އާތިފް ޝަކޫރަށް، މަނީ ލޯންޑަރިން ގާނޫނާ ހިލާފްވުމުގެ ކުށުގެ ދައުވާ އުފުލައިފި

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ފައިސާ އެސްއޯއެފް މެދުވެރިކޮށް ބޭރުކުރަމުން ދިޔަ އިރު ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓްގެ ވެރިޔަކަށް ހުންނެވި އިބްރާހީމް އާތިފް ޝަކޫރުގެ މައްޗަށް، މަނީ ލޯންޑަރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނާ ޚިލާފުވުމުގެ ކުށުގެ ދައުވާ ކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހަޅައިފި އެވެ.


އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާތައް ދައުރުވަމުން ދިޔައިރު އެކަމުގައި ފިޔަވަޅު ނާޅުއްވައި އިހުމާލުވެ ވަޑައިގެން ކަމުގެ ތުހުމަތު އާތިފްގެ މައްޗަށް ކޮށްފައިވެ އެވެ، މި ތުހުމަތުގައި އޭނާ ރައްޔިޔުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އަށް މިދިޔަ އަހަރުގެ އޯގަސްޓް މަހު ހާޒިރުކޮށް ސުވާލުކުރުމުން ކަން ހިނގައިދިޔަ ގޮތް ވިދާޅުވެ ތުހުމަތުތަކަށް ވަނީ އިންކާރު ކުރައްވައިފަ އެވެ.

މަނީ ލޯންޑަރިން އަކީ، މަނީ ލޯންޑަރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނާގާނޫނުގައި އެންމެ ބޮޑު އަދަބު ކަނޑައަޅާފައިވާ އެއް ކުށެވެ. މަނީ ލޯންޑްރިންގެ އަމަލެއް ހިންގަން އުޅުމަކީ ނުވަތަ އެ ކުށް ކުރުމުގައި އެހީތެރިވެދިނުމަކީ ނުވަތަ މަގުފަހިކޮށްދިނުމަކީ ވެސް ކުށެކެވެ. އެ ކުށް ކުރުމަށް ހިތްވަރުދިނުން ވެސް އޮތީ ބޮޑު ކުށެއްގެ ގޮތުގައި ކަނޑައަޅައިފަ އެވެ. އަދަބަކީ 50،000ރ އާއި 500،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމާ އެކު 2-10 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމެވެ.

މަނީ ލޯންޑަރިން އަށް ފެތޭ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ 100،000ރ އާއި އެއް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމާ އެކު 5-15 އަހަރާ ދެމެދު މުއްދަތަކަށް ޖަލަށް ލުމެވެ. ނުވަތަ ކުށުގެ އަމަލު ހިންގުމުގައި (ލޯންޑަކުރުމުގައި) ބޭނުންކުރި ފައިސާގެ އަދަދުގެ ފަސް ގުނަ އަށް ވުރެ އިތުރު ނުވާ އަދަދަކުން ޖޫރިމަނާކޮށް، 5-15 އަހަރުގެ މުއްދަތަކަށް ޖަލަށް ލުމެވެ.

މަނީ ލޯންޑްރިންގެ އަމަލެއް ހިންގަން އުޅެފި ނަމަ ނުވަތަ އެ ކުށް ކުރުމުގައި އެހީތެރިވެދީފި ނަމަ 50،000ރ އާއި 500،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމާ އެކު 2-10 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލެވޭނެ.

އާތިފަށް ކުރާ ތުހުމަތުތަކާ ގުޅޭ ގޮތުން ވިދާޅުވެފައިވާ ގޮތުގައި ބޮޑު ހިޔާނާތުގެ ފައިސާ އެސްއޯއެފް މެދުވެރިކޮށް ބޭރުކުރަމުން ދިޔަ އިރު އެ މައްސަލަ ފުލުހަށް ހުށަހަޅަން އެތައް ފަހަރަކު މަސައްކަތް ކުރައްވާފައި ވާނެ އެވެ. ނަމަވެސް އެކަމަށް ހުރަސް އެޅުއްވީ އޭރުގެ ގަވަރުނަރު އަޒީމާ އާދަމް ކަން ދޭހަވާ މޭރުމަކުން އާތިފް ވަނީ ވާހަކަ ދައްކަވައިފަ އެވެ. އާތިފް ވިދާޅުވެފައިވާ ގޮތުގައި އެ މައްސަލަތައް ނުބެލި ދިޔައީ އަޒީމާ އަށް މަދުވެގެން ހަތަރު ފަހަރު ހުށަހަޅުއްވާފައި ވަނިކޮށް ކަމަށެވެ.

އާތިފް ވިދާޅުވީ އެމްއެމްޕީއާރުސީ އާއި އެސްްއޯއެފާ ދެމެދު ހިނގަމުން ދިޔަ މުއާމަލާތްތައް އޭނާ ބައްލަވަމުން ގެންދެވި ކަމަށާއި އެއީ އެތައް ސަތޭކަ މިލިޔަން ރުފިޔާގެ މުއާމަލާތްތަކެއް ކަން އޭރު އެނގިވަޑައިގެންނެވި ކަމަށެވެ.

ޝައްކު ކުރެވޭ މުއާމަލާތްތައް ހިންގަމުން ދިޔައިރު އެ ވާހަކަތައް އަޒީމާ އަށް ދަންނަވަމުން ގެންދެވި ކަމަށާއި މަދުވެގެން ހަތަރު ފަހަރު އެފަދަ މައްސަލަތައް އޭނާއާ ހަމައަށް ގެންދެވި ކަމަށް ވިދާޅުވި އެވެ. އެފަދަ މައްސަލަތައް އަޒީމާ އަށް ހުށަހެޅުއްވި ބައެއް މީޓީންތަކުގައި އެފްއައިޔޫގެ ވެރިޔަކަށް ފަހުން ވަޑައިގެންނެވި އަބްދުﷲ އަޝްރަފާއި އެމްއެމްއޭގެ އެސިސްޓެންޓް ގަވަނަރު ނީޒާ އިމާދު ވެސް ބައިވެރިވެވަޑައިގެންނެވި ކަމަށް ވެސް އާތިފް ވިދާޅުވެފައިވެ އެވެ.