ޕީޕީއެމުން ދެއްކީ "ބިޔަ މަންޒަރެއް"، މިވީ ކިހިނެއް؟

ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން ހުންނެވީ ބޮޑު ކުށެއް ސާބިތުވެ، ޖަލު ހުކުމެއްގަ އެވެ. އިދިކޮޅު ލީޑަރެއްގެ ގޮތުގައި ހުންނެވި އެމަނިކުފާނު ނެތުމުގެ މާޔޫސްކަން ޕާޓީގެ ހިންގުމަށް އެބައޮތެވެ. މި ހާލަތުގައި، ޕާޓީ ލީޑު ކުރައްވާނެ ބޭފުޅަކާ މެދު ވެސް ހިޔާލުތަފާތުވުން ބޮޑެވެ. ރައްޔިތުންގެ މަޖިލީހުގައި، ޕީޕީއެމްގެ މެމްބަރުން މަދުވުމުން އެކަށީގެންވާ ގޮތެއްގައި ސަރުކާރު ޒިންމާދާރެއް ނުކުރެވެ އެވެ. އިދިކޮޅު ޕާޓީއެއްގެ ދައުރު ހަރަކާތްތަކުން ވެސް ނުފެނެ އެވެ. ރަށްރަށުގައި ޕީޕީއެމްގެ ގޮފިތައް ވެސް ވަނީ "ހުއްޓިފަ" އެވެ.


ބަލިކަށިވެފައި އޮތް ޕީޕީއެމާ ދިމާލަށް، މި ސަރުކާރު ހިންގާ ކޯލިޝަންގެ އެންމެ ބޮޑު ޕާޓީ، އެމްޑީޕީން އަމާޒުކުރާ އެއް ފާޑުކިއުމަކީ، އިދިކޮޅު ޕާޓީއެއް ނެތުމުން ޑިމޮކްރަސީގެ އުސޫލުތައް ނަގަހައްޓާ އެ ޕާޓީ އަށް އުނދަގޫވާ ކަމަށެވެ. ޕީޕީއެމް، ޒިންމާދަރުވާން ވެއްޖެ ކަމަށް އެމްޑީޕީގެ އެކިއެކި ބޭފުޅުން ގެންދަވަނީ ވިދާޅުވަމުންނެވެ.

އެ ހަމަލާތައް ޕީޕީއެމަށް ފޮނުވާލަނީ ރިޔާސީ ިއންތިޚާބާއި މަޖިލީސް އިންތިޚާބުގައި ރައްޔިތުން އަޣުލަބިއްޔަތު ދިނީ އެމްޑީޕީ އަށް ކަން ހެއްކަކަށް ދައްކަމުންނެވެ. ވެރިކަން ހިންގުމާއި ރައްޔިތުންގެ މަޖިލީހުގައި ވެސް އާރާއި ބާރު އޮތީ އެމްޑީޕީ އަށެވެ. ކައުންސިލް އިންތިޚާބުގެ ކެމްޕޭނަށް ބެލިއަސް، ހުރިހާ މޮޅެއް ހޯދުމުގެ ފުރުސަތު ވެސް ފަހިވެފައި އޮތީ، ވެރިކަމުގައި އޮތް ޕާޓީގެ ހައިސިއްޔަތުން އެމްޑީޕީ އަށެވެ. ކައުންސިލް އިންތިޚާބަށް އަމާޒުކޮށް، ލާމަރުކަޒީ ގާނޫނަށް ބޮޑެތި އިސްލާހު ގެނެސް ބާރުތައް ރައްޔިތުންގެ އަތްމައްޗަށް ދޫކޮށްލައިފި އެވެ.

އެކަމަކު ކައުންސިލް އިންތިޚާބާ ހަމައިން މި ފެނުނީ ކޮން މަންޒަރެއް ހެއްޔެވެ؟ އެމްޑީޕީގެ ރެކޯޑު، ޕީޕީއެމުން ރޭ މުގުރާލައިފި އެވެ! ޕީޕީއެމަކީ ބަލިކަށި ޕާޓީއެއް ކަމެއް ރޭގައި ނުފެނުނެވެ. ސަރުކާރުގައި ޕީޕީއެމް އޮތް އިރު ވަޒީފާގެ ބިރަށް އެ ޕާޓީގެ ޖަލްސާތަކަށް މީހުން ދާ ކަމަށް ބުނަމުން އައި ނަމަވެސް ރޭގައި ޔަގީނުން ވެސް އެ ބިރެއް ނެތެވެ. ސަރުކާރުގައި އެއްވެސް ނުފޫޒެއް ނެތެވެ.

ޖަލްސާ ބާއްވާ ކޮންމެ ތަނެއް، ފުރާލައި ފޯރި އާއި ޖޯޝުގައި ބިޔަ ބޮޑު ޖަލްސާތައް ބާއްވާ އެމްޑީޕީން އެންމެ ފަހުން ބޭއްވި ޖަލްސާ އަށް ލިބުނީ ފިނި ތަރުހީބެކެވެ. ގިނަ ގޮނޑިތައް ހުރީ ހުހަށެވެ. ކައުންސިލް އިންތިޚާބުގައި ވެސް ގިނަ ކައުންސިލްތަކުގެ މެޖޯރިޓީ ހޯދަން އަމާޒު ހިފައިގެން ތިބި ޕާޓީގެ ކެމްޕޭން ލޯންޗިންގައި ޕާޓީގެ އާއްމު މެމްބަރުން ނުފެނުމަކީ އެމްޑީޕީ އަށް ވެސް ލިބުނު ހައިރާން ކަމެކެވެ.

ހިތްދަތިކަން ލިބުނު އެ މަންޒަރުން އެމްޑީޕީ އަރައިނުގަނެވި އުޅެނިކޮށް، ރޭ ޕީޕީއެމުން ބޭއްވި ޖަލްސާގައި ދައްކާލި ސައިޒުން އިތުރު މާޔޫސްކަމެއް ޕާޓީގެ އާއްމު މެމްބަރުންނަށް ލިބުނު ކަން ޔަގީން ވަނީ ސޯޝަލްމީޑިއާގައި ބައެއް މީހުން ބަންޑުންކޮށްލި ޝުއޫރުތަކުންނެވެ.

ރިޔާސީ އިންތިޚާބުގެ ނާކާމިޔާބީން މާޔޫސްވެފައި ތިބި ޕީޕީއެމުން އަލިމަސްކާނިވަލުގައި ރޭ ބޭއްވި ޖަލްސާގެ ސައިޒު ބޮޑެވެ. މުޅި ކާނިވާ ސަރަހައްދު ފުރައިލި އެވެ. މީހުން ހާޒިރުވާނެ އަދަދަށް ބަލައި ޖެހި ގޮނޑިތައް ފުރިގެން ދެން އެތުރި ގޮނޑިތަކުން ވެސް ޖާގައެއް ނުލިބި ޕާޓީގެ އިސް ބައެއް ބޭފުޅުން ވެސް ތިއްބެވީ ކޮޅަށެވެ.

މިވި ކިހިނެއް ހެއްޔެވެ؟

އެމްޑީޕީގެ ޖަލްސާ ކުރިއަށް ދިޔައިރު ގިނަ ގޮނޑިތަކެއް ހުހަށް.

ޕީޕީއެމްގެ ޖަލްސާގެ ސައިޒު، ދެ ޕާޓީން ވިސްނައިދޭ ގޮތް ތަފާތެވެ. ޕީޕީއެމުން ބުނީ ރޭގެ ޖަލްސާ އިން ފެނުނީ ރިޔާސީ އިންތިޚާބުގެ ވޯޓު އޮޅުވައިލުމާއި އެ އިންތިޚާބަށް ވި ވައުދުތައް ނުފުއްދެވުމާއި ރައްޔިތުން ބޭނުންވާ ސްޕީޑުގައި މަޝްރޫއުތައް ނުހިންގުމާއި ސަރުކާރުގެ ބައެއް ސިޔާސަތުތަކުން ރައްޔިތުން ރުޅިއެރުވުމާއި ދައުލަތުގެ ބަޖެޓް ވަކި ބަޔަކަށް 'ބަހައި ހުސްކުރުން' ފަދަ ގޯސް ފިޔަވަޅުތަކުގެ ނަތީޖާ ކަމަށެވެ. ކައުންސިލްތަކުގެ މެޖޯރިޓީ އެމްޑީޕީ އަށް ދޭންޖެހޭ ސަބަބެއް ނެތް ކަން އަދަދުން ރޭ ސާފުކޮށްދީފި ކަމަށް ޕީޕީއެމުން ބުންޏެވެ.

ރޭގެ ޖަލްސާއާ ގުޅުވައި ދައްކާ މި ވާހަކަތަކަށް ރައްދު ނުދީ އެމްޑީޕީގެ ލީޑަޝިޕް އަދި ހިމޭނުން އޮތް ނަމަވެސް ސޯޝަލް މީޑިއާގައި ހަރަކާތްތެރި އާއްމު މެމްބަރުން ޖަވާބު ދީފި އެވެ. ޕާޓީ އަށް މަރުދޭ ބައެއް ސަޕޯޓަރުން އެމްޑީޕީގެ ދިފާއުގައި ތެދުވެ ބުނީ މީގެ ކުރިން ވެސް ޕީޕީއެމުން ޖަލްސާތަކުގައި ސައިޒު ދެއްކި ކަމަށެވެ. އެ ސައިޒާ ގުޅިފައި ވަނީ މުޅި ރާއްޖެ އިން މީހުން ޖަމާކޮށްގެން ޖަލްސާ ބޭއްވުމެވެ. ކައުންސިލް އިންތިޚާބަށް ޕީޕިއެމްގެ ޓިކެޓުގައި އެކި ކައުންސިލްތަކަށް ވާދަކުރާ ކައުންސިލަރުންނާއި އެކި ރަށްތަކުން ގެނައި ޕީޕިއެމްގެ ސަޕޯޓަރުން ރޭގެ ޖަލްސާގައި ބައިވެރިވި ކަމުގެ ފޮޓޯތައް އެމްޑީޕީން އަންނަނީ އާއްމުކުރަމުންނެވެ.

ޕީޕީއެމުގެ ވިސްނުމަކީ ބާރާއި ވެރިކަން ހިންގުން މައި ސަރުކާރަށް ޖަމާކުރުން ކަން ރޭގެ ޖަލްސާ އިން ވެސް އެނގުނު ކަަަމަށާއި އެމްޑީޕީން ކައުންސިލް އިންތިޚާބުގެ ކެމްޕޭން ލޯންޗްކުރީ މަރުކަޒީކޮށް ކަމަށް ބައެއް މެމްބަރުން ދަނީ ބުނަމުންނެވެ. އަލިމަސްކާނިވަލުގައި ޖަލްސާ ބޭއްވި ވަގުތު މުޅި ރާއްޖޭގެ 50 އަށް ވުރެން ގިނަ ރަށުގައި، އެމްޑީޕީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަތް ޖަލްސާތައް އޮތް ކަން ޕާޓީން ވެސް ވަނީ ހާމަކޮށްފަ އެވެ. ނަމަވެސް އެއީ ހަގީގަތެއް ނޫން ކަމަށް ހާމަކުރެއްވީ އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.

އެމްޑީޕީގެ ޖަލްސާ ގައި އާދަޔާ ޚިލާފަށް މީހުން މަދުވުމުން އެކަމުން ދިފާއުވާކަށް ނަޝީދު މަސައްކަތްޕުޅެއް ނުކުރައްވަ އެވެ. އެމަނިކުފާނު މީޑިއާގައި ދެއްކެވި ވާހަކަފުޅުން ދޭހަވީ މައްސަލަ އަކީ ސަރުކާރު ކަމެވެ. މާލޭގައި އެމްޑީޕީގެ 35،000 އަށް ވުރެ ގިނަ ސަޕޯޓަރުން ތިބި އިރު، އެ އެންމެން ޖަލްސާ އަށް ނުނިކުތީ ހިތްހަމަނުޖެހުންތަކެއް ހުރުމުން ކަމަށް އެމަނިކުފާނު ވިދާޅުވެ، ހަގީގަތާ ކުރިމަތިލެއްވި އެވެ.

ސަރުކާރުން ކޮށްދޭން ބުނި ކަންތައްތައް ނުކުރެވި، އެ ހިތްހަމަނުޖެހުމުގެ ނަތީޖާ އަކީ ލޯކަލް ކައުންސިލްތަކުގެ ކެމްޕެއިން އެމްޑީޕީން ފެށުމަށް މާލޭގައި ބޭއްވި ޖަލްސާގައި ޖެހި ގިނަ ގޮނޑިތަކުގައި އިށީންނާނެ މެމްބަރަކު ނެތުމެވެ. ޚާއްސަކޮށް ގޯތިގެދޮރުގެ މައްސަލަ އަށް މި ސަރުކާރުން ހައްލެއް ހޯދައެއް ނުދެވުނެވެ. ޔާމީންގެ ސަރުކާރުން ފެށި ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ފޮނިމީރުކަން ވެސް ހޯދައެއް ނުދެވުނެވެ.

މިއީ، އެމްޑީޕީގެ ޖަލްސާގައި މީހުން މަދުވުން އެހެން ގޮތަކަށް ވިސްނައިދޭން ދެއްކިދާނެ ހުއްޖަތެއް ކަަމަށް ގަބޫލުނުކުރާ އާއްމު މެމްބަރުންތަކެއް އެބަތިއްބެވެ. އެ މީހުންގެ ޝަކުވާ ގުޅިފައި ވަނީ އެތައް ކަމަކާ އެވެ. މަޖިލީސް އިންތިޚާބާއި ޕާޓީގެ އެތެރޭގެ މަގާމްތައް ހޮވުމާއި މި ކައުންސިލް އިންތިޚާބަށް ޕްރައިމަރީ ބޭއްވި ގޮތާ މެދު ހިތްހަމަނުޖެހުންތަކެއް އެބަހުއްޓެވެ. އެމްޑީޕީގެ ވެރިކަން 2012 ގައި ނިމުމުން، ވަރުބަލިކަމެއް ނެތި މަގުތަކުގައި އުޅުނު މީހުން އެކަހެރިކުރުމުގެ ދެރަ އާއި ރުޅިވެރިކަން ވެސް އެބައޮތެވެ. ވައުދުތައް ނުފުދި، އިންތިޒާރު ދިގުލައި، ނާއުއްމީދުވެފައި ތިބި މީހުން ވެސް މަދެއް ނޫނެވެ.

އެމްޑީޕީގެ ހަރަކާތްތަކުގައި އިސްކޮށް އުޅުނު އެ ޕާޓީގެ ކުރީގެ ކައުންސިލް މެމްބަރު ޝުއައިބު، ޕީޕީއެމްގެ ޖަލްސާއާ ގުޅުވައި ވިދާޅުވީ އެމްޑީޕީގައި ވޭތުވެދިޔަ 17 އަހަރުގެ ތެރޭޣައި އެންމެ ލަދުގަތީ ރޭ ކަމަށެވެ. އެ ޓުވީޓުގައި އޭނާ ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީގެ ޗެއާޕާސަން އަދި މަޖިލީހުގެ މެމްބަރު ހަސަން ލަތީފް ޓެގު ކުރައްވައިފަ އެވެ.

"އެމްޑީޕީ އަށް ލަދުވެތި ރެއެއް. މިނިވަން ބަހުސުން ފެށިގެން މިހާތަނަށް ދެރަނުވާ ވަރަށް ދެރަވެއްޖެ. ލީޑަޝިޕް ނުދެއްކުމުން ނުކުތް ނަތީޖާ،" ޝުއައިބު ވިދާޅުވި އެވެ.

މީގެ ފަހުން ވެސް އޭނާގެ ޝުއޫރުތައް ހިއްސާކުރެއްވި އިރު، އެހެން ޓުވީޓެއްގައި ވިދާޅުވީ ވަޒީފާގެ ބިރު ދައްކައިގެން ޖަލްސާ އަށް ދިޔަ އެއްވެސް މީހަކު ރޭގައި ނެތް ކަމަށެވެ. އޭނާ އެހެން ވިދާޅުވީ، ކުރިން ޕީޕީއެމްގެ ޖަލްސާގެ ސައިޒު ބިޔަ ކަމަށް ދައްކަނީ ސިވިލް ސާވަންޓުން ހިމެނޭ ގޮތުން ވަޒީފާގެ ބިރު ދައްކައި ޖަލްސާތަކަށް މީހުން ގެންދާ ކަމަށް މިހާރު ވެރިކަންކުރާ ކޯލިޝަނުން އަމާޒުކުރި ފާޑުކިއުމާ ގުޅުވަ އެވެ.

އޭނާ ވިދާޅުވި ގޮތުގައި މިހާރު މިއޮތީ އެމްޑީޕީގެ ވެރިކަމެއް ނޫނޭ ބުނަން މާ ހިތްހަމަޖެހެ އެވެ. ވެރިކަން ކުރާ ކޯލިޝަނުން އެމްޑީޕީ ވަކިވާން ގައުމީ މަޖިލީހަށް ހުށަހަޅަން ވެސް އޭނާ ހިޔާލު ދެއްވި އެވެ. އެމްޑީޕީ މެމްބަރުންނާ އެކު އާއްމުން ރުޅިވެރިކަން ބާލަނީ ސަރުކާރަށް ކަމަށް ވިދާޅުވި އެވެ.

މި ޝުއޫރުތައް ހުއްޓަސް، ފަހުން ކުރެއްވި ޓުވީޓްތަކުގައި ކައުންސިލް އިންތިޚާބު ކާމިޔާބުވާނީ އެމްޑީޕީ އަށް ކަމުގެ އުއްމީދު އާ ކޮށްދެއްވި އެވެ.

ޝުއައިބަށް އުފެދުނު ސުވާލު އެހެން މީހަކު ވެސް އަހާފައިވެ އެވެ. ޔަޒީދުގެ ނަމުގައި ޓުވީޓްކުރި އެ މީހާ އަހާފައި ވަނީ ވަޒީފާގެ ބިރެއް ނެތި ޕީޕީއެމަށް އެހާ ތާއީދު ބޮޑުވީ ކީއްވެގެން ހެއްޔެވެ؟

އެމްޑީޕީގެ ސިޔާސަތުތަކަށް ތާއީދުކުރާ ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު މުސްތަފާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޕީޕީއެމްގެ ޖަލްސާ ފެނިފައި ހައިރާންވެ އަންތަރީސް ވެއްޖެ ކަމަށެވެ. ވެރިކަމަށް ދޮޅު އަހަރު ނުފުރެނީސް ހާލަތު ބަދަލުވަމުން އަންނަތަން ފެންނަ ކަމަށް ވިދާޅުވި އެވެ.

ބިޔަ ޖަލްސާއެއް ބޭއްވުމުގެ އުފާވެރިކަމާއި ފަޚުރުވެރިކަމުގައި ތިބި ޕީޕީއެމްގެ ގިނަ ސަޕޯޓަރުން ބުނެފައި ވަނީ ރޭގެ ޖަލްސާ އަށް ހާޒިރުވެ ތިބީ ބިރުދައްކާފައި ތިބި ބައެއް ނޫން ކަމަށެވެ.

ޔާމީންގެ ފުރަތަމަ ނައިބު އަދި ފަހުން ވަރަށް ބޮޑަށް ޕާޓީ އަށް ފާޑުވިދާޅުވި ޑރ. މުހައްމަދު ޖަމީލް އަހުމަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޕީޕީއެމްގެ ޖަލްސާ އިން ރޭ ފެނުނީ ޔާމީނާއި ޕީޕީއެމްގެ ސަރުކާރުގެ އިޚްލާސްތެރި މަސައްކަތް ރައްޔިތުން ބަލައިގެންފި ކަން ކަމަށެވެ. އަދި ތިން ކަމަކަށް ރައްޔިތުން ނޫނެކޭ ބުނި ކަން ކަމަށާއި އެއީ އިސްލާމްދީނާއި މިނިވަންކަމަށް ގޮންޖެހުމާއި އާއްމުވަމުންދާ ކޮރަޕްޝަންގެ އަމަލުތަކާއި ނަޝީދުގެ ސިޔާސަތުތައް ކަމަށް ވދިާޅުވި އެވެ.

ޕީޕީއެމްގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަދި ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޚަލީލް ވިދާޅުވީ ރައްޔިތުންގެ ހުވަފެންތަކުގައި ކުލަ ޖައްސަވައިދެއްވީ ޔާމީން ކަމަށެވެ. ރޭ ފެނުނީ ސަޅިބައިސާ ކަނޑާ ބަޔަކު ވެރިކަމަށް ގެނައުމުން މާޔޫސްވެފައި ތިބި ދިވެހި ގައުމު ޔާމީނަށް އެދި ގޮވާ މަންޒަރު ކަމަށެވެ.

ޕީޕީއެމްގެ މި ވާހަކަތަކަށް އެމްޑީޕީގެ ބައެއް ސަޕޯޓަރުން ރައްދުދިނީ އެ ޕާޓީގެ ރައީސް ނަޝީދު އާއްމުކޮށް ވިދާޅުވާ "މިތުރުންގެ ހިތަށް ދަތިކުރި ކަޅު ކޮންމެ ރެއެއް ވެސް ފިތުރަތުގެ އުސޫލުން ނިމިދަނީ ފަތިހަށެ އަމުދުން" ޅެން ބައިތުންނެވެ.

"..އިރާދަކުރެއްވިއްޔާ އެމްޑީޕީ އޮތީ ގަދަކޮށް ބަދަހިކޮށް. އެހެން އެ ދައްކާ ސައިބޯނި ބޮއްކަކަށް އެމްޑީޕީ ނުގުޑާނެ" އިސްލާހު ކުރަން ކަންކަން ހުރި ކަން ފާހަގަކޮށް ޓުވީޓް ކުރި މީހަކު ބުނެފައިވެ އެވެ.

"އެމްޑީޕީ، މި އޮޑިއެއް ނުފެތޭނެ. މިއީ ހުރިހާ ކަނޑަކަށް ހެޔޮވަރު އޮޑިއެއް، މި އޮޑީގައި ތިބީ ހިތްވަރުގަދަ ރައްޔިތުން"

ރިޔާސީ އިންތިޚާބުގެ ތެރޭގައި ވެސް ޕީޕީއެމުން ބިޔަ ޖަލްސާތައް ބާއްވައި އަދަދު ދައްކައިލި އެވެ. އެކަމަކު، އެ ޖަލްސާތަކުން ފެނުނު އަދަދާއި ވޯޓުގެ ނަތީޖާގެ އަދަދު ދިމައެއް ނުވި އެވެ. ދެން އޮތީ، ރޭ ޕީޕީއެމްގެ ޖަލްސާ އިން ފެނުނު އަދަދު ކައުންސިލް އިންތިޚާބުގެ ނަތީޖާ އިން ވެސް ދައްކާނެތޯ އުފައްދާ ސުވާލެވެ.

ކައުންސިލް އިންތިޚާބުގެ ކުރިން، ޕީޕިއެމުން ހެދި ގޮތަށް ރަށްރަށުން ވާދަކުރާ ކައުންސިލަރުންނާ އެކު މާލޭގައި ބިޔަ ޖަލްސާއެއް ބާއްވައި އެމްޑީޕީގެ އަދަދު ވެސް ދެއްކިދާނެ އެވެ. ޖަލްސާތަކުން ފެންނަ އަދަދާއި ދައްކާ ވާހަކަތަކުގެ "ބިޔަ މަންޒަރު" ގުޅިފައި އޮތީ ވޯޓުގެ ނަތީޖާއާ އެވެ. ރޭގައި މިވީ ކިހިނެއްތޯ އަހާ ސުވާލަށް ސާފު ޖަވާބެއް ވެސް އޭރުން ލިބިދާނެ އެވެ. އެކަމަކު، ސަރުކާރާއި ރައްޔިތުންގެ މަޖިލީސް ވެސް އެއް ބަޔަކަށް ދީގެން، މިދިޔަ ދުވަސްތަކުގައި ކުރެވުނު ތަޖުރިބާގެ ނަތީޖާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުން ނުފެނިދާނެއެކޭ ވެސް ނުބުނެވޭނެ އެވެ. ސަރުކާރުން ކޮށްދޭން ބުނި އެތައް ކަމެއް ކޮށްނުދެވި، ފަހަތުފަޔަށް ބުރަވުމުގެ ނަތީޖާއާ ކުރިމަތިލާން ވެސް ޖެހިދާނެ އވެެ.