ބިގްމޭންގައި ރޯވެ، ކައްކާ ފިހިއްޖެ

ޗާންދަނީ މަގުގައި ހުންނަ ބިގްމޭން ރެސްޓޯރެންޓްގައި އަލިފާނުގެ ހާދިސާއެއް ހިނގައި އެތަނުގެ ކައްކާއެއް ވަރަށް ބޮޑަށް ފިހިއްޖެ އެވެ.


އެމްއެންޑީއެފުން ބުނީ ހެނދުނު 8:00 ހާއިރު ރެސްޓޯރެންޓްގެ ބަދިގޭގައި ރޯވީ ގޭސް ލީކްވެފައި ހުއްޓާ އުނދުން ރޯކުރުމުގެ ސަބަބުން ކަމަށެވެ. އަލިފާންގަނޑު މާބޮޑަށް ނުފެތުރެނީސް ވަނީ ނިއްވާލައިފަ އެވެ.

ބިގްމޭންގައި ރޯވި އަލިފާންގަނޑު ނިއްވާލުމަށް ސިފައިން ހަރަކާތްތެރިވަނީ: އެ ހާދިސާގައި ބިދޭސީއަކު ވަނީ ވަރަށް ބޮޑަށް ފިހިފައި-- ފޮޓޯ: އެމްއެންޑީއެފް

އެމްއެންޑީއެފްގެ ތަރުޖަމާނު، މޭޖާ އިބްރާހިމް އާޒިމް ވިދާޅުވީ އެ ހާދިސާގައި ބިދޭސީއަކު ވަރަށް ބޮޑަށް ފިހިގެން ފަރުވާ ދިނުމަށް އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށެވެ.

"ބޮޑެތި ގެއްލުންތަކެއް ބަދިގެއަށް ވެސް ވަނީ ލިބިފައި،" އާޒިމް ވިދާޅުވި އެވެ.

ރޯވި އިމާރާތުން އޭސީ އައުޓްޑޯ ޔުނިޓެއް ވެއްޓިފައި: މީހެއްގެ ގައިގައި ނުޖެހުނީ ހަމަ ކިރިޔާ-- ފޮޓޯ: އެމްއެންޑީއެފް

އެ ހާދިސާ ހިނގި ވަގުތު ބާރުގަދަ ގޮވުމަކާއެކު، އެ އިމާރާތުގައި ހަރުކޮށްފައި އިން އޭސީ އައުޓްޑޯ ޔުނިޓެއް ވަނީ މަގުމައްޗަށް ވެއްޓިފަ އެވެ. ސީސީޓީވީން ފެންނަ ގޮތުގައި އެ ވެއްޓުނު ވަގުތު އެ މަގުން ހިނގާފަ ދިޔަ މީހެއްގައިގައި ނުޖެހި ސަލާމަތްވީ ކިރިޔާ އެވެ.