ކޮވިޑް-19 އަށް ރާއްޖޭގައި ފުރަތަމަ ފަހަރަށް މީހަކު ޓެސްޓްކޮށްފި

ރާއްޖޭގައި ފުރަތަމަ ފަހަރަށް ކޮވިޑް-19 އަށް މީހަކު މިއަދު ޓެސްޓުކޮށްފި އެވެ.


ދުނިޔޭގައި ހަލުވިކަމާ އެކު ފެތުރެމުންދާ ކޮވިޑް-19 ރޯގާގައި 85،000 އަށް ވުރެ ގިނަ މީހުންގެ ގައިން ވައިރަސް ފެނި އަދި 2،900 އަށް ވުރެ ގިނަ މީހުން މިހާރު ވަނީ މަރުވެފަ އެވެ. ރާއްޖެ އިން މިހާތަނަށް އެ ވައިރަސް ފެނިފައި ނުވިޔަސް، އެ ވައިރަހަށް ޓެސްޓް ކުރެވޭނެ އިންތިޒާމް މިހާރު އޮތީ ހަމަޖައްސައިފަ އެވެ.

ހެލްތު މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ އައިޖީއެމްއެޗްގައި ނިއުމޯނިއާ އަށް ފަރުވާ ދެމުންދާ މީހަކު ކޮވިޑް-19 އަށް މިއަދު ޓެސްޓް ކުރި ކަމަށެވެ. އެކަމަކު، އޭނާ އެ ވައިރަހަށް ނެގެޓިވް ވެފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.

މިއީ ރާއްޖޭގައި އެފަދަ ޓެސްޓެއް ކުރި ފުރަތަމަ ފަހަރު ކަމަށާއި ކޮވިޑް-19 ނުވަތަ ކޮރޯނާވައިރަސް ފެތުރޭ ގައުމަކަށް ދަތުރު ނުކުރިޔަސް، ނިއުމޯނިއާ ނުވަތަ އަރިދަފުސް ރޯގާ ޖެހިިގެން ސީރިއަސް ހާލަތަކަށް ދާ މީހުން ޓެސްޓް ކުރަން ފަށާފައިވާ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.

ހެލްތު މިނިސްޓްރީން ބުނިގޮތުގައި، ކޮވިޑް-19 ގެ ހާލަތު ސަރުކާރުން އަންނަނީ ވަރަށް ގާތުން ބަލަމުންނެވެ. އެ ވައިރަސް ރާއްޖެ އަތުވެދާނެ ކަމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާ ކަމަށް ވެސް އެ މިނިސްޓްރީގެ ބަޔާނުގައި ވެ އެވެ.

އަދި ކޮރޯނާވައިރަސް ރާއްޖެ އިން ފެނިއްޖެ ނަމަ، އާންމު ކުރާނެ ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.

މިއީ ރާއްޖޭގައި އެފަދަ ޓެސްޓެއް ކުރި ފުރަތަމަ ފަހަރު ކަމަށާއި ކޮވިޑް-19 ނުވަތަ ކޮރޯނާވައިރަސް ފެތުރޭ ގައުމަކަށް ދަތުރު ނުކުރިޔަސް، ނިއުމޯނިއާ ނުވަތަ އަރިދަފުސް ރޯގާ ޖެހިިގެން ސީރިއަސް ހާލަތަކަށް ދާ މީހުން ޓެސްޓް ކުރަން ފަށާފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުނެ އެވެ.

ރާއްޖޭގައި، ކޮރޯނާވައިރަހަށް ޓެސްޓު ކުރެވޭނެ އިންތިޒާމު ހަމަޖެހުނީ އެކަމަށް ބޭނުންވާ ކިޓުތައް ޑަބްލިއުއެޗްއޯ އިން ހަދިޔާކުރުމާ ގުޅިގެންނެވެ.

މި މަހުގެ 20 ގައި، އެ ކިޓުތަކާ ރަސްމީކޮށް ހަވާލުވެވަޑައިގަތުމަށް ފަހު، ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެފައި ވަނީ އެ ދުވަހުން ފެށިގެން ރާއްޖޭގައި ކޮރޯނާވައިރަހަށް ޓެސްޓު ކުރެވޭނެ ކަމަށެވެ. އަދި ޓެސްޓުގެ ނަތީޖާ 10-12 ގަޑިއިރުގެ ތެރޭގައި ލިބޭނެ ކަމަށް ހެލްތު މިނިސްޓްރީން ވަނީ ބުނެފަ އެވެ. ރާއްޖޭގައި އެ ޓެސްޓު ކުރެވޭނީ އައިޖީއެމްއެޗުން އެކަންޏެވެ.

ޑަބްލިއުއެޗްއޯ އިން ވަނީ، ކޮވިޑް ވައިރަަހަށް ޓެސްޓު ކުރުމަށް ބޭނުންވާ 10 ކިޓާއި ޕާސަނަލް ޕްރޮޓެކްޝަން އިކުއިޕްމެންޓް (ޕެޕް) ރާއްޖެ އަށް ހަދިޔާކޮށްފަ އެވެ. އެ ކިޓްތައް ބޭނުންކޮށްގެން 1،000 މީހުން ޓެސްޓުކުރެވޭނެ ކަމަށް ހެލްތު މިނިސްޓްރީން ބުނެފައި ވެ އެވެ. ޕެޕް އަކީ އެ ވައިރަސް ހުރި ކަމަށް ޝައްކުކުރެވޭ މީހުންނާ އެކު މަސައްކަތްކުރާ ސިއްހީ މަސައްކަތްތެރިންނަށް ރައްކާތެރިކަން ފޯރުކޮށްދޭ އިކުއިޕްމެންޓެވެ.

ކޮރޯނާވައިރަހަށް ޓެސްޓު ކުރެވޭނެ އިންތިޒާމް ރާއްޖޭގައި ހަމަޖެއްސުމާ ހިސާބަށް އެކަން ކުރަމުން އައީ އިންޑިއާގެ ޕޫނޭ އަށް ޓެސްޓުތައް ފޮނުވައިގެންނެވެ. އޭރު ޓެސްޓުގެ ނަތީޖާ ލިބެން ތިން ދުވަސްވަރު ނެގި އެވެ.