އައްޔަން ކުރެއްވީ ސެޕްޓެމްބަރު 22، 2019 ގަ އެވެ.