އަހުމަދިއްޔާ އަށް ގިނަ ދުވަހު ޚިދުމަތްކުރި މުވައްޒަފުންގެ އަގުވަޒަންކޮށްފި

އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލަށް ގިނަ ދުވަހު ޚިދުމަތްކުރި މުވައްޒަފުންގެ އަގުވަޒަންކޮށްފި އެވެ.


އެ ސްކޫލުގެ 38 ވަނަ އަހަރީ ދުވަސް ފާހަގަކުރަން ރޭ ބޭއްވި ރަސްމިއްޔާތުގައި 30-34 އަހަރާ ދެމެދު މަސައްކަތްކުރި މުވައްޒަފުންގެ އަގުވަޒަންކުރި އެވެ. އޭގެ އިތުރުން ސްކޫލަށް މެދުނުކެނޑި 10 އަހަރު ހިދުމަތްކުރި 47 މުވައްޒަފަކަށް ލިޔުން ދީފައިވެ އެވެ.

އެ ރަސްމިއްޔާތުގައި އަހުމަދިއްޔާގެ ޕްރިންސިޕަލް މުހައްމަދު ރަޝީދު ވިދާޅުވީ ސްކޫލުން ހޯދަމުން އަންނަ ކާމިޔާބު ތަކުރާރުވަނީ ޓީޗަރުންނާއި އިދާރީ މުވައްޒަފުން ކުރާ ބުރަ މަސައްކަތުންނާއި އެ މީހުންގެ މެދުގައި އޮންނަ ބަދަހި ގުޅުމުގެ ސަބަބުންކަމަށެވެ.

އެހެންވެ އޭނާ އެދިވަޑައިގަތީ އަހުމަދިއްޔާ އަށް މިހާރަށްވުރެ މޮޅު ނަތީޖާ އާއި ކުރިއެރުން ހޯދައިދިނުމަށް އިތުރަށް މަސައްކަތް ކޮށްދިނުމަށެވެ.

"ހުރިހާ ގުނަވަނެއްގެ ތެރޭގައި އޮންނަ ބަދަހި ގުޅުން ބައިބައި ނުވާނޭގޮތަށް ހުރިހާ ބޭފުޅުން ވެސް މަސައްކަތް ކޮށްދެއްވުން އެދެން،" 2،900 ދަރިވަރުން ކިޔަވަމުން އަންނަ ސްކޫލުގެ ޕްރިންސިޕަލް ވިދާޅުވި އެވެ.

މިއީ ޕްރީ ސްކޫލުން ފެށިގެން ގްރޭޑް 12އާ ހަމައަށް އަހުމަދިއްޔާގައި ކިޔަވައިދޭން ފެށި އަހަރެވެ. އަދި މިއީ މާލޭގައި ޕްރީ ސްކޫލުން ފަށައިގެން މަތީ ސާނަވީއާ ހަމައަށް ކިޔަވައިދޭ ހަމައެކަނި ސްކޫލް ވެސް މެ އެވެ.