ބައިސްކަލަކާ އެކްސިޑެންޓުވި ކާރަކުން ޖެހި ފާރެއް ވެއްޓިއްޖެ

އައްޑޫ ފޭދޫގައި މިއަދު ބާރު ސްޕީޑުގައި ދުއްވި ޓެކްސީ ކާރެއް ބައިސްކަލަކާ އެކްސިޑެންޓުވި ކޮންޓްރޯލު ނުވެ ގޮސް ފާރެއްގައި ޖެހި މީހުންނަށާއި ވެހިކަލަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.


މިއަދު މެންދުރު 12:00 ހާއިރު ހިނގި މި އެކްސިޑެންޓުގައި، ބައިސްކަލް ދުއްވި އަންހެން މީހާގެ ކޯމަތިން ފަޅައިގެން ގޮސް ޒަހަމްވެފައިވެ އެވެ. އޭނާ އަށް ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ.

ކާރު ދުއްވަން އިން ފިރިހެން މީހާ އަށް ވެސް އެކި ވަރުގެ ޒަހަމްތައް ލިބުނެވެ.

ކާރާއި ބައިސްކަލް އެކްސިޑެންޓުވެ ކާރު ކޮންޓްރޯލް ނުވެ ގޮސް ޖެހުނީ ގެއެއްގެ އިންފާރުގަ އެވެ. ކާރު ޖެހުނުލެއް ބާރުކަމުން ފާރު ވެއްޓި، ކާރު ގޮސް އޮތީ ގޭގެ ގޯތި ތެރޭގަ އެވެ. ޓެކްސީ ކާރުގެ ކުރީކޮޅު ވަރަށް ބޮޑަށް ހަލާކުވެފައިވެ އެވެ.

ފުލުހުން އަންނަނީ މި އެކްސިޑެންޓް ތަހުގީގުކުރަމުންނެވެ.