ސީއެސްސީގެ ރައީސާ އެކު، ހަތަރު މެމްބަރަކު ވަކިކުރަން އެންމެ ތިން މެމްބަރުންގެ ވޯޓުން ފާސްކޮށްފި

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ރައީސް ޑރ. އަލީ ޝަމީމް (އެލިޝް) އާ އެކު، އެ ކޮމިޝަންގެ ހަތަރު މެމްބަރަކު މަގާމުން ވަކިކުރަން، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މިރޭ ނިންމައިފި އެވެ.


އެކަމަކު، އެ މެމްބަރުން ވަކިކުރުމާ މެދު އެންމެ ފަހުގެ ގޮތް ނިންމާނީ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުންނެވެ. މަޖިލީހުގައި އެމްޑީޕީގެ ސުޕާ މެޖޯރިޓީ އޮތުމުން، ސީއެސްސީގެ ހަތަރު މެމްބަރަކު ވަކިކުރުމަކީ އެ ޕާޓީން ބޭނުންވާ ގޮތް ކަމަށް ވާތީ، އެކަން ފާސްވުމުގެ ފުރުސަތު ވަރަށް ބޮޑެވެ.

މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ މުގައްރިރް، އައްޑޫ މީދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވީ، ޝަމީމާއި ކޮމިޝަންގެ ނައިބު ރައީސް ޝަހީދު މުހައްމަދާއި މެމްބަރުންގެ ގޮތުގައި ތިއްބެވި ޒަކަރިއްޔާ ހުސެއިންގެ އިތުރުން އިބްރާހިމް ޝަހީގު ވަކިކުރަން، ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުން ނިންމާފައިވާ ކަމަށެވެ.

ޖުމްލަ 12 މެމްބަރުން ހިމެނިވަޑައިގަންނަވާ މި ކޮމިޓީގެ ބައްދަލުވުމަށް މިރޭ ވަޑައިގަތީ އެންމެ ފަސް މެމްބަރުންނެވެ. އެކަމަކު، ވޯޓަށް އެހި ގަޑީގައި ތިއްބެވީ ހަތަރު މެމްބަރުންނެވެ. ވޯޓު އެއްވަރުވެގެން ނޫން ގޮތަކަށް މުގައްރިރަށް ވޯޓުގައި ބައިވެރިވެވަޑައިނުގެންނެވޭތީ، ސީއެސްސީގެ ހަތަރު މެމްބަރުން މަގާމުން ވަކިކުރަން ފާސްކުރީ އެންމެ ތިން ވޯޓުންނެވެ. ކޮމިޓީގެ ކޯރަމަކީ ހަތަރެކެވެ.

މިރޭގެ ބައްދަލުވުމަށް ވަޑައިގަތީ ރޮޒެއިނާގެ އިތުރުން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމާއި އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދާއި ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފް އަދި ކެޔޮދޫ ދާއިރާގެ މެމްބަރު ހުސެއިން ގާސިމެވެ. އެކަމަކު، ވޯޓަށް އެހި ގަޑީގައި މީކާއިލް ވަޑައިގެން ނެތެވެ. އެއީ މުޅިން ވެސް އެމްޑީޕީގެ މެމްބަރުންނެވެ.

ފަސް މެމްބަރުން ހިމެނިވަޑައިގަންނަވާ ސީއެސްސީން ފާތުމަތު އާމިރާ ވަކިކުރާކަށް ނުނިންމަ އެވެ. ތައުލީމީ ދާއިރާ އަށް ގިނަ ހިދުމަތްތަކެއް ކުރެއްވި އާމިރާ މެމްބަރު ކަމަށް އައްޔަން ކުރެއްވީ މި ވެރިކަން ފެށުނު ފަހުން 2018 ގެ ނޮމްބަރު މަހުގެ ތެރޭގަ އެވެ. އާމިރާ އަކީ ރޮޒެއިނާގެ ބޮޑުބޭބެ ކުރީގެ ޗީފް އޮފް ސްޓާފް މޭޖާ ޖެނެރަލް މުހައްމަދު ޒާހިރު (ޓޫޓޫ ޒާހިރު) ގެ އަނބިކަނބަލުން ވެސް މެ އެވެ.

އެ މައްސަލަ ދިރާސާކުރުމަށް ބޭއްވި ކޮމިޓީގައި ކަންބޮޑުވުން ފާޅުކުރެއްވި މެމްބަރުން ވަނީ ސީއެސްސީން މަސައްކަތް ކުރާ ގޮތާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. އަދި ޖަވާބުދާރީވުމަށް ދިން ފުރުސަތުތައި އެކަށީގެންވާ ޖަވާބެއް ނުދެވޭ ކަމަށް ވެސް ކޮމިޓީގައި ވާހަކަ ދެއްކެވި މެމްބަރުން ފާހަގަކުރެއްވި އެވެ.

ސީއެސްސީގެ މެމްބަރުން ވަކިކުރަން ނިންމީ އެ ކޮމިޝަންގެ މަސައްކަތް ލަސްވެ ހިންގަން ދަތިވާ ކަމަށް ވިދާޅުވެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި ވަޒީރުން ނުރުހުން ފާޅުކޮށްފައި ވަނިކޮށެވެ. މިދިޔަ މަހު ބޭއްވި ކޮމެޓީގެ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުން ވަނީ ވަޒީފާ އަށް މުވައްޒަފުން ނެގުމާއި މިނިސްޓްރީތަކުގެ އޮނިގަނޑުތައް އެކުލަވައިލުމުގައި ވެސް ސިވިލް ސާވިސްގެ ދުވެލި ލަސްވެ، ބައެއް ކަންކަމަށް އެއްބަސްނުވެވި މަސައްކަތްތައް ހުއްޓިފައި ހުންނަ ކަމަށެވެ.