އިދިކޮޅު ޖަލްސާގެ ގޮނޑިތައް ފުރާލައިފި

ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭން ރަސްމީކޮށް ފެށުމަށް އިދިކޮޅުން މިރޭ ބާއްވާ ޖަލްސާ އަށް ބޮޑު ތަރުހީބެއް ލިބި، ގިނަ އަދަދެއްްގެ މީހުންނާ އެކު ކާނިވާ ސަރަހައްދު ފުރާލައިފި އެވެ.


ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާ އަށް އެ ސަރަހައްދުގައި ޖަހާގައި ހުރި ހުރިހާ ގޮނޑިއެއްގައި މީހުން ތިބި އިރު، ބައެއް މީހުން ތިބީ، އިށީންނާނެ ގޮނޑިއެއް ނެތިގެން ކޮށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ނިމުނު ފަހުން ވަރަށް ބޮޑަށް ހީނަރުވެފައިވާ ޕީޕީއެމް-ޕީއެންސީ އަށް މިފަހަކަށް އައިސް ބޮޑު ޖަލްސާއެއް ބޭއްވިފައެއް ނުވެ އެވެ. މަނީ ލޯންޑާ ކުރެއްވި ކަމުގެ ކުުށް ސާބިތުވެ، ފަސް އަހަރަށް ޖަލަށް ލާފައިވާ ޔާމީން މިނިވަން ކުރަން ގޮވާލައި ކުދިކުދި މުޒާހަރާތަކެއް ކުރުމަށް ފަހު، ފަހަކަށް އައިސް، އެ ދެ ޕާޓީން ޖަލްސާތައް ބާއްވަމުން އައީ ޕާޓީގެ އޮފީހުގަ އެވެ. އެކަމަކު މިރޭގެ ޖަލްސާ އަށް ގިނަ ބަޔަކު ހާޒިރުވުމުން، މިއީ ރާއްޖޭގެ ސިޔާސީ މަސްރަހަށް އައި ބޮޑު ބަދަލެކެވެ.

ޕާޓީގެ ލީޑަރު ޔާމީން ޖަލަށް ލައި، އިދިކޮޅު ހަރަކާތް ވަރަށް ބޮޑަށް ހީނަރުވެފައިވާ މިފަދަ ދަނޑިވަޅެއްގައި އެތައް ހާސް ބަޔަކާ އެކު، ޕީޕީއެމް/ޕީއެންސީ ކާނިވާ ސަރަހައްދު ފުރައިލުމަކީ ގިނަ ބަޔަކަށް ލިބުނު ބޮޑު ހައިރާން ކަމެކެވެ.

އިދިކޮޅުން މިރޭ ބޭއްވި ޖަލްސާ

މިރޭގެ ޖަލްސާގައި ބައިވެރިވި އެންމެންހެން ތިބީ ކުރީގެ ރަައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލައި ލިޔެފައިވާ މެސެޖްތަކާ އެކު އެމަނިކުފާނުގެ ފޮޓޯފުޅު ޖަހާފައިވާ ބޯޑުތައް ހިފައިގެންނެވެ.

އެކަމަކު އެޖަލްސާ އަށް ރަށްރަށުން މީހުން ގެނައި ކަމަށް ވާދަވެރި އެމްޑީޕީގެ ހަރަކާތްތެރިން ސޯޝަލް މީޑިއާގައި ދަނީ ތުހުމަތުތައް ކުރަމުންނެވެ.

ކާނިވާ ސަަރަަހައްދުގައި، އެތައް ހާސް ބަޔަކާ އެކު، އިދިކޮޅުން ބޭއްވި ބޮޑު ޖަލްސާ ނިންމައިލުމުގެ ގޮތުން ގައުމީ ސަލާމް ކިޔަނީ.--- ފޮޓޯ: އަހުުމަދު އަވްޝަން އިލްޔާސް

އިދިކޮޅު ޖަލްސާ އަށް ގިނަ ބަޔަކު ދިޔައިރު، ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭން ފަށަން، މި ސަރުކާރު ހިންގާ ކޯލިޝަންގެ އެންމެ ބޮޑު ޕާޓީ އެމްޑީޕީން މިދިޔަ ހުކުރު ދުވަހު ބޭއްވި ޖަލްސާ އަށް ލިބުނީ ފިނި ތަރުހީބެކެވެ.

"ރަށްވެެހި ފަތިސް" މި ނަމުގައި ކާނިވާ ސަރަހައްދުގައި ބޭއްވި އެ ޖަލްސާގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގެންނެވި އިރު، ޖަލްސާ ފެށިގެން ނިމެންދެން ވެސް ގިނަ ގޮނޑިތަކެއް ހުރީ ހުހަށެވެ. ރޭވުންތެރިކަމާއި އިންތިޒާމްތަކުގެ ތެރެއިން ހިންގާ އެމްޑީޕީގެ ޖަލްސާތަކުގައި މިއީ، ކުރިން ނުފެންނަ މަންޒަރެކެވެ.

ޖަލްސާ އަށް ފިނި ތަރުހީބެއް ލިބުމުން ނަޝީދު އޭގެ އަނެއް ދުވަހު ވިދާޅުވީ އެކަން ބަލައިގަންނަ ކަމަށާއި އެގޮތަށް އެކަން ދިމާވީ، މީހުންގެ އުއްމީދުތަކުގައި މި ސަރުކާރަށް ކުލަ ޖައްސަައި ނުދެވުމުން ކަމަށެވެ. މިދިޔަ ހޮނިހިރު ދުވަހު ނަޝީދު ކުއްލި ގޮތަކަށް ބޭއްވެވި ނިއުސް ބްރީފިންއެއްގައި ވިދާޅުވީ، މާލޭގައި އެމްޑީޕީގެ 35،000 އަށް ވުރެ ގިނަ ސަޕޯޓަރުން ތިބި އިރު، އެ އެންމެން ޖަލްސާ އަށް ނުނިކުތީ ހިތްހަމަނުޖެހުންތަކެއް ހުރުމުން ކަމަށެވެ.