ކޭސްވޯކަރަކަށް 76 މައްސަލައާ އެކު ބުރަބޮޑު: ރިޕޯޓް

ސޯޝަލް ސާވިސަސްގައި މަސައްކަތްކުރާ ފަންނީ މުވައްޒަފުން (ކޭސް ވޯކަރުންނާ) އެއްފަހަރާ ހަވާލުކުރާ މައްސަލަތަކުގެ އަދަދު ގިނަވެ، އެ މީހުންނަށް ބުރަ ބޮޑުވުމުގެ ސަބަބުން އެކަށީގެންވާ ގޮތެއްގައި މައްސަލަތައް ނުބެލޭތީ އެކަން އިސްލާހުކުރަން ފިޔަވަޅު އަޅަން ކަމާބެހޭ ފަރާތްތަކަށް އޮޑިޓް ރިޕޯޓުގައި ލަފާ ދީފި އެވެ.


އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތު އިއްޔެ ނެރުއްވި، ފެމިލީ ސަޕޯޓް އެންޑް ސޯޝަލް ސާވިސް ޑިޕާޓްމެންޓުގެ ޕަފޯމަންސް އޮޑިޓް ރިޕޯޓްގައި ބުނެފައި ވަނީ ކުޑަކުދިންނާ ގުޅުން ހުރި އެކި މައްސަލަތައް ހުށަހަޅާ އަދަދު 2017 އިން ފެށިގެން އިތުރު ވަމުންދާ ކަމަށެވެ. އެކަަމަކު މިނިސްޓްރީ އަށް ހުށަހަޅާ މައްސަލަތަކާ އަޅާބަލާއިރު އެކަށިގެންވާ އަދަދަށް ފަންނީ މުވައްޒަފުން ނުވަތަ ކޭސްވޯކަރުން ނެތް ކަމަށާއި އަދި ފަންނީ މުވައްޒަފުން ހޯދަން ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ.

"ފެބުރުއަރީ، 1، 2020 އާ ހަމައަށް ޑިޕާޓްމެންޓުގައި 16 ކޭސް ވޯކަރުންނާއި 1 ސުޕަވައިޒަރު މަސައްކަތް ކުރަމުންދާ އިރު އެވްރެޖްކޮށް ކޮންމެ ކޭސް ވޯކަރަކަށް 76 ކޭސް އެލޮކޭޓް ކުރެވިފައި ވުން،" ރިޕޯޓުގައިވެ އެވެ.

ބިދޭސީންނާ އެކު ރާއްޖޭގެ އާބާދީ 500،000 އަށް އަރާފައިވާ އިރު، މި ބޮޑު އާބާދީގެ ތެރޭގައި ހިނގާ މައްސަލަތަކުގައި ރައްކާތެރިކަން ހޯދައިދޭން މާލެ އާއި އަތޮޅުތައް ހިމެނޭ ގޮތުން ސޯޝަލް ސާވިސަސްގައި ތިބީ އެންމެ 80 މުވައްޒަފުންނެވެ. ދެ އަހަރު ނުފުރޭ ކުއްޖަކަށް ޖިންސީގޯނާކުރި މައްސަލަ ފެންމަތިވެ، އުފެދުނު ކަންބޮޑުވުންތަކާ އެކު ނިޒާމުގެ ހާލަތު ބެލިއިރުފެންނަން އޮތީ ސޯޝަލް ސާވިސަސް ބަލިކަށި މިންވަރެވެ. މައްސަލަތައް އެކަށީގެންވާ ގޮތެއްގައި ނުބެލެ އެވެ. ފިޔަވަޅު އެޅުން ލަހެވެ. އަނިޔާ ލިބި އަތޮޅުތަކުގައި ނުރައްކަލަށް ހުށަހެޅިފައިވާ ކުދިން މޮނިޓަކުރުމާއި ސައިކޯ ސޯޝަލް ސަޕޯޓް ދިނުން އެހާ ދަށެވެ.

މާލެ އާއި އަތޮޅުތަކުގައި މަސައްކަތްކުރާ 80 ކޭސް ވޯކަރުންގެ ތެރެއިން މާލޭގައި 30 ވޯކަރުން ތިބޭއިރު، އަނެއް 50 މީހުން ތިބެނީ އަތޮޅުތަކުގައި ހުންނަ ސެންޓަރުތަކުގަ އެވެ. އެ މީހުން ބަލަނީ ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތައް އެކަންޏެއް ވެސް ނޫނެވެ. ގެވެށި އަނިޔާ އާއި ކުދިންނަށް ކުރާ ޖިސްމާނީ އަދި ނަފްސާނީ އަނިޔާތައް ބެލުމާއި އުމުރުން ދުވަސްވީ މީހުންނަށް ކުރިމަތިވާ މައްސަލަތަކުގައި ވެސް މީގެތެރޭގައި ހިމެނޭނެ އެވެ.

ގިނަ ދަތުރުތައް ކުރަން ޖެހި، މައްސަލަތަކުން ސިކުނޑި ބަރުވެފައި ތިބޭ މި މުވައްޒަފުންގެ މުސާރަ ވެސް ނިސްބަތުން ކުޑަ އެވެ.

އޮޑިޓުގައި ބުނީ ކޭސްވޯކަރުންނަށް އެއްފަހަރާ ގިނަ އަދަދެއްގެ މައްސަލަ ހަވާލުކުރުމުން ބުރަ ބޮޑުވެ އެކަށީގެންވާ ގޮތެއްގައި މައްސަލަތައް ނުބެލޭ ކަމަށެވެ. މައްސަލަތަކަށް އެކަށީގެންވާ ވަގުތު ނުދެވި ދިއުމުން މަސައްކަތުގެ ފެންވަރަށް އަސަރުކުރާ ކަމަށް އޮޑިޓް އޮފީހުން ބުންޏެވެ.

އަނެއް ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކޮށްފައި ވަނީ ސުޕަވައިޒަރުންނަށް ވެސް އެކަށީގެންވާ އަދަދަށް ވުރެން ގިނަ މައްސަލަތައް ހަވާލުކޮށްފައި ވުމުން، ކޭސް ވޯކަރުންނަށް މައްސަލަތަކާ ގުޅޭ ގޮތުން އިރުޝާދު ނުދެވުމެވެ.

"ޖަޒްބާތީ އަދި ނަފްސާނީ ގޮތުން ބުރަ މާހައުލެއްގައި ކޭސްވޯކަރުން މަސައްކަތް ކުރަމުންދާ އިރު އަމިއްލަ ނަފްސަށް އަޅާލާނެ ވަގުތު ނުލިބޭ ކަމަށް މި އޮޑިޓުގެ ތެރެއިން ކުރިއަށް ގެންދިޔަ ސާވޭގައި ބައިވެރިވި 15 ކޭސްވޯކަރުންގެ ތެރެއިން 86 ޕަސެންޓް މުވައްޒަފުން ބުނެފައިވޭ."

އެކަމަށް އެކަށީގެންވާ ހައްލެއް ހޯދައިދޭން މަސައްކަތް ކޮށްފައި ނުވުމަކީ ކޭސްވޯކަރުންގެ އޮތް ކަންބޮޑުވުމެކެވެ.

ކޭސްވޯކަރުންނަށް ދިމާވެފައިވާ ދަތިތައް ހައްލުކުރަން އަވަސް ފިޔަވަޅު އަޅަން އޮޑިޓަ ޖެނެރަލް ވަނީ ލަފާ ދެއްވައިފަ އެވެ. އެގޮތުން މުވައްޒަފުން އިތުރުކުރަން ޕޮލިސީ ލެވެލްގައި އެޅެން ހުރި އަވަސް ފިޔަވަޅުތައް އެޅުމަށް އަންގާފައިވެ އެވެ.

އެ މީހުންގެ ނަފްސާނީ ގޮތުން ދުޅަހެޔޮބަޔަކަށް ހެދުމަށް އެކަށީގެންވާ ތަމްރީން ޕްރޮގްރާމްތައް ރާވައި ހިންގަން ވެސް ސަމާލުކަން ދޭން އޮޑިޓުގައި ލަފާ ދީފައިވެ އެވެ. އަދި މައްސަލަތައް ހަވާލުކުރަން ޖެހޭނީ، ރިޕޯޓުގައި ބުނިގޮތުގައި، އެ ކޭސްވޯކަރަކަށް އެކަށީގެންވާ ވަގުތާއި ސަމާލުކަންދީގެން ބެލޭނެ މިންވަރަކަށެވެ.